ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ގެދޮރުވެރިކަމުގެ ދާއިރާއިން ކުރިއަށްއޮތީ މުހިއްމު ދުވަސްތަކެއް: ރައީސް
ޚަބަރު

ގެދޮރުވެރިކަމުގެ ދާއިރާއިން ކުރިއަށްއޮތީ މުހިއްމު ދުވަސްތަކެއް: ރައީސް

މމުހައްމަދު އަލީ22 ސެޕްޓެމްބަރު 2025
ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ދާއިރާއިން މ. ދިއްގަރުގެ ތަރައްޤީއަށް، އަދި އާބާދީ އެއްފަސްކުރުމަށްވެސް މުހިންމު ދުވަސްތަކެއްކަމުގައި ޤަބޫލުފުޅުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ދިއްގަރަށް މިއަދު ހެނދުނު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. މ. ދިއްގަރަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހިންގޭ ހައުސިންގް މަޝްރޫޢުތަކުގެ ތެރެއިން ފުރަތަމަ މަޝްރޫޢުގެ ގޮތުގައި، 75 ހައުސިންގް ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާ، މި މަޝްރޫޢު ނިމުމުގެ ކުރިން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ގަސްތުކުރައްވާނެ ކަމަށާ، އަދި އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް، ކަމާ ގުޅުންހުރި ފަރާތްތަކުން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ދިއްގަރު ބަނދަރުގެ މައްސަލައަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޖާގައިގެ ގޮތުންނާއި، މަރާމާތުގެ ގޮތުން ބަނދަރު އަޕްގްރޭޑްކުރަންޖެހިފައި އޮތްކަން ފާހަގަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިމަޝްރޫޢު ހިންގަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. ހަމަމިއާއެކު، ދިއްގަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، މަލްޓިޕަރޕަސްހޯލަކާއެކު 9 ކުލާސްރޫމް ހިމެނޭހެން އިތުރު އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންގޮސްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ދިއްގަރަކީ މަސްވެރި ރަށެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގެންނަ ކުރިއެރުންތަކުގެ ސަބަބުން، ރަށުގެ މަސްވެރިންނަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. ބައެއް ކަންކަމަކީ، ކުއްލިއަކަށް ކުރެވޭނެ ކަންކަމެއް ނޫން ކަމަށާ، އެއީ އެއްވެސް ހާލެއްގައި ވަޢުދު ނުފުއްދެވުމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އުމްރާނީ ވަސީލަތްތަކުގެ ދާއިރާ، ގެދޮރުވެރިކަމުގެ ދާއިރާ ހިމެނޭހެން، މިފަދަ ހުރިހާ ދާއިރާއަކުން، ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ އަމަލީ ގޮތުން ވަރަށް ގިނަ ކަންތައްތައް ހިނގާ، އަދި ނިމެމުންދާ މަންޒަރުކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ގުޅުންހުރި ޚަބަރު