ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ޚަބަރު

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ހިރި ނިއުސްހިރި ނިއުސް23 ސެޕްޓެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ދެޤައުމުގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، ދެޤައުމުގެ މެދުގައި އޮތް މި ގުޅުން ބިނާވެފައިވަނީ އިސްލާމީ އަޚުވަންތަކަމާއި، އިޙްތިރާމާއި، އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާއި، އިސްލާމީ އުންމަތުގެ ފައިދާއަށްޓަކައި ހަރުދަނާ ގޮތެއްގައި، އިތުރަށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެއްބާރުލުމާއި، ޚާއްޞަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގައި ސަޢޫދީ ޢަރަބިއްޔާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައިވެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައިވެސް، ދެޤައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުމާއި، ދެޤައުމުގެ ލާބައަށް ކުރެވެމުންދާ ކަންކަން ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު