ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ޚަބަރު

ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ހިރި ނިއުސްހިރި ނިއުސް27 ސެޕްޓެމްބަރު 2025
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ މާލެ ވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި އަތޮޅުތަކުގެ އެކި ރަށްރަށުގައި، ތަރައްޤީގެ އެކި މަޝްރޫޢުތަކާއި މަސައްކަތްތައް ފައްޓަވައި، ބައެއް މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން، އާރް.ޓީ.އެލް ފެރީ ނިޒާމުގެ ޚިދުމަތް ފެއްޓެވުމާއި، ވައިގެބަނދަރުތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ފެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، ހަތަރު އަތޮޅުގެ ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވި ރަށްތަކާއިއެކު، އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގެންނެވި ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ފެށިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމާގުޅޭ މުހިންމު ނިންމެވުންތައް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކާއި، ބޭންކިންގ ގެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް އަދި އާންމު ފަރުދުންނަށް ފައިދާކުރާނެ މުހިންމު ނިންމެވުންތަކެއް ވަނީ އިއުލާންކުރައްވާފައެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ މި ސަރުކާރުން ވަރަށްބޮޑު އަހުމިއްޔަތުކަމެއްދެއްވާ ސިޔާސަތެކެވެ.
  • ޚަބަރާއި ފޮޓޯ ރައީސް އޮފީސް
 

ގުޅުންހުރި ޚަބަރު