ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ރައީސްގެ ޝުކުރު ހަތަރު އަތޮޅުގެ ރައްޔިތުންނަށް
ޚަބަރު

ރައީސްގެ ޝުކުރު ހަތަރު އަތޮޅުގެ ރައްޔިތުންނަށް

ހިރި ނިއުސްހިރި ނިއުސް27 ސެޕްޓެމްބަރު 2025
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން ވިދާޅުވި މަރުޙަބާއާއި ދެއްވި މެހުމާންދާރީއަށްޓަކައި އެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު ރަށްކަމަށްވާ، ތިމަރަފުށީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މެހުމާންދާރީ އަދާކުރައްވައި އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް، ރައްޔިތުން ބޭނުންވާކަންކަން ވަރަށް ރަނގަޅަށް ހިއްސާކުރެއްވިކަމަށެވެ. މިކަމުގެ ސަބަބުން އެމަނިކުފާނު ރައްޔިތުން ގާތަށް ކުރެއްވި މި ޒިޔާރަތުގެ މަޤްޞަދު ޙާސިލުވެގެންދިޔަ ކަމަށް ވިދާޅުވިއެވެ. މިހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޖުމުލަ 40 އެއްބަސްވުމެއްގައި ސޮއިކުރައްވައި، 60 މަޝްރޫޢެއް ފައްޓަވައި، 24 މަޝްރޫޢެއް ނިމިގެން ދިޔަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ހަތަރު އަތޮޅުގައި، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ނުހުޅުވި ހުރި ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، މިހާރު ވ، މ،ފ އަދި ތ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ހުރިހާ މަޝްރޫޢުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢު ކުރިއަށް ގެންދެވުނީ ތ. އަތޮޅުގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޒަމާންތަކެއްވަންދެން ތަރައްޤީގެ ރާޑަރުން ކައްސާލާފައި އޮތް ކޮޅުމަޑުލު، ތަރައްޤީގެ ރާޑަރުގެ ސީދާ މެދަށް ގެނެވިފައިވާކަމަށެވެ. ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު