ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ގުރުއާން މުބާރާތުގެ އެއްވަނަ އަށް ޕީއެޗްޑީއާހަމައަށް ކިޔެވުމުގެ ފުރުސަތު
ޚަބަރު

ގުރުއާން މުބާރާތުގެ އެއްވަނަ އަށް ޕީއެޗްޑީއާހަމައަށް ކިޔެވުމުގެ ފުރުސަތު

މމުހައްމަދު އަލީ30 ސެޕްޓެމްބަރު 2025
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެކި ބައިތަކުން އެއްވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް )އެފަރާތަކުން ބޭނުން ގައުމަކުން( ތައުލީމް ހާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށްކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުން ފެށިގެން، ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމް ހާސިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ދިނުމަށް ނިންމަވާފައިވާކަމަށެވެ. އަދި މުޅި މުބާރާތުން ތިން ބައިން އެއްވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެކަމަށާއި، އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ކިޔެވުން ކުރިއަށްގެންގޮސްފައިވަނީ ސެޕްޓެމްބަރު މަހުގެ 18 އިން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތުގައި މިއަހަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 1023 ފަރާތަކުން ބައިވެރިވިއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ކިޔެވި 29 ބައިވެރިންނެވެ. މިމުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހުއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ޤުރުއާންކިޔެވުމުގެ މުބާރާތެވެ. މިގޮތުން މެދު ނުކެނޑި އެންމެ ދިގު މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާ މިމުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ބައިވެރިންނާއި ބެލެނިވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށްވެސް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިމުބާރާތަކީ ސީދާ ސަރުކާރުގެ ޚަރަދުގައި ބާއްވަމުންދާ މުބާރާތަކަށް މިހާރު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ޚަބަރު