ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދިގުރަށު ރައްޔިތުންނަށް ގޯތިދޭނީ ރައްޔިތުން އެދޭގޮތަށް: ރައީސް
ޚަބަރު

ދިގުރަށު ރައްޔިތުންނަށް ގޯތިދޭނީ ރައްޔިތުން އެދޭގޮތަށް: ރައީސް

މމުހައްމަދު އަލީ6 އޮކްޓޯބަރު 2025
އދ. ދިގުރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލަ ހައްލުކުރުމަށް، ރައްޔިތުން އެދޭގޮތަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. އެ މަނިކުފާނު މިކަމުގެ ޔަގީންކަންދެއްވީ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ. ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހާކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ލޭންޑް ޔޫޒް ޕްލޭނާއި އެކަމަށް ހެދިފައިވާ އުސޫލަކީ، އެންމެ ފުރިހަމައަށް ހެދިފައިވާ އެއްޗެއްނޫންކަމަށެވެ. މިހާރު ފާސްކުރެވިފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގޯތި އިތުރުކުރަން ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫޒް ޕްލޭނާއި އެކަމާގުޅޭ އުސޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންކަން އިއުލާން ކުރެވިގެންދާ ގޮތަށް އުސޫލް ބައްޓަންކޮށް، ހައުސިންގ މިނިސްޓްރީން ކައުންސިލަށް އުސޫލު ފޮނުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ އުސޫލު ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެކު ފައިނަލް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ. ދިގުރަށުގެ ތަރައްގީއަށް ހިންގަވަން ނިންމަވާފައިވާ މުހިންމު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން، ރަށުގައި މަސައްކަތްކުރާ ބޭރު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން އިމާރާތެއް އަޅުއްވާނެކަމަށެވެ. މީގެ އިތުރުން އެންމެ ފުރިހަމަ ފުޓުބޯޅަ ދަނޑެއްވެސް އަޅައިދިނުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައި، ދިގުރަށު މަގުހެދުމުގެ މަޝްރޫޢާއި ސްކޫލްގެ އައު އިމަރާތް ބިނާކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އދ. ދިގުރަށު ޕޮލިސް ޕޯސްޓްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ އިތުރުން، އދ. ދަނގެތީ ޞިއްޙީ މަރުކަޒުގެ އޮފީސް އިމަރާތް ވަނީ ހުޅުވާފައެވެ.  

ގުޅުންހުރި ޚަބަރު