ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ޚަބަރު

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ހިރި ނިއުސްހިރި ނިއުސް29 އޮކްޓޯބަރު 2025
ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީގެ ރައީސް އުރްދުޣާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ތުރުކީވިލާތުން ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރުމުގައި ދިވެހިރާއްޖެ ބައިވެރިވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ ތަރަހައިގެ މަތީ ޤާއިމުކޮށްފައިވާ، ގާތް، ރަޙުމަތްތެރި ގުޅުމުގެ އަގުވަޒަންކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ މެސެޖުގައި ވަނީ، ރައީސް އުރްދުޣާނަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ތުރުކީވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ތުރުކީވިލާތުގެ ރައްޔިތުންނަށް ތަރައްޤީ ލިބެމުންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އަމަންއަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖެވެސް ހިމެނޭ ގޮތަށް، ތުރުކީވިލާތުން ޤާއިމުކޮށްފައިވާ ގުޅުންތަކުގެ ފައިދާ، އެންމެހާ ބައިވެރިން ހިއްސާކުރަމުންދާނޭކަން ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު