ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޤައުމެއް ކުރިއަރާނީ ސިކުނޑިއާއި އަތްތައް ތަރައްޤީވެގެން: މެޑަމް ސާޖިދާ
ޚަބަރު

ޤައުމެއް ކުރިއަރާނީ ސިކުނޑިއާއި އަތްތައް ތަރައްޤީވެގެން: މެޑަމް ސާޖިދާ

ހިރި ނިއުސްހިރި ނިއުސް30 އޮކްޓޯބަރު 2025
ޤައުމެއް އާރާސްތުވެ ކުރިއަރާނީ ސިކުނޑިތަކާއި އަތްތައް ތަރައްޤީވެ، ވިސްނުންތެރިކަމާއި އުފެއްދުންތައް މަތިވެރިވެގެންކަމަށާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކުރުމަށް އަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ދިވެހި ހުރިހާ ޒުވާނުންނަށް ގޮވާލައްވައިފިއެވެ. އެކަމަނާ މިފަދައިން ގޮވާލެއްވީ، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން، ޤާބިލު، ދިވެހި ޒުވާނުން އުފެއްދުމަށް ބާރު އަޅާ، އެ ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޕޮލިޓެކްނިކުން އިންތިޒާމުކުރައްވައިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާ، "ސްކިލްފެސްޓް" އޯޕަންޑޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، އިންސާނާ ޚަލްޤުކުރައްވާފައިވަނީ އޭނާގެ ކިބައިގައި އެތައް ހުނަރެއް ހިމެނިގެންވާ ގޮތަށްކަމަށާ، ފަހުން ކުރަން ޖެހޭ ކަމަކީ، އެ ހުނަރުތައް ތަރައްޤީކޮށް، ފެންވަރު މަތިކުރުންކަމުގައި ފާހަގަކުރައްވާފައިވެއެވެ. މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްކުރެވެން ހުރި މަސައްކަތްތަކާއި ތަރައްޤީކުރެވެން ހުރި ހުނަރުތައް ދަސްކުރުމުގެ ފުރުސަތަކީ އާންމުކޮށް ހުޅުވާލެވިފައިވާ ފުރުސަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އުފާވެރި، އުފެއްދުންތެރި އަދި ޤަދަރުވެރި ދިރިއުޅުމަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ. ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ހުނަރުވެރި ޖީލެއް އޮތް ޤައުމެއް ކަމަށާ، ކުރީގެ ޖީލުތަކަކީ ދުނިޔެއަށް އެ ހިނދަކަށް އައި ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކާއި އެއްހަމައެއްގައި ކުރިއަށްދިޔަ ބައެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ތަފާތު އެކި ދާއިރާތަކުން ޢިލްމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތުތައް މިއަދު އިންތިހާއަށް ފަހިވެފައިވާއިރު، މަސައްކަތްތެރިކަން ދިރުވުމުގެ ޤާބިލުކަން އަށަގެންނެވުމަށް ދިވެހި ޒުވާނުން ފަސްނުޖެހޭނެކަން ޤަބޫލުފުޅުކުރައްވާކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއެރުވުމަށް، އެކި ނަންނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކުން، ފާއިތުވީ ބައި ޤަރުނުގެ ތެރޭގައި ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި ދާއިރާއަށް އެކިދުވަސްވަރު ޚިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، "ސްކިލްފެސްޓް" އޯޕަންޑޭ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މިރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ އެކަމަނާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މީގެ އިތުރުން، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ރަމްޒުކޮށްދޭ ބޯޑުގެ މަސައްކަތް ފައްޓަވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އެއަށްފަހު އެކަމަނާ ވަނީ، "ސްކިލްފެސްޓް" އޯޕަންޑޭގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ލިބެން ހުރި ފުރުޞަތުތައް ބައްލަލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައެވެ. "ސްކިލްފެސްޓް" އޯޕަންޑޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ އިސްވެރިންނާއި، ބޭރުގެ ޢިއްޒަތްތެރީން ބައިވެރިވެވަޑައިގަތެވެ. ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު