ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރައީސް މައުމޫނަށް ޝަރަފުގެ އައްޑަނައެއް އަރުވަން ނިންމަވައިފި
ޚަބަރު

ރައީސް މައުމޫނަށް ޝަރަފުގެ އައްޑަނައެއް އަރުވަން ނިންމަވައިފި

މމުހައްމަދު އަލީ2 ނޮވެމްބަރު 2025
ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އަރުވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ވެސް ނިންމަވައިފައެވެ. މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޖަލްސާ ފެށޭނީ ހެނދުނު 9 ޖަހާއިރުއެވެ. ރައީސް މައުމޫނަށް މި ޝަރަފުގެ މި އައްޑަނަ އަރުވަން ރައީސް ޑރ. މުޢިއްޒު ނިންމެވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ކޮށްދެއްވައިފައިވާ ތަޢުރީފު ޙައްގު މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ޝަހީދުންގެ ޢާއިލާތަކަށް އައްޑަނަ ދެއްވަން ރައީސް ނިންމެވީ އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ. ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު