ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ނޮވެމްބަރު ތިނެއްގެ ސަބަބާއި މަގުސަދު ދިރާސާކުރުން
ރިޕޯޓް

ނޮވެމްބަރު ތިނެއްގެ ސަބަބާއި މަގުސަދު ދިރާސާކުރުން

އއަހުމަދު މުހައްމަދު3 ނޮވެމްބަރު 2025
އެއްބަޔަކު ގަޔާނުވާނެ މައުޒޫއެކެވެ. އެކަމަކު ފަށަންޖެހޭ މައުޒޫއެކެވެ. ނަމަވެސް މި ލިޔުމުގައި ބަޔާންކުރާނީ ދިރާސާ ކުރެވިދާނެ މައުޒޫއެއްކަން ދޭހަވާ މަދު ނުކުތާތަކަކާއި އޭގެ ބައެއް މިސާލުތަކެކެވެ. އުންމީދަކީ އިލްމީގޮތުން ފަރުމާކުރެވިފައިވާ ދިރާސާއެއް އެކަމަށް ގާބިލް ބޭފުޅަކު ކުރެއްވުމެވެ. ގައުމަށްޓަކައެވެ. ގައުމުގެ މުސްތަގުބަލު ރޭވުމުގެ އެހީއެއްގެ ގޮތުންނެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާއަކީ އާދައިގެ ކަމެއް ނޫނެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެފައިވާ ފަދައިން "އެދުވަހުގެ އެ ޢުދުވާނީ ހަމަލައިގައި، އެ ޣަދަރުވެރި ބާޣީންނަށް ކާމިޔާބުވިނަމަ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ދިޔައީސްކަން ޔަޤީން،" ވާތީއެވެ. އެހެންވީމާ، މިފަދަ ކަމެއްގެ ސަބަބަކީ ފޫޓު ހަމަނުވާ ކަހަނބެކޭ ބުނެއެއް ނުނިންމޭނެއެވެ. އަދި މިކަމުގައި ހިންގިފައިވާ ތަހުގީގަށްފަހު ނެރުނު ފޮތަކީ ކަމުގެ ހުރިހައި މައުލޫމާތެއް ކަމުގައި ވެސް ނިންމައިގެނެއް ނުވާނެއެވެ. މިފަދަ ތަހުގީގުތައް ހިންގަނީ ކުށްވެރިންނާއި ކުށްވެރިންގެ ކުށް ހޯދުމަށެވެ. އެމީހުންނަށް އަދަބު ދިނުމަށެވެ. މިފަދަ ހާލަތްތަކުގައި ވެރިކަމުގެ ފަރާތުން ދޭ ބަޔާންތަކާއި ލިޔާ ލިޔުންތައް ލިޔަނީ މައިގަނޑު ގޮތެއްގައި އެކަންމުން މިންޖުވުމަށެވެ. ބޯ ދަމައިގަތުމަށެވެ. ބޮލުން ނެއްޓުމަށެވެ. އެހެންކަމުން މިނޫން ނަޒަރަކުން ބަލައި މިނޫން ކަންމިންތަކުން ދެކި އެއްކުރެވޭނޭ މައުލޫމާތުތަކެއް ހުންނާނެއެވެ. ދިރާސާ ކުރަންވީ މި މައުލޫމާތު ހޯދުމަށެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާފަދަ ބޮޑެތި ކަންކަން މިދެންނެވި ހަމައިން ދިރާސާކުރާއިރު ބަލަންޖެހޭ އެއްކަމަކީ އޭގެ ސަބަބު ހޯދުމެވެ. ޚާއްސަކޮށް ދިވެހީންގެ ބަޔަކު އޭގައި ބައިވެރިވި ސަބަބު ހޯދުމަށެވެ. އެ ސަބަބަކީ އޭރު ތަންފީޒުކުރެވެމުންދިޔަ ސިޔާސަތެއްތޯއެވެ. ނުވަތަ ވަކި ސިޔާސަތެއް ނެތުމުގެ ސަބަބުންތޯއެވެ. އޮތް ސިޔާސަތެއް ތަންފީޒު ނުކުރެވުންތޯއެވެ. ނުވަތަ މިޒާތުގެ އެތައް ކަމެއްތޯއެވެ. ރައްޔިތުންގެ ބަޔަކު މުޅި ދައުލަތަށް އެވަރުގެ ބޮޑު ގެއްލުމަކާއި ދެރައެއް ދީގެން ކަމެއް ހާސިލްކުރަން އުޅުނީ ކީއްވެގެންތޯއެވެ. އެއީ ހަމައެކަނި ވެރިކަން ހޯދުން ކަމުގައި ނިންމުމަކީ ގައުމަށް އެންމެ ފައިދާހުރި ސަބަބެއް ނޫނެވެ. ނޮވެމްބަރު ތިނެއްގެ ސަބަބު ހޯދަންވީ މީގެ ފަހުން އެފަދަ ސަބަބެއް މެދުވެރިވިޔަ ނުދިނުމަށެވެ. އެފަދަ ސަބަބެއް އުފެދިގެން އަތުވެދާނޭ ކަމެއް ހިނގިޔަ ނުދިނުމަށެވެ. ކަންކަން ރާވައި ސިޔާސަތު ކަނޑައެޅުމުގައި އެފަދަ ސަބަބެއް އުފަންނުވާނޭ ގޮތަށް ކަންކަން ހަމަޖެއްސުމަށެވެ. މި ރީތި މަގުސަދުގައި ދިރާސާކުރަން ނުކުންނަ މީހަކަށް ވެސް ދަތިތަކެއް އެބަހުއްޓެވެ. ކަމާ ގުޅޭ ލިޔެކިޔުންތައް ނެތުމެވެ. ހުރި ތަކެއްޗަށް ވާސިލްވެވޭނޭ ފަސޭހަ މަގެއް ނެތުމެވެ. ދައުލަތުގެ ގައުމީ އަރުޝީފު އަދިވެސް އޮތީ ސެޓަޕްނުވެއެވެ. ޖުޑިޝަލް އަރކައިވްސްގެ އޮތީ ހާލެއްގައެވެ. އެހެން ނަމަވެސް އޭރު ދައުލަތުގެ ކަންކަމާ ހަވާލުވެވަޑައިގެން ތިއްބެވި ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވިއެވެ. އޭރު ދެއްކެވި ވާހަކަފުޅު ނޫން އެހެން ވާހަކަފުޅެއް މިހާރު ވިދާޅުވުމަކީ އުންމީދުކުރެވޭ ގޮތެކެވެ. ފެންނަން ހުރި ލިޔެކިޔުންތަކަށް ބަލާއިރު ކަމަކީ ސިޔާސީ ކަމެކޭ ބުނެވެން އެބައޮތެވެ. ކަމަކީ ސިޔާސީ ކަމެކެވެ. 17 ސެޕްޓެމްބަރު 1998ގައި ރައީސް މައުމޫން ގައުމާ މުޚާޠަބުކުރެއްވި ތަގުރީރުގައި ވިދާޅުވެފައިވެއެވެ. "އަޅުގަނޑު މިހެން މި ނިންމީ، ރާއްޖޭގެ ތާރީޚުގައި، މީގެކުރިން ދުވަހަކު ވެސް ހިނގާފައި ނެތް ކަމެއް، އާދެ، ސިޔާސީ ކުށެއްގެ ބަދަލުގައި، މީހުންނަށް މަރުގެ އަދަބު ދިނުން، އެއީ މިއަދުގެ ސަރުކާރުން ފަށްޓާ ކަމެއް ކަމުގައި ހަދަން އަޅުގަނޑަށް ނުފެންނާތީ. މި ލޭ އޮހޮރުވުމެއް ނެތް ދިވެހި ފަސްގަނޑަށް، ސިޔާސީ ކަމެއްގައި، އެންމެ ފުރަތަމަ، ސަރުކާރުގެ ފަރާތުން ލޭ އޮހޮރުވާ ބަޔަކީ، މި ޖީލުގެ ދިވެހިން ކަމުގައިވާން އަޅުގަނޑަށް ނުރުހެވޭތީ،" އެވެ. ތިރީގައިވާ ލިންކުން މި ތަގުރީރު ފެނިވަޑައިގަންނަވާނެއެވެ. https://presidency.gov.mv/Press/Article/28180 ކަމަކީ ސިޔާސީ ކަމަކަށް ވާނަމަ ސިޔާސީ ވީގޮތެއް ވަރަށް ބޮޑަށް ސާފުވާންވާނެއެވެ. ވެރިކަން ހޯދަން އުޅުމަކީ ސިޔާސީ ކަމެކެވެ. ވެރިކަން ހޯދުމަށް ސިޔާސީކަންކަން ހުއްދަގޮތުގައި ކުރެވެން ހުރެއެވެ. އިންތިޚާބުންނެވެ. ވޯޓުންނެވެ. ނަމަވެސް ނޮވެމްބަރު ތިނެއް އައީ ލޭ އޮހޮރުވުމާއި އަނިޔާއާއިގެންނެވެ. އެހެންވީމާ އެކަން ސިޔާސީ ވީގޮތުގެ ތަފުސީލަކީ ގައުމުގެ ކުރިމަގު ބައްޓަންކުރުމަށާއި ދަރިންނަށް ތައުލީމު ދިނުމަށް މުހިންމުކަމެކެވެ. އިސްވެ ދެންނެވި ތަގުރީރުގެ އެކިއެކި އިބާރާތްތަކަށް ބަލާއިރު ނޮވެމްބަރު ތިނެއްގެ ކުށްވެރިންގެ 12 މީހެއްގެ މަރުގެ އަދަބު އެހެން އަދަބަކަށް ބަދަލުކުރެއްވީ ރައީސް މައުމޫން ހިތްޕުޅުގެ އެންމެ ފުނުން ގަބޫލުފުޅު ކުރައްވައިގެންނެއް ނޫނެވެ. ވަށައިގެންވާ އެތައް ކަމަކަށް ބައްލަވައި ވިސްނުންފުޅުންނެވެ. ސިޔާސީ ކަމެކޭ ވިދާޅުވީ މި ވިސްނުންފުޅުތަކުގެ ތެރެއިންނެވެ. ސުވާލަކީ ތަގުރީރުގައި ބަޔާންކުރެއްވި ސަބަބުތަކުގެ އިތުރަށް ދެންހުރި ސަބަބުތަކަކީ ކޮބައިތޯއެވެ. މިއީ ދިރާސާއިން ހޯދިދާނެ މައުލޫމާތެކެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާގެ އެކިއެކި ބަޔާންތަކުން އުފެދޭ އެތައް ސުވާލަކަށް އަދި ޖަވާބު ހޯދިދާނެއެވެ. ކަރޯ ޢައްބާސް އިބްރާހީމް ހައިކޯޓުގައި ވަރަށް ތަފުސީލުކޮށް ވާހަކަދެއްކެވިއެވެ. ސާޅީސް އެތައް ސަފުހާއެއްގެ ބަޔާނެއްގެ ވާހަކަ ވިދާޅުވިއެވެ. ނޮވެމްބަރު ތިނެއްގެ ހަމަލާއަށް އޭނާ ދެއްވި ލަފައާއި އިރުޝާދުތަކާއި އޭގެ "ސަބަބު" ވިދާޅުވެ އިއުތިރާފު އިއުލާން ކުރެއްވިއެވެ. މިއީ ތެދު ދޮގު ބެލިދާނޭ ކަމެކެވެ. އެ ވާހަކަފުޅުގައި ވިދާޅުވި ނަންތައް ނިސްބަތްވާ ބޭފުޅުން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެ ވާހަކަތައް އެއީ ސިޔާސީ ވާހަކަތަކެކެވެ. ޢަބްދުލް މަޖީދު ޚާލިދު އެއީ ކާކުހެއްޔެވެ؟ ހަނދާންވާ ގޮތުގައި އެއީ ރައީސް މައުމޫން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ނަންފުޅެކެވެ. ހަނދާނަށް ބުރަވެ ދައްކާ ވާހަކައަކީ އިލްމީ ވާހަކައެއް ނޫނެވެ. ނަމަވެސް އިލްމީ ވާހަކައަކަށް ދާން މަގުދައްކައިފާނޭ ވާހަކައެކެވެ. އެ ވާހަކަފުޅުގައި ރައީސް މައުމޫން ވިދާޅުވިކަމަށް ހަނދާނަށް އަންނަނީ ... ޢަބްދުލް މަޖީދު ޚާލިދު ކިޔާ "މީހަކު"ގެ ފަރާތުން ނޮވެމްބަރު ތިނެއްގެ މައުލޫމާތެއް ލިބިވަޑައިގެންނެވިކަމަށެވެ. އަނެއްކާ ވެސް ހަނދާންވަނީ އެވާހަކަ ސިފައިންގެ ވެރިޔާގެ ނައިބަށް ދެންނެވުމަށް ރައީސް މައުމޫނު އިރުޝާދު ދެއްވިކަމަށް ވިދާޅުވިކަމަށެވެ. އެ ވަގުތު ހިތަށްއެރީ އެއީ ހަމަ ޢަބްދުލްމަޖީދު ޚާލިދު ކިޔާ "މީހެއް" ހެއްޔެވެ؟ އަޅުގަނޑުމެން ކަހަލަ މީހެއް ހެއްޔެވެ؟ އެހެންވިއްޔާ އޭނާއަށް ރައީސް މައުމޫނުގެ އަރިއަހަށް ވާސިލްވެވުނީ ކިހިނަކުން ހެއްޔެވެ؟ މިވަރު ބޮޑު ޚަބަރަކާއިގެން އައިމާ، ސިފައިންގެ ވެރިޔާއަށް ދަންނަވައި އެކަމާ ގުޅިގެން ކުރަންވީ ކަންކަން ކުރަން ހަވާލު އެ ކުރެއްވީ ހަމަ "މީހަކާ "ހެއްޔެވެ؟ އެއީ ފަހެ ކާކުހެއްޔެވެ؟ މި ނުކުތާތަކުން ދޭހަވާ ގޮތުގައި މި ވާހަކަފުޅުގައި މައުލޫމާތުގެ ބަންދުކަމެއް އެބަހުއްޓެވެ. އެއީ އަދި ހޯދިދާނެ މައުލޫމާތެކެވެ. މިތާގައި މި ފާހަކޮށްލީ ނޮވެމްބަރު ތިނެއްގެ ހަމަލާއާ ބެހޭގޮތުން ދިރާސާކުރުމެއް ނެތި ފާޅުކުރި ޚިޔާލުތަކެކެވެ. މިއީ ވަކިގޮތަކަށް ނިންމަން ބުރަވާ ޚިޔާލުތަކެއް ނޫނެވެ. ދިރާސާކުރުމަށް ބާރުއަޅާ ޚިޔާލުތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގައުމިއްޔަތުގެ ސިޔާސަތަށް ބާރުއަޅައި ތަރުހީބު ދިނުމަށްޓަކައެވެ. މިފަދަ ވިސްނުންތަކާއި މިއަށްވުރެ އާރުލާ ވިސްނުންތަކާއި އެމައްޗަށް ގޮތް ނިންމޭނޭ ހަގީގަތްތައް ހާމަކޮށްދެއްވޭނޭ ވިސްނުންތައް ހުރި ގާބިލް ބޭފުޅުން މިކަމަށް އެހީތެރިވެދެއްވައި އެކަންކަން ހާމަކޮށްދެއްވުމަށް އެދި އިލްތިމާސް ކުރުމަކީ މިލިޔުމުގެ އެއް މަގުސަދެވެ. މި ހާދިސާއަށް ރަނގަޅު ދިރާސާއެއް ކުރެވުމަކީ ހަގީގީ މަގުސަދެވެ. ރާއްޖޭގެ ޔުނިވަރުސިޓީތަކާއި ކޮލެޖްތައް މިކަމަށް އިސްނެންގެވުމަކީ އެންމެ އެދޭގޮތެވެ.

ގުޅުންހުރި ޚަބަރު