ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެމްއެންޑީއެފްގެ އެއަރ ސްޓޭޝަން ޤާއިމުކުރުމަށް ރައީސްގެ ގަރާރެއް
ޚަބަރު

އެމްއެންޑީއެފްގެ އެއަރ ސްޓޭޝަން ޤާއިމުކުރުމަށް ރައީސްގެ ގަރާރެއް

ހިރި ނިއުސްހިރި ނިއުސް3 ނޮވެމްބަރު 2025
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) އާއި، 115 ވަނަ މާއްދާގެ (ޓ) އާއި، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 9 ވަނަ މާއްދާއިން ލިބިދޭ ބާރާއި އިޚުތިޔާރުގެ ދަށުންނެވެ. އެގޮތުން ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށް މި ޤަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 5/2024 އިންނެވެ. -ޚަބަރާއި ފޮޓޯ ރައީސްއޮފީސް

ގުޅުންހުރި ޚަބަރު