ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މިޔަރުގެ މަސްވެރިކަމާދެކޮޅަށް އައްބާސްގެ ގަރާރެއް
ޚަބަރު

މިޔަރުގެ މަސްވެރިކަމާދެކޮޅަށް އައްބާސްގެ ގަރާރެއް

މމުހައްމަދު އަލީ3 ނޮވެމްބަރު 2025
ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމައިފިއެވެ. މިގަރާރު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވަނީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސެވެ. މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މި ގަރާރު ވަނީ އެޖެންޑާ ކޮށްފައެވެ. އައްބާސް މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމާފައި މި ވަނީ ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަދީ މިދިޔަ ހޮނިހިރު ދުވަހު އެކަމާބެހޭ ގަވާއިދު ސަރުކާރުން އާންމުކުރުމާ ގުޅިގެންނެވެ. "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު" އަށް ގެނައި ތިންވަނަ އިސްލާހާއި، "ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު" އަދި "ދިވެހިރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" ފިޝަރީޒް މިނިސްްޓްރީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ގެޒެޓުކޮށްފައެވެ. "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު" އަށް ގެނައި އިސްލާހުގައިވަނީ ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަދީފައެވެ. "ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު"ހގައި ބަޔާންކޮށްފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި އުޅެވޭނީ ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސެއް ދޫކޮށްފައިވާ އުޅަނދަކަށް ނުވަތަ ކަނޑުމަސް ޕްރޮސެސްކުރުމުގެ ލައިސަންސެއް އޮތް ޕްރޮސެސިން ސައިޓަކަށް ކަށިމިޔަރު މަސްވެރިކަމުގެ ހުއްދަ ދޫނުކުރެވޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ކަށިމިޔަރު ޕްރޮސެސްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން، ޕްރޮސެސްކުރާ ތަނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޫކޮށްފައިވާ ސާފުތާހިރުކަމުގެ ސައްހަ ސެޓްފިކެޓެއް އޮންނަންވާނެ ކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. ޕްރޮސެސްކުރުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، ޕްރޮސެސްކުރާ ފަރާތަކީ ދިވެހި ރައްޔިތެއްކަން ނުވަތަ ޕްރޮސެސްކުރާ ފަރާތަކީ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއަކީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްކަން ފިޝަރީޒް މިނިސްޓްރީން ކަށަވަރުކުރަން ޖެހެއެވެ. ގަވާއިދުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނ،ީ އެންމެ ގިނަވެގެން 40 އުޅަނދަށެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދި 40 އަށްވުރެ ގިނައިން ހުށަހަޅައިފިނަމަ އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް ދަފުތަރު ކުރަންވާނެ ކަމަށާއި ލައިސަންސް ދޫކުރުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުންކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ލައިސަންސްގެ މުއްދަތަކީ، ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށްކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފީއެއް ނެގުމަށްފަހުގައެވެ. ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ލައިސަންސް އާކުރަން ހުށަނާޅައިފި ނަމަ، ދަފުތަރު ތަރުތީބުން ލައިސަންސް ދޫކުރަންވާނެކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ކަށިމިޔަރުގެ މަސްވެރިކަން މޮނިޓާކުރުމާއި ސަވޭލަންސާ ގުޅޭ ފިޔަވަޅުތައް:ކަށިމިޔަރުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގައ،ި ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ) އެއް ހަރުކޮށްފައި ބަހަައްޓަންވާނެ ކަމަށާއި ވީއެލްޑީގެ ސުވިޗު އަބަދުވެސް ހުންނަންވާނީ އޮން/ހުޅުވިފައިކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަސްވެރިކަމަށް ނުނިކުމެ ރަށެއްގެ ބަނދަރުގައި އަޅައިފައި އޮންނަ ހާލަތްތަކުގައި ފިޝަރީޒް މިނިސްޓްރީއަށް ލިޔުމުން އަންގައި، ހުއްދަ ލިބިގެން ވީއެލްޑީ ނިއްވައިލެވިދާނެއެވެ. ކަމިޔަރުގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ ވީއެލްޑީ އެއްވެސް ސަބަބަކާހުރެ ނިވިއްޖެ ނަމަ ނުވަތަ ފިޝަރީޒް މިނިސްޓްރީއަށް އެ އުޅަނދުގެ ޖީޕީއެސް ޕޮޒިޝަން ނުފެންނަކަމަށް އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް ނުވަތަ ކެޔޮޅަށް ނުވަތަ އުޅަނދުގެ ވެރިފަރާތަށް މިނިސްޓްރީން އަންގައިފި ނަމަ، އުޅަނދު އޮތް ސަރަހައްދު، އުޅަނދުގެ ދުވެއްޔާއި އުޅަނދުގެ ހަރަކާތުގެ މައުލޫމާތު ކޮންމެ ހަތަރު ގަޑިއިރުން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވަން ޖެހޭނެއެވެ.

ގުޅުންހުރި ޚަބަރު