ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ފްލެޓުތަކާއި ގޯތި ހަވާލުކުރުން ލަސްވާ މައްސަލައިގައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ޚަބަރު

ފްލެޓުތަކާއި ގޯތި ހަވާލުކުރުން ލަސްވާ މައްސަލައިގައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

މމުހައްމަދު އަލީ5 ނޮވެމްބަރު 2025
ފްލެޓުތަކާއި ގޯތިތައް ހަވާލު ކުރުން ލަސްވަމުންދާ ދިޔުމާއި މިދިޔަ ސަރުކާރުން ހިއްކަން ފެށި ފަޅުތަކުގެ މަސައްކަތް ނުނިންމައި ފުށިދިއްގަރު ފަޅު ހިއްކަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމުވަމުންދާ ކަމަށް ބުނެ އެކަމަށް ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ. މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ވޯޓުނެގި ވަގުތު ތިއްބެވީ ޖަލްސާގައި ތިއްބެވީ 56 މެންބަރުންނެވެ. އޭގެ ތެރެއިން ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު އައްސާއި، އެމްޑީޕީގެ 11 މެންބަރުންނެވެ. ގަރާރު މަޖިލީހުން ބޭރުކޮށްލީ ޕީއެންސީގެ 40 މެންބަރަކު ގަރާރު ބަލައިނުގަތުމަށް ވޯޓު ދެއްވައިގެންނެވެ. ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޭން ނިންމި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުން އިންތިހާއަށް ލަސްވަމުންދާ ކަމަށެވެ. މީގެ އިތުރުން ގިރާވަރުފަޅާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނެއްގެ އިތުރުން އުތުރުތިލަފަޅު ހިއްކުމުގެ ބަދަލުގައި ފުށިދިއްގަރު ފަޅަށް އިސްކަން ދީގެން އެ މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. އެ ގަރާރުގައި ގޮވާލާފައި ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ހޯދުމަށެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކަތައް ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުރީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް ގޯއްޗެއް އެ ދިން ތަނަކު ދެއްވާނެ ކަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދު އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 4000 މީހުންގެ ތެރެއިން 585 މީހަކަށް ފްލެޓު ހަވާލު ނުކުރާނެކަން އަންގާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް މިގަރާރުގައި ބުނެފައިވަނީ ސަރުކާރާއެކު އެއްބަސްވުމެއް ހަދައި ފްލެޓު ކަނޑައަޅައި ލިޔުން ދީފައިވާ މީހުންގެ އަތުން ޝަރުއީ ކޯޓެއް މެދުވެރިކޮށް މެނުވީ ފްލެޓު އަތުނުލެވޭނޭ ކަމަށެވެ. އޭގެއިތުރުން ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 13763 މީހުންގެ ތެރެއިން ފުރަތަމަ ފްލެޓު ލިބުނު މީހުން ނަގާފައި ދެން ތިބި 9763 މީހުންނަށް ފްލެޓު ދިނުމަށްޓަކައި އިންޑިއާގެ އެލްއޯސީ މެދެވެރިކޮށް ފައިސާ ހަމަޖައްސައިގެން އިންޑިއާގެ ކޭޕީއައިއެލް (އެންބީސީސީ) އާ އަޅަން ހަވާލުކުރި 6000 ފްލެޓާއި އެޕޯލޯ ކުންފުންޏާ އަޅަން ހަވާލުކުރި 1000 ފްލެޓުގެ މަސައްކަތް ކުރިއަށް ނުދާކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. މިދިޔަ ސަރުކާރުން އިއުލާނުކުރި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ދެވަނަ ސްކީމުގައި ފްލެޓަށް އެދި ހުށަހެޅި 21،347 މީހުންނާއި ގޯއްޗަށް އެދި ހުށަހެޅި 19،347 މީހުންގެ ނަންތަކާއެކު ގެޒެޓު ކޮށްފައިވީ ނަމަވެސް އެ ފޯމުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން ނުދާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. މިކަންކަމަކީ ދިވެހި އެތައްހާސް ރައްޔިތެއްގެ ބޯހިޔާވަހިކަމުގެ ހައްގު ގެއްލިގެން ދިއުން ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު