ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާ ކާނާ ލިބެން ހުންނަންޖެހޭ
ޚަބަރު

ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާ ކާނާ ލިބެން ހުންނަންޖެހޭ

ހިރި ނިއުސްހިރި ނިއުސް9 ނޮވެމްބަރު 2025
ކެއިންބުއިމުގެ ރަނގަޅު އާދަތަކާއި ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދޭއިރު، ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާ ކާނާ ލިބެން ހުންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެ. ކެއިންބުއިމުގެ ރަނގަޅު އާދަތަކާއި ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދޭ މަސައްކަތް ކުރާއިރު، ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ ކާނާ ލިބެން ހުންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ. އެކަމަނާ މިހެންވިދާޅުވީ ''ދުޅަހެޔޮ ދިރިއުޅުން އުފާވެރި މުޖުތަމަޢު'' ކެމްޕެއިން އިފްތިތާޙްކުރުމަށް މާލެ އަތޮޅު ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާގެ ވާހަކަފުޅުގައި، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކާ ބެހޭ ގޮތުން މަޢުލޫމާތު ދޭއިރު، އެ ފަދަ އަމަލުތަކަށް މަގުފަހިވާ ގޮތަށް މުޖުތަމަޢުގައި ހުޅުވިފައިވާ ދޮރުތައް ބަންދުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ހަރަކާތްތެރިކަމާއި ކަސްރަތުގެ މުހިންމުކަމުގެ މަޢުލޫމާތު ދޭއިރު، ދުވަހުގެ ތާވަލުން އެ ކަމަށް ވަގުތު ހުސްކުރެވެންޖެހޭ ކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދިރިއުޅުމުގެ ނުރަނގަޅު އާދަތަކާއި ކެއިންބުއިމުގެ އާދަކާދަ ބެހެއްޓޭ ގޮތުން، ޞިއްޙަތަށް ލިބޭ ގެއްލުންތަކާ މެދު ހޭލުންތެރިކުރުމުގެ ޤައުމީ ޙަރަކާތެއްގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ އެފަދަ ރަނގަޅު އާދަތައް ދަސްކޮށް، އެކަމަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަމަށެވެ. ސަލާމަތް ޞިއްޙަތާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އިސްލާމްދީން ވެސް ބާރުއަޅުއްވާކަން ފާހަގަކުރައްވައި، ޙަލާލު ރަނގަޅު ތަކެތި ކައިބޮއި އުޅުމަށް ކީރިތި ޤުރްއާނުގައި އަންގަވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ފުރިހަމަ މުސްލިމެއްގެ ދިރިއުޅުން ބިނާވެފައި އޮންނާނީ ހަރަކާތްތެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، މުސްލިމުންގެ މުރާލި ދިރިއުޅުމާއި ކެއިންބުއިމުގެ ހަރުދަނާ އާދަތަކުގެ ސަބަބުން ދިވެހި ޤައުމު ދުޅަހެޔޮ އުފާވެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށްޓަކާ، މިއަދު މި ފެށުނު މުހިންމު ޤައުމީ ކެމްޕޭނުގައި ހުރިހާ ރައްޔިތުން ހިތާރޫޙުން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުންނެވެ. ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިނަކީ އާންމު ޞިއްޙަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދިރިއުޅުގެ އާދަތަކާއި ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް، ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ހިންގޭ ކެމްޕޭނެކެވެ. "ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމަޢު" މި ޝިޢާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާ، ޒުވާނުންނާ، އަންހެނުންނާ އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަޝްހޫލުވެ، ދެމެހެއްޓެނިވި އާއްމު ޞިއްޙަތާ ގުޅޭ ހަރަކާތްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ނިންމާފައެވެ. މިކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާއްމު ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް 3 އެވޯޑެއް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ ކެމްޕެއިންގެ ޝިޢާރުގެ ދަށުން، ރަށު އެވޯޑް، ސްކޫލު އެވޯޑް އަދި ޖަމިއްޔާ އެވޯޑެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމާއި މިނިސްޓްރީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. -ޚަބަރާއި ފޮޓޯ ރައީސްއޮފީސް

ގުޅުންހުރި ޚަބަރު