ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މިހުޅުވުނީ ތިލަދުންމަތީ ސަރަޙައްދުގެ ތަރައްގީގެ ދޮރޯށި: ރައީސް
ޚަބަރު

މިހުޅުވުނީ ތިލަދުންމަތީ ސަރަޙައްދުގެ ތަރައްގީގެ ދޮރޯށި: ރައީސް

މމުހައްމަދު އަލީ10 ނޮވެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މިރޭ ހުޅުއްވައި ދެއްވައިފިއެވެ. އެއަރޕޯޓު ހުޅުވުމަށް ހދ. ހަނިމާދޫގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިރޭ ހުޅުވިގެން މިދިޔައީ އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި މި ހުޅުވުނީ ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްގީގެ ދޮރޯށި ކަމުގައި ވިދާޅުވިއެވެ. އެހެން ކަމުން މި ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިފުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މި އެއަރޕޯޓަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް އަޅައިފައިވާ އެއަރޕޯޓެކެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއެކެވެ. މި ރަސްމިއްޔާތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބު އަދި އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން،  ޝްރީ ކިންޖަރަޕު ރާމްމޯހަން ނައިޑޫ ބައިވެރިވެވަޑައިގަތެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢަކީ ތަޞައްވުރާއި، ބަދަލާއި، މިންނެތް މަސައްކަތުން ޙާސިލުވާނެ ކާމިޔާބު ރަމްޒުކޮށްދޭ މަޝްރޫޢެއްކަމަށެވެ. މި މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެހެންނަމަވެސް މަސައްކަތުގެ ދުވެލި މަޑުޖެހި، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، މަސައްކަތުގެ ދުވެލި ބާރު ކުރައްވައި، ކާމިޔާބު ކަމާއެކު އެ ވަޢުދުފުޅު ފުއްދަވައިދެވިއްޖެކަމުގައި ރައީސް މިރޭ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއެއަރޕޯޓުގެ ސަބަބުން މުޅި ދުނިޔެއާ އުތުރުގެ ރަށްތައް މިވަނީ ގުޅާލެވިފައި ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ރަނުގެ ފުރުޞަތެއް ކަމަށެވެ. އެހެން ކަމުން އެފުރުސަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ބައިނަލްއަޤުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ގޮވާލައްވައި، ދިވެހި ވިޔަފާރިތަކުންވެސް އުތުރުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. މި އެއަރޕޯޓުގެ ސަބަބުން އެކި ގޮތްގޮތުން ވަޒީފާގެ ފުރުޞަތު އިތުރުވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް، ހދ. ނާގޯށީގައި ތަރައްޤިކުރެވޭ ރިސޯޓާއެކު، ފަތުރުވެރިކަމުގެ ދާއިރާއިންވެސް އުތުރުގެ ސަރަޙައްދަށް ކުރިއެރުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 2465 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް މިރޭ، އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތާރީޚުގައި އެއެއަރޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ. މި ފްލައިޓްގެ ކެޕްޓަންކަން ކުރެއްވީ، ހދ. ހަނިމާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕައިލެޓެކެވެ.  

ގުޅުންހުރި ޚަބަރު