ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ލޯކަލްކައުންސިލް އިންތިޚާބަށް ގެންނަ ބަދަލު ނޭނގޭތީ ގޮންޖެހުންތަކެއް: އެމްޑީޕީއަށް
ޚަބަރު

ލޯކަލްކައުންސިލް އިންތިޚާބަށް ގެންނަ ބަދަލު ނޭނގޭތީ ގޮންޖެހުންތަކެއް: އެމްޑީޕީއަށް

އއަހުމަދު މުހައްމަދު13 ނޮވެމްބަރު 2025
ލޯކަލްކައުންސިލް އިންތިޚާބަށް ގެންނަ ބަދަލު ނޭނގޭތީ އެމްޑީޕީއަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެޕާޓީން ބުނެފައެވެ. އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިކަންކަން ނޭނގޭތީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި، މަޝްވަރާކުރުމަށް މި މަހުގެ 12 ވަނަ އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައި ކަމަށެވެ. "ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ، އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ވެރިން ދަނީ ދައްކަވަމުންނެވެ. ނަމަވެސް، އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރުވެސް، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ނުވަތަ ހިޔާލަށް ހުޅުވައިލައިފައެއްވެސް ނުވެއެވެ." ބަދަލުތަކެއް ގެންނާން އުޅޭކަން އެނގުނު ނަމަވެސް، އެއީ ކޮން ބަދަލުތަކެއްކަން އަދިވެސް ޕާޓީތަކަށް ސާފުކޮށްދީފައި ނުވާކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އެހެންކަމުން އެމްޑީޕީއާއި އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށްވެސް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެފައިވެއެވެ. "ސިޓީތަކުގައި އެކުލެވޭ ދާރިރާތައް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، އެ ތަންތަނުގައި ޕްރައިމަރީ ބާއްވާފަހުން އަންނަ ބަދަލާއެކު އަލުން ކެންޑިޑޭޓުން ކަނޑައަޅަންޖެހުން ނުވަތަ ޕްރައިމަރީ ބާއްވަންޖެހިދާނެ ހާލަތު ދިމާވުންފަދަ އެތަކެއް ގޮންޖެހުންތަކެއް މި ޕާޓީއަށް ދަނީ ކުރިމަތިވަމުންނެވެ." އީސީއާ ބައްދަލުކޮށް އެމްޑީޕީން ވަނީ މި ކަންކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އީސީއަށް ވެސް އަންގާފައި ނުވާކަމަށް އީސީން ބުނެފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާމެދު އީސީގެ އެއްވެސް މަޝްވަރާއެއް ހޯދައިފައި ނުވާކަމަށްވެސް ބުނެފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. "މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން، އިންތިހާބީ ދާއިރާތަކާއި، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ، ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، މި އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާކަމެކެވެ. މި ދެންނެވި ސަބަބުތައް އެ ގޮތަށް ހުރުމުން، ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން މި ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާނަމަ، އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމާއެކު، ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް ސަރުކާރަށް ގޮވައިލަމެވެ."  

ގުޅުންހުރި ޚަބަރު