ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް، މަސައްކަތްތަކެއް ދަނީ ކުރެވެމުން: ރައީސް
ޚަބަރު

ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް، މަސައްކަތްތަކެއް ދަނީ ކުރެވެމުން: ރައީސް

ހިރި ނިއުސްހިރި ނިއުސް18 ނޮވެމްބަރު 2025
ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް، މިނިވަންކަމުގެ ފަލަ، ރަތް ރޮނގު ހިމާޔަތްކުރުމަށްޓަކައި މުހިންމު ހުރިހާ ދާއިރާއަކުން ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް، މިހާތަނަށް ކުރެވިފައި ނުވާފަދަ މަސައްކަތްތަކެއް ފާއިތުވީ އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް މި ރޮނގުން އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި ރޭ އޮތް "ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު"ގައި، ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހީންގެ މިނިވަންކަމާއި، އަމިއްލަވަންކަމުގެ ޙިމާޔަތުގައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، މިހާތަނަށް ހޯއްދެވުނު ބައެއް ކުރިއެރުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ކޯސްޓްގާޑް ފްލީޓް ދެގުނައަށް ބޮޑުކުރުމާއި، މެރިންކޯގެ ޤާބިލުކަން އިތުރުކުރުމާއި، އެއަރކޯ އުފައްދަވާ، އެއަރކޯގެ ޤާބިލުކަން ވަރުގަދަ ކުރުމަށް މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ދިފާޢީ ބާރަކީ، ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން އެއްވެސް ގޮތަކަށް ހުރެގެން ނުވާނެ ކަމަށާ، އާބާދީގައި މީސްކޮޅު މަދެއްކަމަކު، ކަނޑުގެ ސަރަޙައްދާއެކު ދިވެހިރާއްޖެއަކީވެސް މުއްސަނދި ތާރީޚެއް ލިބިފައިވާ، ބިޔަ، ބޮޑު ޤައުމެއްކަމަށާ، 24 ގަޑިއިރު، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ހިމާޔަތްކުރެވިފައި އޮތުމީ ހުރިހާ ރައްޔިތުންވެސް އެދޭނެ ގޮތް ކަމުގައި ޤަބޫލުފުޅުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ ދުވަސްތަކުގައި އެކަންނުކޮށް އޮތީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބުދެއްވައި، އެމަނިކުފާނު ވިދާޅުވީ މި މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށެވެ. އެގޮތުން އަސްކަރިއްޔާ ވަރުގަދަކުރައްވަނީވެސް މިނިވަންކަން ހިމާޔަތްކުރެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ ކަނޑާއި ވައިގެ މަގުން 24 ގަޑިއިރު ބެލެހެއްޓޭ ތަނެއްކަން ކަށަވަރު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަނީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރަން އެދޭ ފަރާތްތަކުންވެސް މިކަންކަމަށް ބައްލަވާނެތީކަމުގައި ވިދާޅުވިއެވެ. ހަމަމިއާއެކު ދިވެހިރާއްޖޭގެ ދިފާޢީ އެއްބާރުލުމުގެ ވިއުގަ ފުޅާކުރުމަށްޓަކައި، ބޭރު ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް، އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ކުރެވިފައި ހުރިކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. -ޚަބަރާއިި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު