ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އޮފިޝަލުން ހޯދަނީ
ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އޮފިޝަލުން ހޯދަނީ

މމުހައްމަދު އަލީ18 ނޮވެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ. މި ދެއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. މި ދެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ހަތްހާހަށްވުރެގިނަ އޮފިޝަލުން ބޭނުންވާ ކަމަށް އީސީން ވަނީ ވިދޅުވެފައެވެ. ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://my.elections.gov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަންދޭންޖެހޭނޭ ކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާ ލިބޭނެއެވެ. ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2600 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ލިބޭނެއެވެ. ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1800 ރުފިޔާ ލިބޭނެއެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އީސީން ވިދާޅުވެފައިވެއެވެ. މީގެއިތުރުން، މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޮފިޝަލުންގެ ގޮތުގައި ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ ކަމަށް އީސީން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު