ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ދާރުލް އަރްޤަމް ވަޤުފް އިމާރާތުގެ ބިންގާއަޅައިފި
ޚަބަރު

ދާރުލް އަރްޤަމް ވަޤުފް އިމާރާތުގެ ބިންގާއަޅައިފި

ޟޟަމްރަތު އަހްމަދު20 ނޮވެމްބަރު 2025
ދިވެހިރާއްޖޭގައި ޤާއިމުކުރާ ދެވަނަ ވަޤުފް އިމާރާތް، ދާރުލް އަރްޤަމްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި، ދާރުލް އަރްޤަމްގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމެވެ. 2000 އަކަފޫޓުގެ ސަރަހައްދެއްގައި، އާރް.ސީ.ސީ އާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި ޢިމާރާތުގެ މަޝްރޫޢަކީ، ބީ.އެމް.އެލް އިސްލާމިކްގެ އިސްލާމިކް ފައިނޭންސިންގެ ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ، 39.4 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ދޮޅު އަހަރުދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާ މި މަޝްރޫޢު ނިމުމުން، މި އިމާރާތުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންދާޒާކުރައްވައެވެ. މިއަދުގެ ރަސްމިއްޔާތުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖޭގެ މުސްތަޤުބަލަށާއި، އިސްލާމީ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހުމިއްޔަތުކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަޤުފް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، މި މަހު ފަހުކޮޅު، ހުޅުމާލޭގައި ބޭއްވުމަށް މަސައްކަތްޕުޅުކުރައްވަމުންދާކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ދާރުލް އީމާނާއި، ދާރުލް އަރްޤަމްގެ އިތުރުންވެސް، އައްޑޫއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވަފާއެވެ. އަދި މި ވަޤުފް އިމާރާތަކުން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ވަޙުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކަށެވެ.
  • ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު