ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ސަޢޫދީގެ ވިޔަފާރި ވަފުދެއް ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި
ޚަބަރު

ސަޢޫދީގެ ވިޔަފާރި ވަފުދެއް ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި

ހިރި ނިއުސްހިރި ނިއުސް3 ޑިސެމްބަރު 2025
ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް، ހަރ އެކްސަލަންސީ ސާރާ އަލް-ސަޢީދާއި، އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން ސަޢޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު، އަދި ވަލީޢަހުދު ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް- އާލް ސުޢޫދު އާއެކު ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓް ތައް ފުޅާ ކުރެއްވުމާއި، ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ. މި ވަފުދު ރާއްޖެ ވަޑައިގެން ބޭއްވެވި މި ބައްދަލުވުމަކީ، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އިތުރަށް ކުރިޔަށް ދިޔުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި، އިންވެސްޓްމަންޓާ، އިޤްތިޞާދީ ތަރައްޤީއާއި، އަމިއްލަ ވިޔަފާރިތައް ތަރައްޤީކުރުމާއި، ދަނޑުވެރިކަމާ، މަސްވެރިކަމާ، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ. ދިވެހިރާއްޖެޔާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ، ވައްމޭޒު ޖަލްސާގައިވެސް މިވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ، އަދި ސިނާޢަތްތަކުގެ އިސްވެރިންނާއެކު ސީދާ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަން ފާހަގަ ކުރައްވައި، އޭގެ ސަބަބުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިސާދީ ތަރައްޤީއަށް ބޮޑެތި ކުރިއެރުން ތަކެއް އައިސްފައިވާތީ، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ނިންމެވުމަށް ވެދެއްވި އެހީތެރިކަމާއި، އަދި އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމުގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުއްވި ކަމަށްޓަކައިވެސް ރައީސުލްޖުމުހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ އެބޭފުޅުންނަށް ދިވެހިރާއްޖެއިން ވިދާޅުވި މަރުޙަބާ އާއި، ބެހެއްޓެވި މެހުމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުން ނިންމާލައްވާފައިވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. މި ބައްދަލުވުމުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
  • ޚަބަރާއި ފޮޓޯ ރައީސް އޮފީސް
   

ގުޅުންހުރި ޚަބަރު