ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފުރާވަރަށް އަރާ ދަރިފުޅު ޒިންމާދާރު ޒުވާނަކަށް ބައްޓަން ކުރާނީ ކިހިނެއް؟
ރިޕޯޓް

ފުރާވަރަށް އަރާ ދަރިފުޅު ޒިންމާދާރު ޒުވާނަކަށް ބައްޓަން ކުރާނީ ކިހިނެއް؟

އއިބްރާހީމްް ސަމީރު19 ސެޕްޓެމްބަރު 2024
ދަރިފުޅު ފުރާވަރަށް އަރަމުން އަންނައިރު އޭނާގެ ކިބައިގައި އަމިއްލައަށް ކަންކަން ނިންމުމުގެ ޤާބިލްކަން ހުންނަ ގޮތަށް އޭނާގެ ޝަޚުޞިއްޔަތު ބައްޓަން ކުރުމަށް އެހީތެރިވެ ދެމުތޯއެވެ؟ ޝަޚުޞިއްޔަތު ބައްޓަން ކުރުމަކީ، ޒުވާން ޢުމުރަށް މިސްރާބު ޖަހާއިރު މިނިވަންކަމާއި އަދަބު ސަދަބާއި، އަޚްލާޤު ބިނާކުރުމަށް ކުރާ ދަތުރުގެ މުހިންމު ބައެކެވެ. ފުރާވަރަށް އަރާ ދަރިފުޅަށް މަގުދައްކައިދީ، 18 އަހަރުން ދަށުގައި އޭނާ އުޅުމާއި ގުޅުން ބައްޓަން ކުރުމުގައި ޒިންމާދާރުވުމުގެ މާނަ އޭނާގެ ކިބައިގައި އިންދުމަކީ، މައިންބަފައިންގެ ޒިންމާއެކެވެ. ޒިންމާދާރުކަމުގެ އިހުސާސާއި ނިންމުންތައް ނިންމުމުގެ ޤާބިލްކަމަކީ ފުރާވަރަށް ކުރާ ދަތުރުގެ މުހިންމު ބައެކެވެ. ތަޖުރިބާކާރުން، ޒިންމާދާރު ވުން މާނަކުރަނީ، މީހާގެ ވަޢުދުތަކާއި، އޭނާގެ އާންމު އުޅުމާއި ޢަމަލުތަކާއި ބަހާއި ވަޢުދުތަކުގެ ނަތީޖާ އުފުލޭނެ ކަމުގެ ޤާބިލުކަމުގެ މައްޗަށް ބިނާވެފައިވާ އިންސާނީ އަދި އަޚްލާޤީ އަގެއްގެ ގޮތުގައެވެ. ޝަޚުޞިއްޔަތެއް ބައްޓަންކޮށް، ޒިންމާ ނަގަން ދަސްކުރާ ކުއްޖާގެ ޝަޚުޞިއްޔަތަށް ހެޔޮ ބަދަލު އަންނަނީ، އޭނާއަށް އެތައް ގޮތަކުން އަސަރުކުރާ ކަންތައްތަކެއްގެ ތެރެއިންނެވެ. ތިމާގެ ކިބައިން ގޯހެއް ހެދިއްޖެނަމަ، އެކަމަށް ޒިންމާވާން ކެރޭނެ: ތިމާގެ ފުށުން ހިނގާ ކަމެއް އަނެކާގެ ބޮލުގައި އަޅުވައި ބޯދަމައި ގަތުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް ޒިންމާދާރުވާން ތަރުބިއްޔަތުކޮށްފައިވާ ކުއްޖާ، އޭނާގެ ފުށުން ދިމާވާ ކަމަކަށް ޒިންމާ ވުމަކީ ޠަބީޢީ ކަމެކެވެ. އެކުއްޖާ ތަރުބިއްޔަތު ވެފައި ވާނީ، ބަހަނާއެއް ދެއްކުމަކާ ނުލައި ޒިންމާނަގައި، އިޞްލާޙު ކުރާށެވެ. އަމިއްލައަށް ހެދޭ ގޯސްތަކުން ފިލާވަޅު ލިބިގަތުން: ޒިންމާދާރު ތަރުބިއްޔަތެއް ލިބިފައިވާ ކުއްޖާ ގޯސްތަކުން ޢިބްރަތް ލިބިގަނެ ދަސްކުރާނެއެވެ. ވިޔާނުދާ، ނޭދެވޭ ޢަމަލުތަކުން ދުރުހެލިވެ އިސްލާހު ކުރަން މަސައްކަތް ކުރާނެއެވެ. އަދި ވިޔާނުދާ މަގުން ދިއުން ނޫނީ އެ ގޯހެއް ތަކުރާރު ކުރުމަކީ، އިތުރަށް އޭނާ ކުރާނެ ކަމެއް ނޫނެވެ. އޭނާ ކުރިން ކުރެވުނު ކަންކަމުން، ދިރިއުޅުމުގައި ވިއަސް މަސައްކަތުގެ މާހައުލުގައި ވިއަސް އުޅުމާއި ގުޅުމުގައި ވިއަސް ޢިބްރަތް ލިބިގަންނާނެއެވެ. މިނިވަންކަން އިތުރުވުން: ފުރާވަރަށް އަރާ ކުދިން މައިންބަފައިންގެ ފުށުން މިނިވަންވާން ބޭނުންވުމަކީ ޠަބީޢީ ކަމެކެވެ. އެއީ ކުރިން ރަނގަޅު ތަރުބިއްޔަތެއް ދީފައި ހުރިނަމަ، މައިންބަފައިން ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް ޒިންމާ އުފުލުމަށް ދަސްކޮށްދިނުމުން ދަރިފުޅަށް ރަނގަޅު ނިންމުންތަކެއް ނިންމުމަށް އެހީތެރިވެދޭނެއެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި އަމިއްލަ ނަފްސަށް ބަރޯސާވުން: ދަރިފުޅު ކަންކަން ތަޖުރިބާކޮށް، އައު ކަންކަން ހޯދާނަމަ، އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި އަމިއްލަ ނަފްސާމެދު އޮންނަ ޔަގީންކަން ބޮޑުވާނެއެވެ. ފުރާވަރުގެ ކުއްޖަކަށް ޒިންމާ ދަސްކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ފުރާވަރުގެ ކުއްޖާއަށް ޒިންމާދާރު ވުމަށް ދަސްކޮށް ދިނުމަށް އެހީތެރިވުމަށް ގިނަ ސްޓްރެޓެޖީތަކެއް "މަމް ޖަންކްޝަން" ވެބްސައިޓުގައި ބެލެނިވެރިންނަށް ކިޔައި ދީފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ؛ އުންމީދުތައް ކަނޑައެޅުން: ކުދިންނަށް ކަންކަމަށް ޒިންމާވެގެން އިސްނަގައިގެން އުޅުމަކީ އެންމެ ފަސޭހަ ކަންކަމެއް ނޫނެވެ. ފިތް ދަބަސް ހަމަކުރުމާއި ފޮތް ދަބަސް އުފުލަން މައިންބަފައިން ތިބޭއިރު، އަމިއްލައަށް ކަންކަމުގައި ދަރިފުޅު މަސްއޫލުވެރިއަކަށް ވާންވީ ކީއްވެގެން ހެއްޔެވެ؟ އެހެންވެ، ކުދިންނަށްވެސް އެކުދިން ކުރަންވާ ކަންތައްތައް ކިޔައިދީފައި ބާއްވަން ޖެހެއެވެ. ސްކޫލު މާޙައުލުގައިވެސް ގޭތެރޭގައިވެސް މެއެވެ. ކުރާނެ މަސައްކަތެއް ކަނޑައެޅުން: ޒިންމާދާރު ވާން ދަސްކޮށްދިނުމުގެ  އަސާސީ އެއް މަރުޙަލާއަކީ ޢާއިލާގެ މެމްބަރުންގެ މެދުގައި ގޭތެރޭގައި ކުރަން ހުންނަ މަސައްކަތްތައް ބަހާލުމެވެ. ނިންމުންތައް ނިންމުމުގައި ބައިވެރިކުރުން: ޢާއިލާގައި ކުދިންނާ ގުޅޭ ކުދިން ބައިވެރިކުރަން ޖެހޭ ކަންކަން ނިންމާއިރު ކުދިން ބައިވެރި ކުރާށެވެ. އޭނާގެ ޚިޔާލުތަކަށް އިޙްތިރާމްކުރާށެވެ. ޚިޔާލު ފާޅުކުރަން ހިތްވަރު ދޭށެވެ. މިކަންކަމުން، އޭނާއަށް ނިންމުންތައް ނިންމުމުގެ ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެދޭނެއެވެ. އޭނާގެ އިޚްތިޔާރަށް ކަންކަން ކުރުމަށް ދޫކޮށްލުން: އަމިއްލައަށް ކަންކަން އިޚްތިޔާރު ކުރުމަކީ ޒިންމާއުފުލަން ދަސްކުރުމުގެ މުހިންމު ބައެކެވެ. ފުރާވަރަށް އަރަމުންދާ ދަރިފުޅުގެ ނިންމުންތައް ގޯސްކަމުގައި ވިއަސް، އޭނާއަށް ތަޖުރިބާކޮށްލަން ފުރުޞަތު ދިނުމަކީ އޭނާ އަމިއްލައަށް އިޚުތިޔާރު ކުރާ ކަންކަމަށް ޒިންމާ އުފުލައި ނަތީޖާ އުފުލުމަށް އެހީތެރިވެދޭނެ ކަމެކެވެ. ވަގުތު ބެލެހެއްޓުމުގެ ހުނަރު: ދަރިފުޅަށް އަމިއްލައަށް ކަންކަން ތާވަލް ކޮށް ޝެޑިއުލް ކުރުމަށް ބާރުއަޅާށެވެ. މަގު ދައްކާށެވެ. ދަރިފުޅަށް ބިޒީ ޝެޑިއުލެއް ބެލެހެއްޓުމަށް އެހީތެރިވެދިނުމުން އެހެން މީހުންނާއެކު ކަންކަން ރާވައި ޕްލޭންކޮށް، ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭނެއެވެ. ހިލޭ ސާބަހަށް ކަންކަން ކުރުމަށް ހިތްވަރު ދިނުން: ހިލޭ ސާބަހަށް ކުރާ އިޖުތިމާޢީ އަދި އާންމު ފައިދާއަށް ކުރާ ކަންކަމުގައި ބައިވެރިވުމަކީ ފުރާވަރަށް އަރާ ދަރިފުޅުގެ ޝަޚުޞިއްޔަތު ބައްޓަން ކުރުމަށް އެހީތެރިވެދޭ މުހިންމު މަސައްކަތެކެވެ. އެކަމުގައި އުޅުމުން އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު އަށަގަނެ، މީހުންގެ ޙާލަތާއި އިޙުސާސްތައް ދަނެގަނެ، ހަމްދަރްދީވާން ދަސްވެ، އިޖުތުމާޢީ ކަންކަމާ މެދު ޒިންމާދާރު ވުމުގެ  އިޙްސާސް ދަރިފުޅުގެ ކިބައިގައި ހަރުލެއްވުމަށް އެހީތެރިވެ ދޭނެއެވެ.

ގުޅުންހުރި ޚަބަރު