ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
ހިތަދޫ ގެއެއްގައި ނިދާފައި އޮތްމީހަކަށް ހަމަލާދީ ބޯފަޅާލައިފި
News

ހިތަދޫ ގެއެއްގައި ނިދާފައި އޮތްމީހަކަށް ހަމަލާދީ ބޯފަޅާލައިފި

މމުހައްމަދު އަލީSep 21, 2024
އައްޑޫސިޓީ ހިތަދޫ ގެއެއްގައި ނިދާފައިއޮތް މީހަކަށް ބަޔަކު މީހުން ހަމަލާދީ ބޯފަޅާލައިފިއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެމީހާއަށް އައްޑޫ އެކްއަޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އެމީހާއަކީ ހިތަދޫ މީހަކާ އިނދެގެން އެރަށުގައި ދިރިއުޅެމުން އައި ހއ. ބާރަށު މީހެކެވެ. އެހެންނަމަވެސް އެދެ މީހުން މިހާރު ތިބީ ވަރިވެފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ވެމްކޯގައި މަސައްކަތްކުރާ އެމީހާ ފަހުން އުޅެމުން އައިސްފައިވަނީ ވަކީން ތަނެއް ހިފައިގެން ކަމަށް ވެސް އެނގިފައިވެއެވެ. އުމުރުން އެކާޅީސް އަހަރުގެ އެމީހާ ނިދާފައި އޮއްވައި އަނިޔާކުރި މީހުން އެގެއަށްވަނީ ކުޑަދޮރުގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ކަމަށްވެއެވެ. އެ އަޑަށް އެމީހާއަށް ހޭލެވިގެން ބޭރަށް ނުކުމެގެން ދުއްވައިގަތުމުން އެގެއަށްވަން މީހުން ފަހަތުންގޮސް އަނިޔާކޮށްފައިވަނީ ގޭގެ ގޯތިތެރޭގައި ކަމަށް ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. މި މީހާއަށް އަނިޔާކޮށްފައިވަނީ އަންހެން ހެދުން އަޅައިގެން މޫނު ނިވާކޮށްގެން ތިބި ތިން މީހެކެވެ. އެމީހުން ދެނެގަތުމަށްކުރަން ޖެހޭ މަސައްކަތް ފުލުހުން ދަނީ ކުރަމުނެވެ. މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ބަންދުކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Related News