ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
އެއްވެސް ކަމެއްގައި ދީނުގެ މިންގަނޑުން ބޭރުވުމެއްނެތް: ރައީސް
News

އެއްވެސް ކަމެއްގައި ދީނުގެ މިންގަނޑުން ބޭރުވުމެއްނެތް: ރައީސް

މމުހައްމަދު އަލީMar 20, 2026
އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ފިތުރުއީދުގެ އުފަލުގައި އެމަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ޢީދުގެ އުފާފާޅުކުރުން ވެސް އޮތީ ދީނުގެ މިންގަޑުތެރޭގައި ކަމަށެވެ. "އެހެންކަމުން، ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމެވެ. އެހެނީ އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ހެޔޮކަމަށެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށެވެ." ރޯދަމަސް ވަކިވެގެންދިޔައީ ނަފުސުތަކަށާއި ގުނަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ރަނގަޅު ބަސްތައް މެނުވީ އަޅުގަނޑުމެންގެ ދޫތަކުން ނުބުނުމެވެ. ރަނގަޅު ޢަމަލުތައް މެނުވީ އަޅުގަނޑުމެންގެ ގުނަންތަކުން ނުކުރުމެވެ. ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، ބިޔަ އެއް ޖަމާޢަތެއްގެ ގޮތުގައި އެއްބައެއްވަންތަކަމާއެކު މުސްލިމުން ދެމިތިބުމަށް ބާރުއެޅުމެވެ. ހުރިހާ މާނައެއްގައި ވެސް، ހުރިހާ ވަގުތެއްގައި ވެސް ކެތްތެރިވުމެވެ. ރޯދައިގެ މަދަރުސާއިން މި ފިލާވަޅުތައް ލިބިދިނެވެ." އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ޢީދު އެއް ފަރާތުގައި ވަނީ ރޯދަމަސް ކަމަށާއި އަނެއް ފަރާތުގައި ވަނީ ޝައްވާލުމަހުގެ ހަ ރޯދަ ކަމަށެވެ. އެހެން ކަމުން ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލަނީ ވަރަށް ފުރިހަމަ ނިޒާމަކުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރޯދަ މަސް ނިމުނަސް އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނުނިމޭ ކަމަށާއި އަލުން ފަށައިގެން ކުރިޔަށް ދިޔުމުގެ ދަޢުވަތު، ހަ ރޯދައިން ލިބިދޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Related News