ދިވެހި|English Jul 10, 2026 · 23:12
Top banner
Advertisement
މާލެ ސިޓީއަށް ދުރުރާސްތާ ޕްލޭނެއް ފާސްކޮށްފި
News

މާލެ ސިޓީއަށް ދުރުރާސްތާ ޕްލޭނެއް ފާސްކޮށްފި

ހިރި ނިއުސްހިރި ނިއުސްJul 10, 2026

މާލެ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް، ދުރު ރާސްތާ ޕްލޭނެއް ހަދައި ފާސްކޮށްފިއެވެ. މި ޕްލޭނުގައި ކުރިމަގަށް ތަޞައްވުރުކުރާ، މާލެ ސިޓީގެ ސިފަތައް ޤާއިމްކުރާނޭގޮތް ހިމަނާފައިވެއެވެ.

 މި ޕްލޭން ތަޢާރަފުކުރީ، ރައްޔިތުންނާ ބައްދަލުކުމަށް 9 ޖުލައި 2026 ގައި މާލެސިޓީ ކައުންސިލުން ބޭއްވި، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

އަރބަން ސްޓްރެޓެޖީ 2030/2050 ގެ ނަމުގައި އެކުލަވާލެވުނު މި ޕްލޭންގައި، ކުރިއަށް އޮތް 25 އަހަރަށް ކުރެވޭ ތަސައްވުރަކީ މާލޭ ސިޓީއަކީ ދިރިއުޅެން ފަހި، ހިތްފަސޭހަ، ޖަޒީރާ ސިޓީއަކަށްހެދުމަށް ވެސް ވަނީ ހިމަނާފައެވެ. މި މަންޒިލަށް ވާސިލުވުމަށް ކައުންސިލުން ވަނީ، 3 ދާއިރާ އަކުން 8 އިސްތިރާޖެއް އެކުލަވަލާފައި ކަމަށްވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ތިމާވެށީގެ ދާއިރާއިން، ހަލުއި ފިނި ސިޓީއެއް ޤާއިމްކުރުމާއި އިޤްތިޞާދީ ދާއިރާއިން، ބަދަލުތަކަށް އިޖާބަދޭ ފާގަތި ސިޓީއެއް ޤާއިމްކުރުމާއި، މުޖުތަމަޢުގެ ދާއިރާއިން، އެންމެން ހިއްސާވާ އަމިއްލަވަންތަ، އަމާން އަދި ރައްކާތެރި ސިޓީއެއް ޤާއިމްކުރުމެވެ.

ހަލުއިސިޓީގެ އިސްތިރާޖުގެ އަމާޒަކީ، އެންމެހައި ފަރާތްތަކަށް މާލެ ތެރޭގައި ހިނގައިފައި އަދި ދަތުރުފަތުރުކޮށް އުޅުމަށް ފަސޭހަކޮށްދިނުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން އަމިއްލަ އުޅަނދުތަކަށް ބަރޯސާވާ މިންވަރު މަދުކުރުމާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމާއި، ހިނގައިބިނގައިވެ އުޅުމަށާއި އެކި ތަންތަނަށް ދިޔުން ފަސޭހަކުރުމުގެ އިތުރުން، ޕާކުކުރުމުގެ ފުރިހަމަ ހައްލުތަކެއް ހޯދައިދިނުމަށްވެސް ހިމަނާފައިވެއެވެ. އެގޮތުން، އެއްގަމު އުޅަނދުފަހަރުގެ އަދަދު ކަނޑައަޅައި ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ ސިޔާސަތު އެކުލަވައި ތަންފީޒުކުރުމާއި އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި ޕާކިންގް މައްސަލައަށް ހައްލު ހޯދައިދިނުމުގެ ތެރެއިން، ޕާކިންގ ބިލްޑިންގ ތަރައްޤީކުރުމާއި ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ޓްރެފިކް ޕްލޭންކުރުމާއި މާލޭގެ ބަނދަރުތަކާއި ގިމަތަތައް ތަރައްޤީކުރުން ވެސް ހިމަނާފައިވެއެވެ.

ފިނި ސިޓީގެ އިސްތިރާޖީ އަމާޒަކީ، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ޞިއްޙަތަށް ފައިދާހުރި، ހިތްފަސޭހަ މާޙައުލެއް ގާއިމުކުރުން ކަމަށްވެސް މާލޭސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މާލެ ފިނިކުރުމާއި، ތިމާވެށީގެ ގޮންޖެހުންތަކަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ބަދަލުތަކަށް އިޖާބަދޭ ސިޓީއެއްގެ އިސްތިރާޖުގެ އަމާޒަކީ، ތަރައްޤީގެ މަޝްރޫޢުތަކަކީ ބަދަލުވަމުންދާ ހާލަތުތަކާއި އެއްގޮތަށް ބައްޓަންކުރެވޭ އަދި ހާލަތާއި ގުޅޭގޮތަށް އިޖާބަދޭ ސިޓީއަކަށް ހެދުމެވެ. އެކަށީގެންނުވާ ގޮތަށް ބޭނުންކުރަމުން އަންނަ ބިންތައް ވަކިން ޚާއްސަކޮށް، ޢާންމުންނަށް އުނދަގޫވާނެ ފަދަ ސިނާޢީ މަސައްކަތްތަކާއި އުޅަނދުފަހަރަށް ޚިދުމަތްދޭ ތަންތަން، ޓިންކަރިންގް، އަދި އަލިފާން ހިފާ ފަދަ ނުރައްކާތެރި މުދާ ރައްކާކުރާ ގުދަންތައް، ސިނާޢީ ސަރަހައްދުތަކަށް ބަދަލުކުރުމެވެ. އަދި ބިން ބޭނުންކުރާ ގޮތް ތަރުތީބުކޮށް އެންމެ ފުރިހަމަ ގޮތެއްގައި ބޭނުންނުކުރެވި ހުރި ބިންތައް އިޖުތިމާޢީ، އިޤްތިސާދީ އަދި ތިމާވެށީގެ، ބަދަލުވަމުންދާ ހާލަތްތަކަށް ފުރިހަމައަށް އިޖާބަދޭގޮތަށް އަލުން ތަރައްޤީކުރުމެވެ.

ފާގަތި ސިޓީއެއްގެ އިސްތިރާޖުގެ އަމާޒަކީ އިޤްތިޞާދީ ކުރިއެރުވުމާއި ތަފާތު ވިޔަފާރިތައް ސިންދަފާތު ކުރުމާއި އިޤްތިޞާދީ ބޭނުންތަކަށް ބޭނުންކުރާ ތަންތަން އެކި ދިމަދިމާއަށް ބެހިގެންދިޔުމުގެ ބަދަލުގައި، އެއް ބާވަތެއްގެ މަސައްކަތްތައް، އެއް ސަރަހައްދަކަށް ޒޯނުކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ހޯދައި، އެ ފަދަ ވިޔަފާރިތަކަށް ޚާއްޞަ ސަރަޙައްދުތަކެއްގެ ގޮތުގައި ތަރައްޤީކުރުން ކަމަށް ވެސް މާލޭސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

 

 

 

މާލެސިޓީ ކައުންސިލް

Related News