އުންމީދަކީ އަނެއްކާވެސް ރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް ގާއިމްވެގެން ދިއުން ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވެފައިވަނީ "އުއްމީދަކީ އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތުން ދިވެހި ރައްޔިތުންނަށް އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއް ގާއިމްވެގެން ދިޔުން،" ކަމަށެވެ.
އެކަމަށްޓަކައި ކުރެވޭ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ހެޔޮ ބަދަލުތަކާއި ފަސޭހަތަކެއް ގެނެސްދިނުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އެންމެބޮޑު އަމާޒަކީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ޚާއްސަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކާއި ރަށްރަށުގެ ކުރިއެރުމަށް ސަމާލުކަންދީ، ފުރުސަތުތައް ރައްޔިތުންނަށް ފަހިކޮށްދީ ތަނަވަސްކަން ހޯދައިދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދު،" ފައިސަލް ވިދާޅުވެފައިވެއެވެ.
ޢަދަދުނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ޤައުމާމެދު އެމަނިކުފާނު ކުރައްވާ އުންމީދުތަކެއް އެބަހުރި ކަމަށެވެ. އެއީ ނާއިބު ރައީސް ކަމުގައި ހުންނެވިއިރު ކުރެއްވި އުންމީދެއް ކަމަށާއި މަގާމުގެ ހައިސިއްޔަތުން އެކަންކަން ކުރެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
މިކަންކަން ކުރެވޭނީ ދެންވެސް އެމްޑީޕީ ވެރިކަމަށް އައިސްގެން ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުރިކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދާއެކު މުޅި ޕާޓީ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކޮށްފިނަމަ އެމްޑީޕީއަށް އަލުން ވެރިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.





