ދިވެހި|English Jul 17, 2026 · 04:11
Top banner
Advertisement
"އިތާ" ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފި
News

"އިތާ" ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފި

ހިރި ނިއުސްހިރި ނިއުސްJul 16, 2026

ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން "އިތާ" ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިއީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ރައްކާތެރިކުރުމަށް އެކުލަވައިލި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމެކެވެ. 

މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިއްހަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ގީލާ އަލީ އެވެ. ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތަޢާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުން ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މީގެ ތެރޭގައި މައްސަލަ ބަލައިގަތުމުން ފެށިގެން، މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "އިތާ" ޕޯޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ގޮތުން، "އިތާ" ޕޯޓަލްއާއެކު އަންނާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ބަދަލަކީ މަސައްކަތުގެ ދުވެލި ހަލުވިވުމެވެ. މިއާއެކު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު)ގެ ތެރެއިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެއެވެ.

ހަމައެއާއެކު، މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން ވުޒާރާއަށް ގުޅައިގެން މަޢުލޫމާތު ސާފުނުވެގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ލިބިގެންދާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިތާ ޕޯޓަލްގެ ސަބަބުން ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ހާލަތު ރަގަޅުކުރުމަށްޓަކައި މި ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމާއި، އިޖުތިމާޢީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދެވޭ އިބަމަ ޕްރޮގްރާމުގެ މަސައްކަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން އެކި ޓީމުތަކުން އެއް ގެއަކަށް ޒިޔާރަތްކޮށް ތަކުރާރުކޮށް މަޢުލޫމާތު ސާފުކުރުން ހުއްޓުމަކަށް އައިސް، ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަވެ، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ. އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމަށް ގެނެވޭ ކޮންމެ ހެޔޮ ބަދަލަކީ، ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ލިބޭ ހިތްހަމަޖެހުމެއްގެ އިތުރުން، މަސައްކަތުގެ ދުވެލި ހަލުވިކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަގުފަހިވާ ކަމެކެވެ. 

 

ހެލްތު މިނިސްޓްރީ

Related News