ދިވެހި|English Jul 17, 2026 · 02:20
Top banner
Advertisement
އީރާނަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތައް ބޭނުން ކުރިޔަ ނުދީ: ފޮރިން މިނިސްޓްރީ
World

އީރާނަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތައް ބޭނުން ކުރިޔަ ނުދީ: ފޮރިން މިނިސްޓްރީ

މމުހައްމަދު އަލީJul 16, 2026

އީރާނަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ބިން ބޭނުންކުރިޔަނުދިނުމަށް ގޮވާލައިފި

އީރާނާ ދެކޮޅަށް އެމެރިކާއިން މިހާރު ދެމުންގެންދާ ހަމަލާތައް ދިނުމަށް އަވަށްޓެރި ގައުމުތަކުގެ ބިން ބޭނުންކުރުމުގެ ފުރުސަތު އެމެރީކާއަށް ނުދިނުމަށް އިރާނުގެ ފޮރިންމިނިސްޓްރީން ގޮވާލައިފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި އެމެރިކާއަކީ ބޭރުގެ ސަރަހައްދުތަކުގައި އަސްކަރީ މަރުކަޒުތަކާއި ސިފައިން ބައިތިއްބައިގެން އިރާނުގެ އިސްތިގުލާލަށް އަރައިގަންނަ ގައުމެއް ކަމަށެވެ. އެމެރިކާއިން ގެންގުޅޭ މި ސިޔާސަތު ކުށްވެރިކުރާ ކަމަށް ވެސް އިރާނުން ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އީރާނާ ދެކޮޅަށް ހަމަލާ ދިނުމަށް ދެކުނުގެ އަވަށްޓެރި ގައުމުތަކުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު އެމެރިކާއަށް ދިނުން ހުއްޓުވުމަކީ އެ ގައުމުތަކުގެ ޒިންމާއެއް ކަމަށެވެ.

"އީރާނާ ދެކޮޅަށް ހަމަލާ ދިނުމަށް ބޭނުންކުރާ އަސްކަރީ މަރުކަޒުތަކާއި ތަންތަނަށް އީރާނުން ދިފާއީ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އީރާނަށް ލިބިދީފައިވާ ގާނޫނީ އަދި އަމިއްލައަށް ދިފާއުގެ ހައްގާ އެއްގޮތްވާ ގޮތުގެ މަތިން ދިފައިވާ ހަމަލާތަކެއް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސަރަހައްދީ ހަނގުރާމައިގެ އަލިފާންގަނޑު ފެތުރުން ހުއްޓުވުމަށްޓަކައި، އީރާނާ ދެކޮޅަށް ހަމަލާ ދިނުމަށް ބޭނުންކުރަމުންދާ މަރުކަޒުތަކާއި، ސަރަހައްދީ، ކަނޑު އަދި ވައިގެ ސަރަހައްދު ބޭނުންކުރުން ވަގުތުން ހުއްޓުވުމަށް ވެސް އިރާނުގެ ފޮރިން މިނިސްޓްރީން ވަނީ ގޮވާލައިފައެވެ. އަދި އެމެރިކާއާއި ޒަޔަނިސްޓު ގައުމުން ވަނީ މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ނަފްރަތާއި ނުތަނަވަސްކަން އުފެއްދުމަށް ނުބައި ރޭވުމެއް ރާވާފައި ކަމަށާއި، އެ ނުލަފާ ރޭވުން އެމީހުންނަށް ކާމިޔާބުވިޔަ ދީގެން ނުވާނޭ ކަމުގެ އިންޒާރުވެސް ބަޔާނުގައި ވަނީ ދީފައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ އެގައުމަކީ އަވަށްޓެރި ގައުމަކާ ނުވަތަ ސަރަހައްދުގެ އެއްވެސް ގައުމަކާ މެދު އެއްވެސް ނަފްރަތުކަމެއް ގެންގުޅޭ ގައުމެއް ނޫންކަމަށެވެ. އެހެންކަމުން ދާއިމީ ސަލާމަތަށް އޮތް ހަމައެކަނި މަގަކީ އެމެރިކާގެ އަސްކަރީ އަދި ނުބައި ނުފޫޒުން އެއްކިބާވެ އަވަށްޓެރި ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އަށަގެންނެވުމުން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

 

އީރާން

Related News