މާލޭ މަގުތައް ޒަމާނާ އެއްގޮތަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ ފުރަތަމަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބިޔަ މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައެވެ. އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަށާ މަޝްރޫއެކެވެ. މި މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަކާބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މި މަސައްކަތާ ގުޅުންހުރި އިތުރު ތަފްޞީލު ދެއްވަމުން އެމަނިކުފާނު ވަނީ، އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިންގ ސަރަޙައްދެއް ކަނޑައަޅުއްވާފައިވާނޭކަމަށް ވިދާޅުވެފައެވެ. މި މަގު ހަދައި ނިމުމުން، މަގު ބޭނުންކުރާ މީހުންގެ އިތުރުން މަގުތަކަށްވެސް ލުއިވެގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ނިންމައި ބޭނުންކުރާ ސަރަޙައްދުގެ ޓްރެފިކް ފްލޯ އިން އެކަނިވެސް އެކަން އެނގިގެންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ފިޔަވަހި ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގައި އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށްޓޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ، އެ މަގުގައި އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައި އޮތް ސަރަޙައްދުކަމަށާއި، މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





