އީރާނާއި އެމެރިކާގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައި ތިރީސްފަސް އިންސައްތައާ ހަމައަށް ދަށަށް ދިއުމުގެ ބިރު އޮތުމުގެ ސަބަބުން ދުނިޔެ ފުރަބަންދަކާ ދިމާއަށް މިސްރާބު ޖަހަން ޖެހިދާނެ ކަމުގެ އަޑުތައް މިވަނީ ގަދަވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން ވަނީ ވޮޝިންޓަންގެ އިއްތިހާދުގައި ހިމެނޭ ޚަލީޖުގެ ޤައުމުތަކަށް ހަރުކަށި އިންޒާރެއް ދީފައެވެ. އެގޮތުން ވޮޝިންޓަނުން، އީރާނުގެ ތެލުގެ ވަސީލަތްތަކަށް ޙަމަލާއެއް ދީފިނަމަ، އެ ޤައުމުތަކުގެ ތެޔޮ އުފައްދާ ކާރުޚާނާތަކަށް ޙަމަލާ ދިނުމުގެ އިތުރުން، ހުރުމޫޒް ކަނޑުއޮޅިއާއި، ރަތް ކަނޑާއި، އަދި ބާބް އަލްމަންދަބު ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
ހުޅަނގުގެ ސަރުކާރުތަކުންނާއި، އަދި އޮސްޓްރޭލިއާއިން ކޮންޓިންޖެންސީ ތަދުބީރުތަކާއި، އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އަދި ތެލުގެ ސަޕްލައި ހުއްޓިދާނެ ކަމަށް ލަފާކޮށް، އުޅަނދު ބޭނުންކުރުން މަދުކުރުމާއި، ފްލައިޓްތައް މަދުކުރުން ހިމެނޭ ގޮތަށް ފިޔަވަޅުތައް އެޅުމަށް އެ ޤައުމުތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ. އެންމެ ބޮޑަށް އަސަރުކުރާނެ ޤައުމުތަކުގެ ތެރޭގައި ގާތްގަނޑަކަށް އަށް މަހާއި، ނުވަ މަސް ދުވަހުގެ ތެލުގެ ރިޒާވެއް ޤާއިމުކޮށްފައިވާ އިންޑިއާ ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެމެރިކާއަށް ވެސް، އެ ޤައުމުން ތެޔޮ އިމްޕޯޓް ކުރާ މިންވަރަށް ބަލާއިރު، ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.
މުޙައްލިލުން އިންޒާރުދޭ ގޮތުގައި، އެ ޙާލަތަށް ދުނިޔެ ވެއްޓިއްޖެނަމަ، ދުވަހީ ދިރިއުޅުމާއި، ދަތުރުފަތުރާއި، ސަޕްލައި ޗޭންތަކަށް ދިމާވާ ބުރޫއެރުންތައް ހަފްތާތަކެއްގެ ބަދަލުގައި، މަސްތަކެއް ވަންދެން ދިގުދެމިގެންދާނެ ކަމަށް ބެލެވެއެވެ. މިފަދަ ޙާލަތަކަށް ތައްޔާރުވުމަށް، މި ޤައުމުން ވިސްނާކަށް ނުވޭ ބާވައެވެ؟





