އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ އައްސޭރި ފަށާއި އެސަރަހައްދުގެ ކަނޑުތައް ހިސާރުކޮށްގެން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަނަށް ރައްދު ޖަވާބު ނުލިބިދާނޭ ކަމަށް ހީކޮށްގެންނުވާނޭ ކަމަށް ބުނެ އީރާނުން އެމެރިކާއަށް އިންޒާރުދީފިއެވެ.
އީރާނުގެ އަސްކަރިއްޔާގެ މައިމަރުކަޒުން ބުނެފައިވަނީ އެމެރިކާއިން ގެންދަނީ ގަލްފު ސަރަހައްދުގެ އަމާންކަން ނަގާލައި އެމީހުންގެ ނުބައި ކަމާއި އަނިޔާވެރިކަން ފުޅާކުރަމުން ކަމަށެވެ.
ފާއިތުވި ތިން ދުވަހު އެމެރިކާއިން ވަނީ އީރާނުގެ އައްސޭރިފަށާއި ސަރަޙައްދީ ކަނޑުގައި ދަތުރުކުރާ އީރާނުގެ އުޅަނދުފަހަރަށާއި ވިޔަފާރި ބޯޓުފަހަރާއި، ޓޭންކަރުތަކަށް ހުރަސްއަޅައި އިންޒާރުދީފައެވެ.
މިއީ އީރާނަށް ދަތިކުރުމުގެ ގޮތުން އެމެރިކާގެ ކަނޑުގެ ސިފައިން ގަވާއިދާ ޚިލާފަށް ހިންގަމުންދާ ބިރުވެރި ހަރަކާތެއް ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.
"އެމެރިކާގެ މި އަމަލަކީ މި ސަރަހައްދުގައި ހަނގުރާމަ ފުޅާކުރުން ކަމަށް ދެކެން،" އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އެގައުމުން ބުނެފައިވަނީ އިސްލާމީ ޖުމްހޫރިއްޔާގެ ލަޝްކަރުތައް ވަނީ ސާބިތުކަމާއެކު ޓެރަރިސްޓު ލަޝްކަރުތަކާ ދެކޮޅަށް ރުކުރުވާލައިފައި ކަމަށެވެ. އެގައުމަށް ކުރިމަތިކުރުވާ އެއްވެސް ނުރައްކަލަކާއި ނުބައިކަމެއްގެ ރައްދު ޖަވާބު ނުލިބިދާނޭ ކަމަށް އެމެރިކާއިން ހީކޮށްގެން ނުވާނޭ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.





