ހުޅަނގު އައްސޭރީގައި ހުރި ކޭމްޕެއް ތަޅާލައި އެ ކޭމްޕުގައި ދިރިއުޅޭ މީހުން ގެދޮރު ދޫކޮށްދިއުމަށް އިޒްރޭލުގެ ހަނގުރާމައާ ބެހޭ މިނިސްޓަރު އިޒްރޭލް ކާޓްޒް ކާޓްޒް ގޮވާލައިފިއެވެ.
އޭނާގެ މިގޮވާލުމަށް ފަލަސްތީނުގެ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) އިން ވަނީ ވަގުތުން ރައްދުދީފައެވެ. ހަމާސްގެ އިންފޮމޭޝަން ވެބްސައިޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި އެގޮވާލުމަކީ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ގޮވާލުމެއް ކަމަށެވެ.
ހަމާސްއިން ބުނެފައިވަނީ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ކެބިނެޓުން ގެންދަނީ ހުޅަނގު އައްސޭރީއާ ބެހޭގޮތުން ނުބައިރޭވުންތަކެއް ރާވަމުން ކަމަށެވެ.
ހަމާސްއިން ބުނެފައިވަނީ ކެޓްޒްއާއި، ބެންގްވިރް އާއި ސްމޮޓްރިޗްގެ ވާހަކަތަކުން ފަލަސްތީނުގެ ރައްޔިތުން ޖެނިންއާއި، ޓުލްކަރަމް ކޭމްޕުތަކުން ބޭރުކޮށް، ނައްތާލުމަށް ރާވާފައިވާކަން ހާމަވެގެންދާ ކަމަށެވެ.
ހަމާސް އިން ބުނީ ހުޅަނގު އައްސޭރީގެ ސިޓީތަކާއި ކޭމްޕުތަކުގައި ދުޝްމަނުންގެ ސިފައިން ގެންދަނީ ޓެރަރިޒަމް ހިންގައި މީހުން ޝަހީދު ކުރަމމުން ކަމަށެވެ. އޭގެ އިތުރުން ބިރު ދެއްކުމާއި، ހަމަލާ ދިނުމާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ކަމަށްވެސް ހަމާސްއިން ވަނީ ބުނެފައެވެ. މި ޖަރީމާތަކުގެ ސަބަބުން، ފަލަސްތީނުގެ މިނިވަން ރައްޔިތުންނާއި، އެ ގައުމުގެ ހަނގުރާމަވެރިންނާއި، އިންގިލާބީ ޒުވާނުން ތިބީ ފަލަސްތީނުގެ ވެރިކަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ސާބިތުވެ ކަމަށް ވެސް ބުނެފައިވެއެވެ. ހަމާސްއިން ފަލަސްޠީނުގެ ރައްޔިތުންން ސިފަކޮށްފައިވަނީ އަޅުވެތިކަމާއި އަނިޔާވެރިކަމާއި އިޒްރޭލުގެ ނުބައި ރޭވުންތަކަށްވުރެ ބާރުގަދަ އަދި ވަރުގަދަ ބައެއްގެ ގޮތުގައެވެ.
އަދި ބައިނަލްއަޤްވާމީ މުޖްތަމަޢާއާއި، އދ އާއި، ބައިނަލްއަޤްވާމީ ޝަރުޢީ އިދާރާތަކާއި މުއައްސަސާތަކުން އެމީހުންގެ ޒިންމާ އަދާކުރުމަށް ވެސް ހަމާސްއިންވަނީ ގޮވާލައިފައެވެ. އޭގެ އިތުރުން ދުނިޔޭގެ ހަމައާއި އުސޫލުތަކަށް ތަބާވެ، ފަލަސްޠީނުގެ ވެރިން، ހިންގާ ކުށްތަކަށް ޖަވާބުދާރީ ކުރުވުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އެފަރާތްތަކުން ހިންގާ ޙަމަލާތައް ހުއްޓުވުމަށް ވެސް ހަމާސްއިން ވަނީ ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވާލައިފައެވެ.
ހަމާސް އިން ވަނީ 1948 ވަނަ އަހަރު އިސްރާއީލުގެ ކަނާތު ފިޔައިގެ ކެބިނެޓާއި އިސްރާއީލުގެ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އެކަތިގަނޑަކަށްވެ މުޒާހަރާތައް ވަރުގަދަ ކުރުމަށް ގޮވާލައިފައެވެ.
އިޒްރޭލުގެ ޗެނަލް 13 އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަނގުރާމަވެރި ވަޒީރު އިޒްރޭލް ކާޓްޒް ވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއް ހިސޯރުކުރުމަށް އިޒްރޭލުގެ އަސްކަރިއްޔާއަށް އަމުރު ކުރައްވައިފަ އެވެ.
މި އަމުރު ނެރުނީ ޖެނިން، ތުލްކަރަމް އަދި ނޫރް ޝަމްސް ކޭމްޕުތަކުގައި އަސްކަރިއްޔާގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާތީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ސަލާމަތީ ބައްދަލުވުމަކަށްފަހުގައެވެ. އެ ބައްދަލުވުމުގައި ޗީފް އޮފް ސްޓާފް އިޔާލް ޒާމިރު، އޮޕަރޭޝަންސް ޑައިރެކްޓްރޭޓްގެ ވެރިޔާ އިޓްޒިކް ކޯހެން، މިލިޓަރީ އިންޓެލިޖެންސްގެ ވެރިޔާ ޝްލޯމީ ބައިންޑަރ، ސެންޓްރަލް ކޮމާންޑްގެ ވެރިޔާ އަވީ ބްލޮޓާއު، ސަލާމަތީ އިތުރު އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.





