ކެސްޕިއަން ކަނޑުގައި ދަތުރު ކުރަމުންދިޔަ އީރާނުގެ ބޯޓު "އަނާ" އަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން ޔޫކްރެއިނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުންދާ ކަމަށް ރަޝިޔާގެ އަސްތުރަޚާންގައި ހުންނަ އީރާނުގެ ކޮންސުލް ޖެނެރަލް އަހުމަދު ހައިދަރިއަން ވިދާޅުވެއްޖެއެވެ.
އިސްލާމިކް ރިޕަބްލިކް ނިއުސް އޭޖެންސީ (އައިއާރްއެންއޭ) އަށް ދެއްވި އިންޓަވިއުއެއްގައި ހެއިދަރިއަން ވިދާޅުވި ކަމަށް އެނޫހުން ބުނެފައިވަނީ ހަމަލާގައި ނިޔާވި މީހާގެ ހަށިގަނޑު އީރާނަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. ހަމައެއާއެކު ޔޫކްރައިނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ބޭނުންވާ އިޖުރާއަތުތައް ފުރިހަމަ ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ބޯޓުގައި ސަލާމަތުން ތިބި މީހުން ގައުމަށްދާނީ މި އިޖްރާއަތުތައް ފުރިހަމަވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑްރޯން ހަމަލާގައި މަރުވީ އުމުރުން 23 އަހަރުގެ ފަޅުވެރިއެއް ކަމަށްވާ ނިމާ މޮރާޑީ ކަމަށެވެ.
ހެއިދަރިއަން ވިދާޅުވީ އެއިން ދަތުރުކުރި މީހުންގެ ތެރޭގައި އީރާނުގެ މީހުންނާއި އިންޑިއާ މީހުން ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި ރަޝިއާއިން ވަނީ ކުއްލިހާލަތުގައި ދޭންޖެހޭ އެހީތެރިކަންދީފައި ކަމަށެވެ. އެގޮތުން ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ފަޅުވެރީން ހޮސްޕިޓަލަށް ބަދަލުކުރަން އެހީވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަސް މީހަކު މޮރާޑީގެ ހަށިގަނޑާ އެކު އެސްޓްރަޚާން ސަރަހައްދުގެ އޮލިޔާ ބަނދަރަށް ވަނީ ގެންގޮސްފައި ކަމަށް ވެސް ވިދާޅުވިއެވެ.
އީރާނުގެ އަމިއްލަ ކުންފުންޏެއްގެ ބޯޓެއް ކަމަށްވާ "އަނާ" އަށް ޔޫކްރެއިންގެ ޑްރޯނަކުން ހަމަލާ ދީފައި ވަނީ ދަގަނޑު ޝީޓުތަކެއް ބަރުކޮށްގެން ކެސްޕިއަން ކަނޑުން ދަތުރު ކުރަމުންދަނިކޮށެވެ.
އީރާނުން ރަޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒަމް ޖަލާލީ އެ ހަމަލާ ސިފަކޮށްފައިވަނީ ޖިނާއީ ކުށެއްގެ ގޮތުގައެވެ. ހަމަލާ ދިން އިރު އެ ބޯޓު އޮތީ ވޮލްގާ ކޯރުގެ އަނގަމަތީން ފަސް ކިލޯމީޓަރު ދުރުގައެވެ.
ޖަލާލީ ވިދާޅުވީ، މި ކަމާގުޅިގެން އީރާނާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ވަނީ އާދީއްތަ ދުވަހު ވަނީ ފޯނުން ވާހަކަ ދައްކަވާފައި ކަމަށެވެ. އެ ކޯލުގައި އީރާނުގެ ޚާރިޖީ ވަޒީރު ވަނީ މި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޔޫކްރެއިނަށް ރައްދު ދިނުމުގެ ފުރިހަމަ އިޚްތިޔާރު އީރާނަށް ލިބިގެންވާ ކަމަށް ވިދާޅުވެފައި ކަމަށް ޖަލާލީ ވިދާޅުވިއެވެ.





