ޖަޕާނުން 35 ބިލިއަން ޑޮލަރު ޚަރަދުކުރިއެވެ. އާދެ، އެންމެ ދުވަހެއްގެ ތެރޭގައި އެވަރު ޚަރަދުކުރިއެވެ. އެކަމަކުވެސް ޖަޕާނުގެ ފައިސާ، ޔެންގެ އަގު ދިޔައީ ދަށަށެވެ. މިދިޔަ އެޕްރީލްމަހުގެ ތެރޭގައި، ޖަޕާނުގެ މާލީ ނިޒާމުގައި ބޮޑު ރެނދެއްލިއެވެ. ޓައިވާނުން އޮތީ އެމީހުންގެ އަމިއްލަ ޙިޞާރު ނުވަތަ ބްލޮކޭޑުގެ ރިހާސަލް ބަލާށެވެ. ތެޔޮ ލިބެން ހުރި ހުރިހާ ދޮރެއް ކިއުބާއަށް ބަންދުކޮށްލިއެވެ. ޙަބުޝްކަރަ ނުވަތަ އިތިއޮޕިއާ އޮތީ ލައްކައެއްހާ މީހުން މަރުވެދާނެ ހަނގުރާމައެއްގެ ތުންފަތް މަތީގައެވެ. ހަތަރު ޤައުމެކެވެ. ކުރިމަތިވީ ތަފާތު ހަތަރު މުސީބާތެވެ. އެކަމަކު ވެއްޓުނީ އެއް ނިޒާމެއްގެ ތެރެއިންނެވެ. މިއީ، އެ ޙާދިސާތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެވެ.
30 އޭޕްރީލް 2026 ވަނަ ދުވަހު ޖަޕާނުގެ ފައިސާ ޔެންގެ އަގު ޑޮލަރެއްގެ ނިސްބަތުން 160.7 އަށް ވެއްޓުނެވެ. އެއީ ދެ އަހަރު ދުވަހުގެ ތެރޭގައި ޔެންގެ އަގު އެންމެ ބޮޑަށް ވެއްޓުނު ދުވަހެވެ. ޓޯކިޔޯ ބިރުން ތެޅިގަތެވެ. ޖަޕާނުގެ މާލީ ވުޒާރާއިން ފައިސާގެ އަގު ވަޒަންކުރާ ފަރާތްތަކަށް އެންމެ ފަހުގެ އިންޒާރުދިނެވެ. އެއަށްފަހު ފިޔަވަޅު އެޅިއެވެ. ޖަޕާނުން ބާޒާރުގައި ހުރި ޔެން ގަނެ، ޑޮލަރު ވިއްކިއެވެ. އެންމެ ދުވަހެއްގެ ތެރޭގައި ޖަޕާނުން ގާތްގަނޑަކަށް 35 ބިލިއަން އެމެރިކާ ޑޮލަރު ވިއްކިއެވެ. އެކަމަކު، އެފިޔަވަޅު މަސައްކަތްކުރީ ގާތްގަނޑަކަށް 48 ގަޑިއިރު ވަންދެންނެވެ. އެއާއެކު، އަނެއްކާވެސް ޔެންގެ އަގު ދަށަށް ދާން ފެށިއެވެ. އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ އެމެރިކާއާއި، އީރާނުގެ ހަނގުރާމައިގެ ސަބަބުން ހުރުމޫޒް ކޮއްލަވާނި އޮތީ ބަންދުކޮށްފައެވެ. ޖަޕާނުން، އެ ޤައުމަށް ބޭނުންވާ ސާފުނުކުރާ ތެލުގެ 90 އިންސައްތައަށް ވުރެ ގިނަ ތެޔޮ އެތެރެކުރަނީ މެދުއިރުމަތިންނެވެ. ތެލުގެ މަގު ބަންދުވުމުން ޖަޕާނުގެ އިމްޕޯޓް ޚަރަދުތައް އިންތިހާއަށް މަތިވެ، ޔެން ބަލިކަށިވެ، ލާދަ ނުވަތަ އިންފްލޭޝަން މައްޗަށް ދިޔައެވެ. ޖަޕާނުގެ މަރުކަޒީ ބޭންކުން މިހާރު ވަނީ 2026 ވަނަ އަހަރު، އެ ޤައުމުގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް އަންދާޒާކުރި މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށްކޮށް، 0.5 އިންސައްތައަށް ކުޑަކޮށްފައެވެ. ދެންއޮތީ އެއްވެސް މީހަކު ބާރަށް ނުބުނާނެ ވާހަކައެކެވެ. ޖަޕާނުން ވަނީ އެމެރިކާގެ ޓްރެޜަރީ ބޮންޑްގައި އެއް ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ވުނަކޮށްފައެވެ. ޖަޕާނަކީ އެމެރިކާއިން އެންމެ ބޮޑަށް ދަރާފައިވާ އެއް ޤައުމެވެ. ޖަޕާނުގެ އިޤުތިޞާދީ ނިޒާމުގައި ވޭންއަޅާއިރު، މުޅި ދުނިޔޭގެ މާލީ ނިޒާމަށް އެކަން އިޙުސާސް ކުރެވޭނެއެވެ. މިއީ، ދިވެހިރާއްޖޭގައި ދިވެހި ރުފިޔާގެ އަގު ވެއްޓި، ޑޮލަރުގެ އަގު ބޮޑުވެގެން ވާހަކަ ދައްކާ މީހުން ވިސްނާލަން ޖެހޭ ނުގުތާއެކެވެ. ތަރައްޤީއާއި، އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ވުރެ ބާރުގަދަ އެހެން ޤައުމުތަކުން މިކަން ކަމާމެދު ވިސްނާ ފިޔަވަޅުތައް އަޅަމުންދާއިރު، ދިވެހި ދައުލަތުން ކަހާތަން ހިރުވައިވެސް ނުލައެވެ. މިނިވަން ދުވަހުގެ ޖަލްސާގެ ތަޤުރީރު އަޑުއިވުމުން ހީވީ އަލާއުއްދީނުގެ ވޮށްގަނޑު އޮތީ ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައިހެންނެވެ.
ދެން އިރުމައްޗަށް ބަލަމާ ހިނގާށެވެ. ދުނިޔޭގެ ޒަމާނީ ސެމީކޮންޑަކްޓަރ ޗިޕްތަކުގެ 60 އިންސައްތަ އުފައްދަނީ ޓައިވާނުންނެވެ. ޓައިވާނާ ނުލައި ޢާލަމީ ފަންނިއްޔާތު ނުވަތަ ޓެކްނޮލޮޖީ ހަމައެކަނި ލަސްވާނީއެއް ނޫނެވެ. އެއްކޮށް ހުއްޓޭނީއެވެ. 2025 ވަނަ އަހަރު ޗައިނާއިން ވަނީ މިހާތަނަށް ބޭއްވި އެންމެ ބޮޑު ޢަސްކަރީ ތަމްރީނުތައް ޓައިވާންގެ ވަށައިގެން ބާއްވާފައެވެ. މި ޑްރިލްތަކުގެ ނަމަކީ "ޖަސްޓިސް މިޝަން 2025" އެވެ. މުޙައްލިލުން ކަށަވަރުކޮށްދިން ގޮތުގައި ޗައިނާއިން ޓައިވާނަކަށް އަރައެއް ނުގަންނާނެއެވެ. ޗައިނާއިން ހެދީ ޙިޞާރެއްގެ ނުވަތަ ބްލޮކޭޑެއްގެ ތަމްރީނުތަކެވެ. ޓައިވާންގެ ބަނދަރުތަކާއި، ޝިޕިންގ މަގުތައް އެއްކޮށް ޙިޞާރުކުރުމުގެ ތަމްރީނެވެ. 2026 ވަނަ އަހަރުގެ މެއި މަހާ ހިސާބަށް އައިއިރު، އެމެރިކާގެ ޢަސްކަރިއްޔާ އެވަނީ އީރާން ހަނގުރާމައިގެ ސަބަބުން ބަލިކަށި ވެފައެވެ. ވިލާތުގެ ޤައުމުތަކުގެ އަމާޒު ހުރީ އެ ޤައުމުތަކުގެ އެތެރެއަށެވެ. އަދި ޓައިވާނަށް ފެނުނީ، އެ ޤައުމުގެ ސަލާމަތީ ހުރިހާ ކުޑަދޮރުތަކެއް ބަންދުވެފައި ހުރި ތަނެވެ. ދެންއޮތީ ޙަޤީޤަތުގައިވެސް ޗައިނާއިން މަޝްވަރާ ކުރަން ބޭނުން ނުވާ ބައެވެ. ދުނިޔޭގެ ސަމާލުކަން ތެހެރާނަށް ހުއްޓިފައިވާއިރު، ބެއިޖިންއިން މަޑުމަޑުން ދިޔައީ، އެ ޤައުމުގެ އެތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް ނެއްތައިލާނެ ބިނާރުތައް ގާއިމުކުރަމުންނެވެ. އެމީހުން އެދަނީ ހުޅަނގުގެ އިޤުތިޞާދީ ޙިޞާރަކުން ނުވަތަ ބްލޮކޭޑަކުން ސަލާމަތްވާނެ ގޮތްތައް ވަގުތުން ވަގުތަށް ދަސްކުރަމުންނެވެ. އީރާނު ހަނގުރާމައަކަށް ޓަކައެއް ނޫނެވެ. ޓައިވާނަށް ޓަކައެވެ.
ދެން ހުޅަނގަށް އުދުހިފައި ހަވާނާއަށް ދާށެވެ. ޓުރަމްޕްގެ ވެރިކަމުގައި ކިއުބާއަށް އޮތީ ހަކަތައިގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެއީ އާންމު ދަތިކުރުމުގެ ފިޔަވަޅުތަކެއް ނޫނެވެ. ހަމައެކަނި ހަކަތަ މަނާކުރީއެވެ. އެ ޖަޒީރާ އެދަނީ ތެލަށް ޖެހެމުންނެވެ. އިންސާނީ އެހީދޭ ޖަމިއްޔާތަކުން ވަނީ ކާބޯތަކެއްޗާއި، ބޭހުގެ ދަތިކަމާ ގުޅިގެން އިންޒާރުގެ ރަނގަބީލު އަޅާފައެވެ. މި އަހަރުގެ އޭޕްރީލްމަހުގެ ފަހުކޮޅު އެމެރިކާ އާއި ކިއުބާގެ އޮފިޝަލުން މަޝްވަރާކުރި ކަމުގައިވީ ނަމަވެސް، ވޮޝިންޓަނުން ވަނީ އެ ޤައުމުގެ މަޤާމު ސާފުކޮށްދީފައެވެ. ކިއުބާ އިސްލާޙުވާން ވީއެވެ. އެހެންނޫނީ ފިއްތުންތައް ބޮޑުވާނެއެވެ. ކިއުބާއާ ދިމާކޮށްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އާދެ، ސަބަބަކީ ޓުރަމްޕްގެ ޤައުމީ ސަލާމަތުގެ އައު އިސްތިރާޖީގައި ހުޅަނގު ބިތަކީ، އެމެރިކާގެ ބާރާއި، ނުފޫޒު އޮންނަން ޖެހޭނެ ދާއިރާއެއް ކަމަށް ސާފުކޮށް އިޢުލާންކޮށްފައި ވާތީއެވެ. ކިއުބާއަކީ އެ ތަޙުލީލުގެ ފުރަތަމަ ޤައުމެވެ. ވޮޝިންޓަނަށް ޤައުމެއް ބަނޑަށް ޖައްސައިގެން އަދި ހަކަތަ މަނާކޮށްގެން، އެ ޤައުމެއް ލައްވާ އެމީހުން ކުރަން ބޭނުންވާ ކަންތައްތައް ކުރެވިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މުޅި ލެޓިން އެމެރިކާގައިވެސް އެމެރިކާއިން ބޭނުންކުރާނީ ހަމަ އެ ސިޔާސަތެވެ. އޭގެ އިތުރުން ސީނުކަރައަކީ ލެޓިން އެމެރިކާގެ ޤައުމުތަކުގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ދެފަރާތުގެ ވިޔަފާރި ވަނީ އަހަރަކު 700 ބިލިއަން ޑޮލަރާއި ހިސާބަށް މައްޗަށް ގޮސްފައެވެ. ހުޅަނގު ބިތަށްޓަކާ ކުރެވޭ ހަނގުރާމައަކީ ޢަސްކަރީ ހަނގުރާމައެއް ނޫނެވެ. އެއީ އިޤުތިޞާދީ ހަނގުރާމައެކެވެ. އަދި ތެދުތެދަށް ބުނާނަމަ ވޮޝިންޓަނަށް ވަނީ، ހުޅަނގު ބިތުގެ ތާޖާއި، ތަޚުތު ގެއްލިފައެވެ.
ދެން އެފްރިކާގެ ހުޅަނގު ދެކުނަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. 2026 ވަނަ އަހަރުގެ މެއި މަހު "ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓުން" ވަނީ ޓިގްރޭގެ ސަރަޙައްދީ ސަރުކާރުގެ ކޮންޓްރޯލް އަލުން ނަގާނެކަން އިޢުލާން ކޮށްފައެވެ. އެމީހުން ތުހުމަތުކުރާ ގޮތުގައި އެޑިސް އަބާބާއިން ސިވިލް ސާވަންޓުންނަށް މުސާރައެއް ނުދެއެވެ. އަދި ސުލްޙައިގެ ވަޢުދުތަކަކަށް އިޙުތިރާމެއް ނުކުރެއެވެ. އަދި އެކަންތައްތަކަކީ ހަނގުރާމައަށް އެނބުރި ދިއުމަށް ބާރުއަޅާ ކަންތައްތަކެވެ. އެންމެ ފަހުގެ ޓިގްރޭ ހަނގުރާމައިގައި ގާތްގަނޑަކަށް 300،000 އާއި 500،000 އާއި ދެމެދުގެ ޢަދަދަކަށް މީހުން މަރުވި ކަމަށް ލަފާކުރެވެއެވެ. ތެދުތެދަށް ބުނާނަމަ، އެއީ މި ޤަރުނުގައި އެންމެ ގިނަ ބަޔަކު މަރުވި އެއް ހަމަނުޖެހުމެވެ. އަދި ދެވަނަ ބުރު އެއަށްވުރެވެސް ގޯސްވާނެއެވެ. އަދި އެ ސަރަޙައްދުގެ އިޤްތިޞާދީ ބިންގާ މިހާރުވެސް އޮތީ ފުނޑުފުނޑުވެފައެވެ. ޙަބުޝްކަރަ ނުވަތަ އިތިއޮޕިއާގައި އެންމެ އަހަރެއްގެ ތެރޭގައި ގޮދަނުގެ އަގު ވަނީ 28 އިންސައްތަ މައްޗަށް އުފުލިފައެވެ. 2024 ވަނަ އަހަރުން ފެށިގެން ޤައުމީ ފައިސާގެ އަގު ވަނީ ޑޮލަރާ އަޅާބަލާއިރު 100 އިންސައްތަ ދަށަށް ވެއްޓިފައެވެ. ހަމައެކަނި ރައްޔިތުންނަށް ކާންދިނުމަށްޓަކާ، އެ ޤައުމުން އަހަރަކު 1.4 މިލިއަން މެޓްރިކް ޓަނުގެ ގޮދަން އަދިވެސް އެތެރެކުރެއެވެ. ހަތިޔާރުއެޅި ހަނގުރާމަވެރިންގެ މުޞީބާތް އިތިއޮޕިއާގައި ކުޑައެއް ނުވެއެވެ. ސޫދާން މިހާރުވެސް އެދަނީ އަނދަމުންނެވެ. ސޯމާލިއާގައި ވަނީ ނުތަނަވަސް ކަމެވެ. ސަރަޙައްދީ ރޮނގުގައި އެރިތުރިއާ އޮތް އިރު، ހަނގުރާމަވެރި ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު ކުރެވެއެވެ. ތެދުތެދަށް ބުނާނަމަ، އެފްރިކާގެ މުޅި އެ ސަރަޙައްދު އޮތީ ސަރަޙައްދީ ބޮޑު ކާރިސާއަކާ އަލިފާން ކަންޏެއްހާ ހިސާބު ދުރުގައެވެ.
ވީމާ، ޖަޕާނާއި، ޓައިވާނާއި، ކިއުބާއާއި، އަދި އިތިއޮޕިއާ އެއްފަހަރާ ހަލާކުވެގެން މިދަނީ ކީއްވެގެން ހެއްޔެވެ؟ އާދެ، އެ ހުރިހާ ކަމެއް ގުޅިފައިވަނީ ވެއްޓުމުގެ ނިޒާމުގެ ތެރޭގައި ހުރި ސްޓްރެސް ނުގުތާތަކަކަށް އެ ޤައުމުތައް ވާތީއެވެ. އެމެރިކާ، އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މަގުތައް ވަނީ ބަންދުވެފައެވެ. ޖަޕާނުގެ ފައިސާގެ އަގު ވެއްޓުނީ އެހެންވެގެންނެވެ. އެމެރިކާގެ ޢަސްކަރިއްޔާ ކޮށިއަރައި، ޓައިވާނަށް ގޮތް ހުސްވީ އެހެންވެގެންނެވެ. ކިއުބާއާ ދެކޮޅަށް އިޤުތިޞާދީ ހަނގުރާމަތައް އިތުރަށް ވަރުގަދަ ކުރުމަށް ވޮޝިންޓަނަށް ފުރުޞަތު ލިބުނީ އެހެންވެގެންނެވެ. އަދި، ދުނިޔޭގެ ސަމާލުކަން އިތިއޮޕިއާގެ ކިބައިން ނެއްޓި ޞުލްޙައިގެ ކަންތައްތައް އޮޅުންބޮޅުންވީ އެހެންވެގެންނެވެ. މިއީ މަލްޓި ޕޯލާ ދުނިޔެއެއް، ޙަޤީޤަތުގައި އޮންނަ ގޮތެވެ. ސާފުގޮތެއްގައި އެއް ޙާލަތުން، އަނެއް ޙާލަތަކަށް ބަދަލެއް ނުވާނެއެވެ. ޑިޕްލޮމެޓިކް އަތާ އަތްޖޯޑުކުރުމެއް ނުއޮންނާނެއެވެ. އެއްފަހަރާ، ހުރިހާ ތަނެއްގައި މަތިމައްޗަށް ފައިބައިގެންދާ މުޞީބާތްތަކެވެ. ހަތަރު ޤައުމެކެވެ. އެއް ނިޒާމެކެވެ. އަދި އެ ޤައުމުތަކުގެ ހަލާކެވެ. މެއިންސްޓްރީމް މީޑިއާއިން މިއިން ކޮންމެ ވާހަކައެއް ދައްކާނީ ވަކިވަކިންނެވެ. އަހުރެން މި ބުނެދިނީ ހަތަރު ވާހަކަ އެކުގައެވެ. އެހެނީ، ހަތަރު ވާހަކަ އެކުގައި އަޑުއިވިގެން ނޫނީ ތެދުވެރިކަމާއެކު ގޮތެއް ނުނިންމޭނެއެވެ.





