އިނގިރޭސި ރޯޔަލް ނޭވީގައި ޚިދުމަތް ކުރެއްވި އެންމެ ނުފޫޒުގަދަ އެއް ކޮމާންޑަރ، ވައިސް އެޑްމިރަލް ސަރ ހައިޑް ޕާކަރު (Hyde Parker) ވަނީ ގެއްލިފައެވެ. އެ ބޭފުޅާ ގެއްލުނީ ދަތުރުކުރެއްވި އެސްއައިއެސް ކޭޓޯ ނަމަކަށް ކިޔާ ނަވާއެކު 1782 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އިންޑިއާ ކަނޑަށެވެ. އިނގިރޭސިވިލާތުގެ ރެކޯޑުތަކުގައި ވަނީ އޭގެފަހުން އެ ނަވާއި އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމަށެވެ. ނަމަވެސް އެ ނައު އުރި ފުނޑުފުނޑުވީ ދިވެހިރާއްޖެއަށްކަމަށް އިނގިރޭސި ސަރުކާރުން ޝައްކުކުރެއެވެ. އަދި ދިވެހިރާއްޖޭގެ ތަފުސީލު ނޭވަލް ޗާޓެއް ކުރަހަން އިނގިރޭސީން ބޭނުންވި މައިގަނޑު އެއް ސަބަބަކީ އެއީއެވެ.
ސަރ ހައިޑް ޕާކަރުގެ ނައު އުރުނީ ހުވަދުއަތޮޅަށް ކަމަށް ތުންތުންމަތިން ކިޔެމުން އައެވެ. އަދި އޭރު އޭނާގެ އަންހެނުން އިނީ ބަލިވެކަމަށާއި އޭނާ ވިހެއީ ދިވެހިރާއްޖޭގައި ކަމަށް ބުނެވެއެވެ. މީގެ އިތުރުން އެ ދަރިކޮޅު ހުވަދުއަތޮޅުގައި އޮތްކަމަށް ވެސް ކިޔައެވެ. އެ ކަމަކު މި ވާހަކަތަކަށް ތާރީޚީ ގޮތުން ބުރަދަނެއް ލިބޭވަރުގެ ހެއްކެއް ލިބިފައެއް ނުވެއެވެ. ބުނެވޭ ގޮތުގައި އިނގިރޭސި ސަރުކާރުން ދިވެހިރާއްޖޭގެ ޗާޓު ކުރެމުގެ މަސައްކަތަށް 1834 ވަނަ ފޮނުއްވި ކެޕްޓަން މޯރސްބީ (ދިވެހިންގެ ތެރޭގައި މަޝްހޫރު ނަމުންނަމަ މޮރެސްބީ) ހުވަދު އަތޮޅު ތިނަދޫގައި "ލާޓު ދަގަނޑު" ޖައްސަވަހައި، އެކި ރަށްރަށުން މީހުންނާއި ސުވާލު ކުރައްވައިގެން ގިނަ ރަށްތަކެއް ސާވޭކޮށް ހެއްދެވި ބޮޑު ސައިންޓިފިކް ދިރާސާގެ މައިގަނޑު އެއް މަގުސަދަކީ ސަރ ހައިޑް ޕާކަރުގެ ޚަބަރެއް ވޭތޯ ބެއްލުންކަމުގައި ޝައްކުކުރެވުނެވެ. ނަމަވެސް މި ވާހަކަތަކަށް ވެސް ތާރީޚީގޮތުން އެއްވެސް އަލިކަމެއް ލިބިފައެއް ނުވެއެވެ.
ވައިސް އެޑްމިރަލް ސަރ ހައިޑް ޕާކަރު
ވައިސް އެޑްމިރަލް ސަރ ހައިޑް ޕާކަރު، 5 ވަނަ ބެރޮނެޓް އުފަންވެ ވަޑައިގަތީ 1714 ވަނަ އަހަރުގެ ފެބުރުވަރީ 1 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޓްރެޑިންގްޓަން އަށެވެ. ހަޔާތުގެ ބައިވެރިޔަކީ ،1734 ވަނަ އަހަރު ކައިވެނި ބައްލަވައި ގެންނެވި ސާރާ ސްމިތުސަންއެވެ. މި ކައިވެނިން ދެ ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ހެރީ އާއި ހައިޑް އެވެ. ސަރ ހައިޑް ޕާކަރުގެ ބޭފުޅުންނާއި ކާފަ ބޭފުޅުންނަކީ ވެސް އިނގިރޭސި ރޯޔަލް ނޭވީގައި ބާރުގަދަ ވެރިންނަށް ވިއެވެ.
އޭޕްރީލް 1782 ގައި ސަރުކާރަށް އައި ބަދަލާ ގުޅިގެން، ކުރީގެ ސަރުކާރާއެކު ޚިދުމަތް ކުރައްވަން ދެކޮޅު ހެއްދެވި ގިނަ އެޑްމިރަލުންތަކެއް އަލުން ޚިދުމަތަށް ނުކުންނެވިއެވެ. މީގެ ތެރޭގައި އުމުރުން 67 އަހަރުގެ، ވާރުތަވަމުން އައި "ބެރޮނެޓް" ކަމުގެ ލަގަބު އޮތް ވައިސް އެޑްމިރަލް ސަރ ހައިޑް ޕާކަރު ހިމެނިވަޑައިގަތެވެ.
އޭޕްރީލް 1782 ގައި އިނގިރޭސިވިލާތުގެ ސަރުކާރަށް އައި މި ބަދަލަކީ، އެމެރިކާގެ މިނިވަންކަމުގެ ހަނގުރާމައިގައި އިނގިރޭސިންނަށް ކުރިމަތިވި ނާކާމިޔާބީތަކާ ގުޅިގެން، އޭރުގެ ބޮޑުވަޒީރު ލޯޑް ނޯތުގެ ސަރުކާރު އިސްތިއުފާ ދިނުމެވެ. އެ ސަރުކާރު ވެއްޓުމަށްފަހު އައި އާ ސަރުކާރަކީ ހަނގުރާމައާ ދެކޮޅު، އަދި ސުލުހައަށް އިސްކަންދޭ ސިޔާސަތެއް ގެންގުޅުނު ސަރުކާރެކެވެ. މި ބަދަލާއެކު، ކުރީގެ ސަރުކާރުގެ ސިޔާސަތުތަކާ ހިތްހަމަނުޖެހިގެން މަގާމުތަކުން ދުރުގައި ތިއްބެވި އަސްކަރީ އިސް ބޭފުޅުންނާއި އެޑްމިރަލުން އަލުން ޚިދުމަތަށް ނުކުމެވަޑައިގަތީއެވެ.
ސަރ ހައިޑް ޕާކަރަކީ ގިނަ ދުވަސްވީ ތަޖުރިބާކާރު، އަދި ހަރުކަށި މިޒާޖެއްގެ ބޭފުޅެކެވެ. ނަމަވެސް މަސައްކަތުގައި ވަރަށް ހުޝިޔާރު އަދި ގާބިލު އޮފިސަރެކެވެ. އޭނާ ވަނީ ޖުލައި 1781 ގައި ޑަޗް ފްލީޓާ ދެކޮޅަށް ކުރި ނުރައްކާތެރި "ބެޓްލް އޮފް ދަ ޑޮގާސްބޭންކް" ހަނގުރާމައިގައި އިސްކޮށް އުޅުއްވާފައެވެ. މި ހަނގުރާމައަށްފަހު އޭނާއަށް ބަތަލެއްގެ ލަގަބު ލިބުނު ނަމަވެސް، ކަނޑުގެ ސިފައިންގެ އިދާރާއިން އޭނާއަށް ފެންވަރު ދަށް އުޅަނދުތަކެއް ދިން ކަމަށް ވިދާޅުވެ ފާޑުވިދާޅުވުގެ ސަބަބުން އޭނާގެ އަގު ވެއްޓުނެވެ. އަދި ރަސްގެފާނު ފްލީޓަށް ޒިޔާރަތް ކުރެއްވި ހިނދު އެމަނިކުފާނަށް އެކަށީގެންވާ ގަދަރު ނުދިނުމާއި، "ނައިޓްހޫޑް" ގެ ޝަރަފު ގަބޫލުކުރަން ދެކޮޅު ހެއްދެވުން ފަދަ ކަންކަން އޭނާގެ ފަރާތުން ފެނިފައިވެއެވެ.
ސަރ ހައިޑް ޕާކަރު އަލުން ވަޒީފާއަށް އެނބުރި ވަޑައިގަތުމަށް އެއްބަސްވީ އާ ސަރުކާރު އުފެދުމުންނެވެ. އެއާއެކު، އޭނާއަށް ހަވާލުކުރެވުނީ އީސްޓް އިންޑީޒްގެ ކޮމާންޑަރ-އިން-ޗީފްގެ މަގާމެވެ.
ގެއްލި ވަޑައިގަތުން
ސަރ ހައިޑް ޕާކަރު ގެއްލި ވަޑައިގަތީ 1782 ވަނަ އަހަރު އެ މަނިކުފާނު ދަތުރުކުރެއްވި ނަވާ އެކުގައެވެ. އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރެއްވި ދަތުރުފުޅެއްގައި، ރިއޯ ޑި ޖެނީރޯއަށް މަޑުކުރެއްވުމަށްފަހު ނައު މަރާމާތު ކުރައްވައިގެން ފުރާވަޑައިގަތެވެ. އޭގެފަހުން އެ ނައުގެ ޚަބަރެއް އަދިއަދަށް ދާންދެން ވެސް ނޭނގެއެވެ. ބައެއް ރިޕޯޓްތަކުން ލަފާކުރާ ގޮތުގައި އެ އުޅަނދު ފަރަކަށް އަރައި ފުނޑުފުނޑުވީއެވެ. އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުގައި އެ އުޅަނދު އުރުނީ ދިވެހިރާއްޖޭގެ ފަރަކަށެވެ. ނުވަތަ މަޑަގަސްކަރައިގެ ދެކުނުން ކުރިމަތިވި ކޮޅިގަނޑެއްގައި ބަންޑުން ޖަހާލީއެވެ. އެހެން ރިޕޯޓެއް ބުނާ ގޮތުގައި އިންޑިއާގެ ހުޅަނގު ދެކުނު އައްސޭރީގައިވާ ލަކްޝަދީޕް (ލަކަޑައިވް އައިލެންޑްސް) ކައިރިން އެ އުޅަނދުގައި އަލިފާން ރޯވެ ގޮވީއެވެ. މި މައުލޫމާތު ބިނާވެފައިވަނީ އެ ދުވަސްވަރު މި ސަރަހައްދުގައި ކަނޑު ދަތުރުކުރި ފަރާތްތަކުގެ ތެރެއިން ވާހަކަ ތަކަށް ބިނާކޮށެވެ.
އޭރުގެ ދިވެހިރާއްޖެ
ސަރ ހައިޑް ޕާކަރ ގެއްލި ވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވީ ދޮން ބަންޑާރައިންގެ ހަގުދަރިކަލުން، އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) 1779 - 1799 އެވެ. މި ރަދުން އަވަހާރަވީ ޙައްޖަށް ވަޑައިގެންނެވި ދެވަނަ ދަތުރުފުޅުގައި 1799 ޖޫން 1 ވަނަ ދުވަހު ޖިއްދާގައެވެ. މިރަދުން ޙައްޖަށް ފުރާވަޑައިގެންނެވީ ދޮށީ ފިރިހެން ދަރިކަލުންނަށް ރަސްކަން ހަވާލުކުރައްވާފައެވެ. އެއީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު (އެއްވަނަ) 1799 - 1835 އެވެ.
ދިވެހިރާއްޖޭގެ ޗާޓުކުރެހުމަށް އިނގިރޭސި ސަރުކާރުގެ ސިޓީފުޅަކާއެކު ކެޕްޓަން މޯރސްބީ އާއި އޭނާގެ ޓީމު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ މުޢީނުއްދީން ރަދުންގެ ރަސްކަމުގައި 1834 ނޮވެންބަރު 15 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ނޭވަލް ޗާޓެއް ކުރެހުމަކީ ޒަމާނުއްސުރެ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިވެ އޮތުމުގައި ޤުދުރަތީ ނުވަތަ ޠަބީޢީ ދިފާޢީ ނިޒާމު ގެއްލިގެން ދިއުން ކަމުގައި ރަދުން ގަބޫލުފުޅު ކުރެއްވިއެވެ. އެހެންކަމުން ކެޕްޓަން މޯރސްބީގެ ޓީމަށް ފައިންޕުޅު ނުދެއްކެވުމަށް (ބައްދަލު ނުކުރެއްވުމަށް) މާލެއަތޮޅު ގުރައިދުވަށް ވަޑައިގަތެވެ.
ކެޕްޓަން މޯރސްބީ އާއި އޭނާގެ ޓީމުން ޗާޓުކުރެހުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އޭރު ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އިސްކަންދަރު (ހަތަރުވަނަ) 1835 - 1882 އެވެ. މިއީ ދިވެހި ތާރީޚުގައި މަޝްހޫރު މުސްކުޅި ބަންޑާރައިންނެވެ.
ތާރީޚީ ރެކޯޑުތަކަށް ބަލާއިރު، ކެޕްޓަން ސަރ ހައިޑް ޕާކަރުގެ ސީދާ ދަރިފަސްކޮޅެއް ދިވެހިރާއްޖޭގައި އޮތްކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އެ މަނިކުފާނުގެ ޢާއިލީ ބޭފުޅުންނަކީ އިނގިރޭސިވިލާތުގެ މަތީ ފަންތީގެ އަދި ރޯޔަލް ނޭވީގެ ތެރޭގައި ޖީލުތަކަކަށް ދެމިގެންދިޔަ ސިލްސިލާއެކެވެ.





