ދިވެހި|English Aug 13, 2026 · 14:06
Top banner
Advertisement
ހޮރުމުޒު ކަނޑުއޮޅި ބެލެހެއްޓުމުގައި ތިމާވެށްޓަށް ރިއާޔަތް ކުރަންޖެހޭ: އީރާން
World

ހޮރުމުޒު ކަނޑުއޮޅި ބެލެހެއްޓުމުގައި ތިމާވެށްޓަށް ރިއާޔަތް ކުރަންޖެހޭ: އީރާން

މމުހައްމަދު އަލީAug 13, 2026

ކުރިއަށްއޮތް ތަނުގައި ހޯރުމުޒު ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަމުގައި ތިމާވެށްޓަށް ރިއާޔަތްކުރުން ވަރަށް މުހިންމު ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޤެޝްމް ރަށުގެ ގޮނޑުދޮށްތަކުން ތެޔޮ ތަޣައްޔަރުވެފައިވާ މަންޒަރު ފެންނަ އެންމެ ފަހުގެ ވީޑިއޯތަކާބެހޭގޮތުން ވާހަކަ ދައްކަވައިފައއެވެ. "ފަހަކަށް އައިސް، ޤެޝްމް ރަށުގެ ގޮނޑުދޮށްތަކުން ތެޔޮ ތަޣައްޔަރުވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. މި ތަޣައްޔަރުކަން ގޮނޑުދޮށްތަކާ ހަމައަށް ދިޔައީ ފާރިސީ ކަނޑުއޮޅިން (ޕާޝިއަން ގަލްފް) ކަމަށްވާއިރު، ފުރަތަމަ ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި މިކަމުގެ އަސްލަކީ ބޭރުގެ މުދާ އުފުލާ ބޮޑު އުޅަނދުފަހަރު ކަމަށެވެ. ސާހިލީ ތިން ސަރަޙައްދަކުންނާއި ކަނޑުގެ ސަތަޙައިގެ ބައެއް ބައިތައް ތަޣައްޔަރުވެފައިވާ ކަމަށްވަނީ ރެކޯޑުކުރެވިފައެވެ."

"މި ހާދިސާއަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ފާރިސީ ކަނޑުއޮޅިއާއި އޮމާން ކަނޑާއި، މި ސަރަޙައްދުގެ ކަނޑުގެ ދިރުންތަކުގެ ނިޒާމު ހަލާކުކޮށް، އީރާނުގެ ގޮނޑުދޮށްތަކުގެ ސަރަޙައްދުތަކަށް ޓްރިލިއަން ޑޮލަރުގެ ގެއްލުން ދީފައިވާ، ފެންނަން ހުރި އަދި ވަންހަނާވެފައިވާ، ތަޣައްޔަރުކަމުގެ އެންމެ އާދައިގެ އެއް މިސާލު،" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ގެއްލުންތަކުގެ ބަދަލު ދިނުމުގެ މަސްއޫލިއްޔަތު އުފުލާނޭ ބަޔަކުވެސް ތިބެންވާނޭ ކަމަށެވެ. އަދި އެއީ ކޮންބައެއްތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ. "އެއީ އަހަރެމެންގެ ސަރަޙައްދުން އެކްސްޕޯޓްކުރާ އަގުހެޔޮ ހަކަތަ ބޭނުންކުރާ ޤައުމުތަކުންހެއްޔެވެ؟ އުޅަނދުފަހަރު އިންޝުއަރެންސްކުރާ ފަރާތްތަކުންހެއްޔެވެ؟ ނުވަތަ ފާރިސީ ކަނޑުއޮޅިއާއި އޮމާން ކަނޑަކީ ޢަސްކަރީ ޙަރަކާތްތަކާއި ނުހަނު ސިއްސައިގެންދާ ފަދަ ނުރައްކާތެރި ހަތިޔާރުތައް ޓެސްޓްކުރާ މައިދާނަކަށް ހަދާފައިވާ ޢުދުންވާނީންނާއި އެމީހުންގެ ބައިވެރިންހެއްޔެވެ؟"

އޭނާ ވިދާޅުވެފައިވަނީ މިއީ އަޅާނުލައި ތިބެވޭނޭވަރުގެ ކަމެއް ނޫންކަމަށެވެ. ހޮރުމުޒު ކަނޑުއޮޅި މެދުވެރިކޮށް ކުރެވޭ ވިޔަފާރި ދަތުރުފަތުރުގެ ފައިދާ ލިބިގަންނަ ކޮންމެ ފަރާތަކަށްމެ، ފާރިސީ ކަނޑުއޮޅިއާއި އޮމާން ކަނޑަށް ދީފައިވާ ތިމާވެށީގެ ގެއްލުންތައް އިޔާދަކުރުމުގެ ޤާނޫނީ އަދި އަޚްލާޤީ ޒިންމާއެއް ވެސް އޮންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Related News