ދިވެހި|English Aug 18, 2026 · 14:00
Top banner
Advertisement
އަސީރުން ވަނީ އީރާނުގެ ފަޚުރުވެރިކަން ދަމަހައްޓައިދީފައި: އަރާގްޗީ
World

އަސީރުން ވަނީ އީރާނުގެ ފަޚުރުވެރިކަން ދަމަހައްޓައިދީފައި: އަރާގްޗީ

މމުހައްމަދު އަލީAug 18, 2026

އީރާނާއި އިރާގާ ދެމެދު 1980 އިން 1988 އަށް ކުރެވުނު ހަނގުރާމައިގައި އިރާގުން އަސީރުކުރި މީހުންނަށް ދިމާވި ދަތި އުނދަގޫ އަހަރުތަކުގައި އެމީހުންވަނީ އީރާނުގެ ގަދަރާއި ފަޚުރުވެރިކަން ދަމަހައްޓައިދީފައި ކަމަށް ޚާރިޖީ ވަޒީރު ޢައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

ހަނގުރާމައަށްފަހު އީރާނުގެ ހަނގުރާމައިގެ އަސީރުންގެ ފުރަތަމަ ގުރޫޕް އެނބުރި ޤައުމަށް އައިތާ 36 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން ފޮނުއްވި މެސެޖެއްގައި އަރާގްޗީ ވިދާޅުވީ، އެބޭފުޅުންނަކީ ހަމައެކަނި އެކަހެރިކަމާއި ހިތްދަތިކަން އެކަނި ތަޙައްމަލުކުރެއްވި ބޭފުޅުންނެއް ނޫން ކަމަށެވެ. އެބޭފުޅުންނަކީ ކެތްތެރިކަމާއި އީމާންތެރިކަމާއި އިޙްތިރާމާއެކު އީރާނުގެ ފަޚުރުވެރިކަމުގެ އަލިގަދަ ދަންމަރު ނިވުނަނުދީ ހިފަހައްޓައިދިން ބަތަލުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިނިވަންވި ފަޚުރުވެރި އަސީރުންގެ ފުރަތަމަ ގުރޫޕް އިސްލާމީ އީރާނަށް އެނބުރި އައި އަހަރީ ދުވަހަކީ، ޒަމާންތައް ފާއިތުވެދިޔަސް އެކަމުގެ މަތިވެރިކަން ދުވަހަކުވެސް ފަނޑުވެގެންނުދާނޭ ހަނދާންތަކެއް ކަމަށް އަރާގްޗީ ވިދާޅުވިއެވެ. އެއީ އަހަރުތަކެއްގެ ތަކުލީފާއި، ކެތްތެރިކަމާއި ސާބިތުކަމަށްފަހު، އީރާނުގެ ހިތްވަރުގަދަ ދަރިން އެބޭފުޅުންގެ ވަޠަނުގެ އުނގަށް އެނބުރި އައިސް، ސާބިތު ފިޔަވަޅުތަކާއެކު އީރާނުގެ ބޮޑު ވާހަކައިގެ އަނެއް ބާބު ކިޔައިދިން ދުވަސް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވިއެވެ.

"އަސީރުކަމުގެ އުނދަގޫ އަހަރުތަކަށްފަހު، މިނިވަންވި އަޅުގަނޑުމެންގެ ލޯބިވާ އަސީރުން އެކަހެރިކަމާއި ބިރުވެރިކަމުގެ ކުރިމަތީގައި އެކަނި ސާބިތުވެ ތިއްބެވީއެއް ނޫން. ކެތްތެރިކަމާއި، އީމާންތެރިކަމާއި، އަމިއްލަ ނަފްސަށް އޮތް އިޙްތިރާމުގެ ޒަރީޢާއިން، އެންމެ އެކަހެރި އަދި އުނދަގޫ މައިދާންތަކުގައިވެސް އެބޭފުޅުން ވަނީ އީރާނުގެ ފަޚުރުވެރިކަމުގެ ދިދަ އުފުލައިދެއްވާފައި،" އަރަގްޗީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އީރާނުގެ ފަޚުރުވެރި އަސީރުން ވަނީ މިނިވަންކަމަކީ އެއްވެސް ބާރަކަށް ހިފަހައްޓާ ނުލެވޭނޭ އެއްޗެއްކަން ސާބިތުކޮށްދީފައި ކަމަށެވެ.

"މިއަދު، މުޅިއީރާން ތިޔަބޭފުޅުންނަށް ބަލަނީ ފަޚުރާއި އިޙްތިރާމާއެކު. ތިޔައީ އެ މަތިވެރި ދުވަސްތަކުގެ ދިރިހުރި ހަނދާންތަކާއި، މި އުއްމަތުގެ ކެތްތެރިކަމާއި، ރައްދުދިނުމާއި، މަތިވެރި ސާބިތުކަމުގެ ރަމްޒު،" އަރަގްޗީ ވިދާޅުވިއެވެ. އޭގެ އިތުރުން ކުރީގެ އަސީރުންނަކީ އީރާނުގެ މިހާރުގެ އަދި މުސްތަޤްބަލުގެ ޖީލުތައް ފަޚުރުވެރިވާނޭ ބައެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Related News