އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާ ދޫކޮށްނުލާހާ ހިނދަކު ހުރްމުޒް ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށް އިރާނުގެ މަޖިލީސް ރައީސް މުޙައްމަދު ބާޤިރު ޣާލީބާފް ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އޮންލައިންކޮށް ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޣާލީބާފް ވަނީ އީރާނުގެ އެތެރޭގެ އަދި ސަރަޙައްދީ ކަންތައްތަކާބެހޭ ގޮތުން ވާހަކަދައްކަވައިފައެވެ.
ޚާއްޞަކޮށް އެމެރިކާގެ ރައީސް ނަލްޑް ޓްރަމްޕް އަމިއްލަފުޅަށް ސޮއިކުރެއްވި އިސްލާމްއާބާދު އެއްބަސްވުން ނުވަތަ ފްރޭމްވޯކް ޓެކްސްޓަށް އެމެރިކާއިން އަމަލުނުކުރާ މައްސަލައާ ބެހޭގޮތުން ވެސް ވާހަކަދެއްކެވިއެވެ.
އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ކަމަށްވާ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ފްރީޒްކޮށްފައިވާ ފައިސާ ދޫކޮށްލުމާއި، ތެލުގެ ދަތިކުރުންތައް އުވާލުމާއި، އަދި ހުރިހާ ފަރާތްތަކަކުން ދޭ އިންޒާރުތަކާއި އަސްކަރީ ހަރަކާތްތައް ހުއްޓާލުމުގެ ޝަރުތުތައް ފުރިހަމަ ނުވަނީސް އިރާނުން ހުރުމުޒު ކަނޑުއޮޅި އަލުން ނުހުޅުވާނޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ޝަހީދުވެފައިވާ ކުރީގެ ލީޑަރު އާޔަތުއްﷲ ސައްޔިދު ޢަލީ ޚާމަނާއީގެ ހަނދާންތައް އައުކުރައްވަމުން އޭނާ ވިދާޅުވީ ޚާމަނާއީގެ 48 އަހަރުގެ އިރުޝާދުގެ ދަށުން އިރާނުގެ ރައްޔިތުންނާއި އަސްކަރިއްޔާއޮތީ އެމެރިކާއާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ސާބިތުކަމާއެކު ތައްޔާރުވެފައި ކަމަށެވެ.
އަނިޔާވެރި، ޓެރެރިސްޓް އަދި ފަސާދަވެފައިވާ "އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުންގެ" މައްޗަށް މިނިވަން އަދި މުސްތަޤިއްލު އިރާނުން ހޯދި ކާމިޔާބީ މުޅި ދުނިޔެ ގަބޫލުކޮށްފައިވާ ކަމަށާއި، އިސްލާމީ ޖުމްހޫރިއްޔާގެ މުގައްދަސް ނިޒާމު ވައްޓާލެވޭނެ ކަމަށް ވޮޝިންގޓަނާއި ތެލް އަވީވްގެ އަނިޔާވެރި ވެރީން، ކުރާ ކުށްހީތަކަށް ޣާލިބާފު ވަނީ ރައްދުދެއްވައިފައެވެ.
އޭނާ ވިދާޅުވީ ޚާރިޖީ އަދި އަސްކަރީ ދާއިރާއިން އިރާނުގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި، މަގުމަތިން ފެނުނު އާންމުންގެ އުފާވެރިކަމާއި، އަދި އިސްލާމީ އިންގިލާބުގެ ލީޑަރު އަޔަތުއްﷲ ސައްޔިދު މުޖްތަބާ ހުސައިނީ ޚާމަނާއީގެ އިރުޝާދަކީ އެމެރިކާގެ ނާކާމިޔާބީގެ ހެކިތަކެއް ކަމަށެވެ. އޭގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިރާނުގެ އެކުވެރިންނަށް އުފާވެރިކަން އަދި ދުޝްމަނުންނަށް ހިތްދަތިކަމާއި ރުޅިވެރިކަން ލިބިގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.
ޕާކިސްތާނު މެދުވެރިވެގެން ވެފައިވާ އެއްބަސްވުމަށް އެމެރިކާއިން އަމަލުނުކޮށް ފަހަތަށް ޖެހުމަކީ އެމެރިކާގެ ނިކަމެތިކަން ހާމަވެގެންދާކަމެއް ކަމަށް ވެސް ޣާލިބާފު ވިދާޅުވިއެވެ.





