ދިވެހި|English Aug 20, 2026 · 01:49
Top banner
Advertisement
މުޙައްމަދު މަރމަޑޫކޭ ޕިކުތަލް
Report

މުޙައްމަދު މަރމަޑޫކޭ ޕިކުތަލް

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫAug 19, 2026

ޕިކްތަލްގެ ނަން އަހުރެމެންނަށް އަޑުއިވިފައި އޮވެދާނެއެވެ. އެވަނީ އޭނާގެ ފޮޓޯއެކެވެ. ކީރިތި ޤުރުއާނުގެ އިސްޠިލާޙީ މާނަ އެކުގައި އިނގިރޭސި ބަހަށް ތަރުޖަމާ ކުރެއްވި ފުރަތަމަ މީހަކީ އޭނާއެވެ.

މުޙައްމަދު މަރމަޑޫކޭ ޕިކުތަލްއަކީ އިނގިރޭސިވިލާތުގެ ޢިލްމުވެރިއެކެވެ. ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. އަދި މުތަރުޖިމެކެވެ. އޭނާ މަޝްހޫރުކަން ހޯއްދެވި އެންމެ ބޮޑު ސަބަބަކީ ކީރިތި ޤުރުއާނުގެ ޞައްޙަ އިސްޠިލާޙީ ތަރުޖަމާއެއް އިނގިރޭސި ބަހުން ކުރެއްވުމެވެ. އޭނާ ތަރުޖަމާ ކުރެއްވި ޤުރުއާނުގެ ނަމަކަށް ޚިޔާރުކުރެއްވީ "ދަ މީނިންގ އޮފް ދި ގްލޯރިއަސް ޤުރުއާން" ނުވަތަ ޤުރުއާނުލް މަޖީދުގެ މާނައެވެ. އޭނާގެ ތަރުޖަމާއަށް އެގޮތަށް ނަން ދިނުމުގެ ފަހަތުގައި ވަނީ މިޞްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ ޢިލްމުވެރިންނެވެ. އަޒުހަރުގެ ޢިލްމުވެރިން ކީރިތި ޤުރުއާނުގެ ލަފުޒީ ތަރުޖަމާ ކުރުމަށް އިޢުތިރާޒު ކުރިއެވެ. އެހެންކަމުން ކީރިތި ޤުރުއާނުގެ ލަފުޒީ ތަރުޖަމާގެ ބަދަލުގައި އިސްޠިލާހީ މާނައިގެ ތަރުޖަމާއެއް ކުރެއްވުމުގެ ހުއްދަ އޭނާއަށް ދެއްވިއެވެ.

އޭނާ އުފަންވެވަޑައިގަތީ 07 އޭޕްރީލް 1875 ވަނަ އަހަރު ލަންޑަނުގެ ނަޞާރާ ފައްޅީގެ ފާދިރީންގެ ޢާއިލާއަކަށެވެ. އިބުތިދާއީ ތަޢުލީމު ފުރިހަމަ ކުރެއްވުމަށްފަހު، މިޞްރާއި، ސީރިޔާއާއި، އަދި ފަލަސްޠީނަށް ގިނަ ދަތުރުތަކެއް ކުރައްވައި، ޢަރަބި ބަހާއި، އިރުމަތީގެ ސަޤާފަތަށް އޭނާ އަހުލުވެރިވެ ވަޑައިގެންނެވިއެވެ.

ޖޫން 1917 ގައި ޕިކްތަލް ވަނީ ބެލްފޯރ ޑިކްލެރޭޝަނާ ގުޅޭ ބަހުސްގެ ތެރެއިން ފަލަސްޠީނުގެ ޢަރަބިންގެ ޙައްޤުތަކުގެ ދިފާޢުގައި ވަރަށް ވަރުގަދަ ތަޤުރީރެއް ދެއްވާފައެވެ. އިސްލާމްވެ ވަޑައިގަތުމުގެ މާކުރިންވެސް އޭނާއަކީ އުސްމާނީ ޚިލާފަތަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެކެވެ.

1917 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، އޭނާ ނަޞާރާ ދީން ދޫކުރައްވައި އިސްލާމްވެ ވަޑައިގެން، އޭނާގެ ނަންފުޅަކަށް މުޙައްމަދު އިޚުތިޔާރު ކުރެއްވެވިއެވެ. އިސްލާމްދީނަށް ބަދަލުވެ ވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ އިސްލާމީ މުޖުތަމަޢުގެ ހީވާގި އިސްވާރަކަށް ވެވަޑައިގެން، ލަންޑަންގެ ވޮކިންގ މިސްކިތާއި، އިސްލާމީ މަރުކަޒުތަކުގައި ދަރުސް ދެއްވައި، "އިސްލާމިކް ރިވިއު" މަގާލު ޝާއިޢު ކުރެއްވުމުގައި އެހީތެރިވެ ވަޑައިގެންނެވިއެވެ.

1920 ވަނަ އަހަރު އިންޑިއާއަށް ދިރިއުޅުން ބަދަލުކުރައްވައި، ހައިދަރުއާބާދުގެ ޑެކަންގައި ދިރިއުޅުއްވަން ފެއްޓެވިއެވެ. އެ ސަހަރުގައި އުޅުއްވިއިރު ހައިދަރުއާބާދު ހައި ސްކޫލާއި، މަދަރުސާ އަލް ޢަލިއްޔާގެ ޕްރިންސިޕަލްގެ މަޤާމު އަދާކުރައްވައި، އުސްމާނިއާ ޔުނިވާސިޓީގައި ލެކްޗަރ ދެއްވައި، މަޝްހޫރު ދިރާސާ މަގާލު "އިސްލާމީ ސަޤާފަތް" އުފައްދަވައި، އެޑިޓް ކުރެއްވުމުގެ މަސައްކަތްޕުޅުވެސް ކުރެއްވެވިއެވެ. ޕިކްތަލްއާއި، އަދި އޭނާގެ ފަހުން ޤުރުއާން ތަރުޖަމާކުރެއްވި ޢަބުދު الله ޔޫސުފް ޢަލީއަކީ އިނގިރޭސިވިލާތުގެ ވޮކިންގގައި ހުންނަ ޝާހްޖަހާން މިސްކިތާއި، އަދި އީސްޓް ލަންޑަން މިސްކިތުގެވެސް ޓްރަސްޓީންނެވެ.

ޙަޔާތްޕުޅުގެ އެކި ދުވަސްވަރު ސީރިޔާއާއި، މިޞްރާއި، ފަލަސްޠީނާއި، އިންޑިޔާއާއި އަދި އިނގިރޭސިވިލާތުގައި ހޭދަކުރެއްވުމަށްފަހު، 1935 ވަނަ އަހަރު އިނގިރޭސިވިލާތަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އިނގިރޭސިވިލާތުގައި އުޅުއްވަނިކޮށް 19 މެއި 1936 ގައި އޭނާ އަވަހާރަވިއެވެ. އޭނާ ފަަސްދާނުވަޑުވާފައި ވަނީ އިނގިރޭސިވިލާތުގެ ބްރޫކްވުޑު ޤަބުރުސްތާނުގެ މުސްލިމުންނަށް ޚާއްޞަކުރެވިފައިވާ ބައިގައެވެ.

އިލްމީ ގޮތުން އޭނާ ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ މިޞްރުގެ އަލް އަޒުހަރު ޔުނިވާރސިޓީގެ ޢިލްމުވެރިންނާ މަޝްވަރާ ކުރައްވައި، ކީރިތި ޤުރުއާނުގެ އިސްޠިލާޙީ މާނައިގެ އިނގިރޭސި ތަރުޖަމާ ފުރިހަމަ ކުރެއްވުމެވެ. ކީރިތި ޤުރުއާން ތަރުޖަމާ ކުރެއްވުމުގެ އިތުރުން "ސަޢީދު ދަ ފިޝަރމަން" ވާހަކައާއި އިރުމަތީގެ ދިރިއުޅުމާ ބެހޭ ބައެއް ފޮތްތައްވެސް ލިޔުއްވިއެވެ.

Related News