އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ކުރީގެ ކޮމިޝަނަރު ޢަބްދުލް ޢަޒީޒު ޖަމާލް އަބޫބަކުރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުވައިފިއެވެ.
މިއީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގެންނެވި ނަންފުޅެވެ.
ޢަޒީގެ އިތުރުން މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ވެސް ރައީސް މަޖިލީހަށް ފޮނުއްވެވިއެވެ. އެހެންނަމަވެސް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވީ ޢަޒީގެ ނަމެވެ.
ޢަޒީއަކީ ގިނަދުވަހު ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައި ވެއެވެ. ފުރަތަމަ އިންފޮމޭޝަން ކޮމިނަރަކަށް ވަޑައިގެންނެވީ މަޖިލީހުގެ މެންބަރުކަން ކުރެއްވުމަށްފަހުގައެވެ.
ޢަޒީ މިހާރު ހުންނެވީ ސަގާފަތާއި ފަންނާބެހޭ ވުޒާގެ ސްޓޭޓު މިނިސްޓަރަކަށެވެ.





