ޑޮލަރުން ނުވަތަ ބޭރުފައިސާއިން ވިޔަފާރިކުރާ ހަތްތަނެއްގެ މައުލޫމާތު މިހާތަނަށް ހޯދިފައިވާ ކަމަށް ހޯމްމިނިސްޓަރ ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ބޭރުފައިސާއާ ގުޅުންހުރި ގާނޫނުތައް ތަންފީޒު ކޮށްދެއްވަން އެމްއެމްއޭއިން ސަރުކާރުގައި އެދިވަޑައިގެންނެވުމުން އެކަމާބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ފާއިތުވި ނުވަ މަސްތެރޭގައި އެ ހަތްތަނުންވަނީ 76 މިލިއަން ޑޮލަރު މާރުކޮށްފައި ނުވަތަ ވިއްކާފައި ކަމަށެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ ހުއްދަ ނުނަގައި ރާއްޖޭގައި ބޭރުފައިސާ ވިއްކުމަކީ މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނޭ ކަމަށެވެ. ހުއްދަ ނަގައިގެން ވެސް ބޭރުފައިސާ ވިއްކާ ފަރާތްތަކުން އެކަން ކުރަންވާނީ ކަމާބެހޭ ފަރާތަކުން ކަނޑައަޅާފައިވާ އަގުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންވީމާ އެނގިގެންވެސް ނޭނގިވިޔަސް އެއްވެސް ބަޔަކު ކުށްތަކަށް އަރައިގަނެގެންނުވާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނޭ ކަމުގެ އިންޒާރު މިނިސްޓަރ އިޙްސާން މިއަދު ވަނީ ދެއްވައިފައެވެ.
އޭނާ ވިދާޅުވީ ހުއްދަ ނުނަގައި ބޭރުފައިސާގެ މުއާމަލާތް ކުރުމަކީ ރާއްޖޭގައި ޖިނާއީ ކުށެއް ކަމަށެވެ. އެފަދަ ކުށެއްކޮށްގެން ފައިސާ ހޯދައި އެއިން ބޭނުން ކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށް ގާނޫނު ބުނާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ކުށްތަކާ އެންމެ ދުރުވުމަށް މިނިސްޓަރ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އެއްވެސް ބަޔަކަށް އަދަބުދިނުމަކީ ކުރައްވަން ބޭނުންފުޅުވާ ކަންކަން ނޫންކަމަށާއި އެހެންނަމަވެސް ކުށްކުރާ ފަރާތްތަކާމެދު ފިޔަވަޅު ނާޅައި ކަންކަން އިސްލާހު ނުވާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބޭރުފައިސާ މާރުކުރާ ތަންތަނަކީ ރާއްޖެއަށް ބޭރުފައިސާ އެތެރެކުރާ ތަންތަން ނޫންކަމަށެވެ. އެހެން ކަމުން އެފަދަ ތަންތަނަށް ބޭރުފައިސާ ލިބޭގޮތް ވެސް ތަހުގީގުތަކުގެ ތެރެއިން ބައްލަވާނޭ ކަމަށް ވިދާޅުވިއެވެ. މިހާތަނަށް ބެލި ބެލުމުން ބައެއް ރިސޯޓުތަކުން ވެސް ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ. އޭގެތެރޭގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ރިސޯޓުތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފާއިތުވި ނުވަ މަސްތެރޭގައި އެ ރިސޯޓުތަކުން ހަތަރު މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބޭރު ފައިސާއާ ގުޅޭ ގާނޫނުތައް ކުރިން ތަންފީޒު ކުރެވިފައި ނުވިޔަސް ދެން އެކަން އެހެންވާނޭ ކަމަށް ބަލައިގެން ނުވާނޭ ކަމަށާއި އެ ގާނޫނުތައް ރާއްޖޭގައި ދެން ތަންފީޒު ކުރައްވާނޭ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ "ރޭޓާ ޚިލާފަށް އެކްސްޗޭންޖު ކުރުމަކީ ކޮންމެ ޓްރާންސްސެކްޝަނަކަށް ވަކީން ފައިން ކުރެވޭނޭ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.





