ރާއްޖޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުތަކަށް މާރުކުރާ އިންސައްތަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގާނޫނު ބުނާގޮތުން ބޭންކުތަކަށް މިހާރު މާރުކުރަންޖެހެނީ އާމްދަނީގެ ވިހި އިންސައްތަ ކަމަށެވެ. އެއަދަދު ސާޅީސް އިންސައްތައަށް އިތުރުކުރަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނޭ ކަމަށް ވިދާޅުވިއެވެ.
މިއީ ބޭރުފައިސާ ލިބުމުގައި މިހާރުކުރި މައްސަލަތަކަށް ހައްލު ގެންނެވުމުގެ ގޮތުން އަޅުއްވާ ފިޔަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ފިޔަވަޅުގެ ސަބަބުން މިހާރު ޓީޓީއަށް ދެވޭވަރު އިތުރުވެ މުދާއެތެރެ ކުރާ ފަރާތްތަކަށް ލުއި ލިބިގެންދާނޭ ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ފަސްދޮޅަސް އިންސައްތަ ބޭންކުތަކަށް މާރުކުރަން ލާޒީމް ކުރުމަށް އެމްޑީޕީ ސަރުކާރުން ވެސް މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އެކަން ތަންފީޒު ކުރެވޭގޮތް އޭރުނުވީ ކަމަށް މުނައްވަރު ވިދާޅުވިއެވެ. މި ސަރުކާރުން ވެސް ކުރައްވަމުން ގެންދަވަނީ އެމަސައްކަތް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.





