ދިވެހި|English Sep 13, 2026 · 06:12
Top banner
Advertisement
ދިވެހިރާއްޖެ އިސްލާމްވި ގޮތް - ތާޖުއްދީނުގެ ތާރީޚުން
Report

ދިވެހިރާއްޖެ އިސްލާމްވި ގޮތް - ތާޖުއްދީނުގެ ތާރީޚުން

ޢޢަބްދުﷲ ސަޢީދުSep 13, 2026

ދިވެހިރާއްޖެ އިސްލާމްވި ގޮތުގެ ވާހަކަ "ދިވެހި ތާރީޚުގެ ބައްޕަ" އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވާފައިވާ ގޮތް ބަލާލުމަކީ މުހިންމުކަމެކެވެ. މިއީ މި ހާދިސާ ދިރާސާކުރައްވާ ބޭފުޅުންނަށް އައު އަލިކަމެއް ލިބޭނެ މަސްދަރެކެވެ. "ތާރީޚު އިސްލާމި ދީބާ މަޙަލް" ގެ ނަމުގައި ޙަސަން ތާޖުއްދީނު ލިޔުއްވަން ފެށްޓެވި ތާރީޚު ފޮތުގައި "ދިވެހިރާއްޖެ އިސްލާމްވީ ގޮތުގެ ތާރީޚާ ބެހޭ ބާބު" ފަށްޓަވަމުން ލިޔުއްވާފައިވެއެވެ.

"މަތިވެރި މާތްﷲ ދިވެހި ރަށްތަކުގެ އަހުލުވެރިން ކާފިރު ކަމާއި ޖަހާލަތާއި ޝިރުކުގެ އަނދިރި ކަމުން އިސްލާމްދީނުގެ އަލިކަމުގެ ތެރެއަށް ނެރުއްވުމަށް އިރާދަކުރެއްވި ހިނދު އެކަން އިލްހާމް ކުރެއްވީ ޢިލްމުވެރި ޒާހިދު އަޅުވެރިއަކަށެވެ. އެއީ ވަލީވެރި މައުލާނާ އައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރީޒީއެވެ."

މި ވާހަކަފުޅުން އެނގެނީ ދިވެހިރާއްޖެ އެ ބޭފުޅެއްގެ އަތްޕުޅުމައްޗަށް އިސްލާމް ތަބްރޭޒުގެ ބޭފުޅެއް ކަމެވެ. ތަބްރޭޒް (Tabriz) އަކީ އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ، އެ ޤައުމުގެ އެންމެ ތާރީޚީ އަދި ބޮޑެތި ސިޓީތަކުގެ ތެރެއިން އެއް ސިޓީއެވެ. މީގެ އިތުރުން ތާޖުއްދީނުގެ ތާރީޚުން އެ ބޭފުޅެއްގެ ނަންފުޅަކީ މައުލާނާ އައްޝައިޚު ޔޫސުފު ޝަމްސުއްދީން ކަން ވެސް އެނގެއެވެ. މި ނަންފުޅުގައިވާ "މައުލާނާ" އަކީ ދީނީ ޢިލްމުވެރިންނަށް ނަމާ އެކު ބޭނުންކުރާ ލަގަބެކެވެ. އިސްލާމީ މުޖުތަމަޢުތަކުގައި މައުލާނާ މި ލަގަބު އާންމުކޮށް ބޭނުންކުރަނީ ބޮޑެތި ދީނީ ދަންނަ ބޭކަލުންގެ ނަމުގެ ކުރިއަށެވެ. "އައްޝައިޚު" އަކީ ވެސް ދީނީ ޢިލްމުވެރިންނަށް ބޭނުންކުރާ ލަގަބެއް ކަމުގައި ވިޔަސް މީ މާ ފުޅާދާއިރާއެއްގައި ބޭނުންކުރާ ލަގަބެކެވެ. މި ޢިލްމުވެރިޔާގެ ނަންފުޅު ކަމުގައިވާ "ޔޫސުފު" އަށް ފަހުގައި އޮތް "ޝަމްސުއްދީން" ވެސް ބޭނުން ކުރައްވާފައި ވަނީ ޢިލްމުވެރިޔާގެ ލަގަބުފުޅެއްގެ ގޮތުގައެވެ. މި ނަމުގެ މާނައަކީ "ދީނުގެ އިރު" އެވެ.

"މިންވަރުފުޅުގައިވާ ގޮތުގެ މަތިން އެ ކަލޭގެފާނު އުފަން ރަށް ތަބްރީޒު ދޫކުރައްވައި ދިވެހިރާއްޖެ ވަޑައިގަތެވެ. އަދި މީސްތަކުންނަށް އިސްލާމްދީނުގެ ދައުވަތު ދެއްވިއެވެ. އޭރު އެބައިމީހުން ވަނީ ޣާފިލުކަމުގެ ތެރެއަށް ގެއްލިފައެވެ. އަދި ބުދަށް އަޅުކަން ކުރުމުގައި ހައްދުފަހަނަ އަޅާފައެވެ. އެކަލޭގެފާނު ކިބައިން އެ މީހުންނަށް ހައިރާން ކޮށްފަނިވި ކަރާމާތެއް ފެނުމަށް ދާންދެން އޭގެ ތެރެއިން ހަމަ އެކަކު ވެސް އެއްކައުވަންތަ ﷲ އަށް އީމާންވީ ކަމުގައި ނުވެއެވެ."

ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމް ކުރެއްވި ޢިލްމުވެރިޔާ މި ދަތުރުފުޅަކީ ސީދާ ތަބްރީޒުން ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅެކެވެ. ދިވެހިރާއްޖެއަށް އެ ޢިލްމުވެރިޔާ ވަޑައިގެން މީސްތަުކުންނަށް އިސްލާމްދީނުގެ މަތިވެރިކަން ބަޔާންކޮށްދެއްވައި އެ ދީނަށް ދައުވަތު ދެއްވިއެވެ. އޭރު ދިވެހީން ތިބީ ބުދު ދީނުގައި ހައްދުފަހަނަ އަޅާފައެވެ. ދީނީގޮތުން މީހަކު ދައްކާ ވާހަކައެއް އަޑުއަހައި ގަބޫލުކުރާވަރަށް ވުރެ ދިވެހީންގެ ޖާހިލުކަމާއި ޣާފިލުކަން މާބޮޑެވެ. ޢިލްމުވެރިޔާގެ ފަރާތުން ދިވެހީންނަށް އެބައި މީހުން ހައިރާންވާފަދަ ކަރާމާތެއް އެ ޢިލްމުވެރިޔާ ދެއްކެވިއެވެ. އޭގެ ކުރިން ދިވެހީންގެ ތެރެއިން އެންމެ މީހަކު ވެސް މާތްﷲ އަށް އީމާވެ، އިސްލާމްދީން ޤަބޫލެއް ނުކުރިއެވެ.

"ބުނެވޭގޮތުގައި އެ ކަލޭގެފާނު އެބައި މީހުންނަށް އުޑުގެ ކަންކޮޅުތަކަށް އޭގެ ބޯ ގޮސް އޮބައިފައިވާ ބިރުވެރި ދާއްބައެއް ދެއްކެވިއެވެ. ދެން ފަހެ އެބައިމީހުން އެ އެއްޗެއް ދެކެ ވަރަށް ބޮޑަށް ބިރުގަނެއްޖެއެވެ. ދެން ފަހެ ރަސްގެފާނާއި އެ މަނިއްޕުޅުއަރިހުގައި އުޅުއްވާ ބޭކަލުންނާއި އެންމެހައި މީސްތަކުން އީމާން ވެއްޖައޫއެވެ. އެއަށްފަހުގައި ޝައިޚު، ރަސްގެފާނަށް މުޙައްމަދުގެ ނަމުން ނަން ދެއްވިއެވެ. އަދި އެ މަނިއްޕުޅުގެ ދިވެހި ކޮލީ ނަންފުޅެއްކަމުގައި ސިރީ ބުވަނާ އާދިއްތަ ހަމަޖެއްސެވިއެވެ."

ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި ޢިލްމުވެރިޔާ ދިވެހީންނަށް ދެއްކެވި އެބައި މީހުންގެ ބުއްދިތައް ހައިރާންކުރުވި އެއްޗަކީ ބިރުވެރި ދާއްބައެކެވެ. ދާއްބައަކީ ފުލޯކު ވާހަކަތަކުގައި ޖާދޫ ހަދައިގެން ނުވަތަ ފަންޑިތަ ހަދައިގެން ނެރޭ ކަމަށް ބުނާ ފުރޭތައެކެވެ. އާންމުގޮތެއްގައި ދާއްބަ ނެރެނީ ބިމުންނެވެ. އަދި މި ދާއްބައަށް ކިޔަނީ ބިމުދާއްބައެވެ. ދާއްބަ އެރުމަކީ ބިމުން ދާއްބަ ނިކުތުމެވެ. ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި އުޑުގެ ކަންކޮޅުތަކަށް އޭގެ ބޯ ގޮސް އޮބައިފައިވާ މި ބިރުވެރި ދާއްބަ ފެނުމުން ދިވެހީން ވަރަށް ބޮޑަށް ބިރުގަތެވެ. އަދި ރަސްގެފާނާއި ރަދުންގެ އަރިހުގައި އުޅުއްވާ ބޮޑުންނާއި އެންމެހާ މީސްތަކުން އީމާންވިއެވެ. ތާޖުއްދީނުގެ މި ވާހަކައިން އެނގެނީ އިބްނު ބަޠޫޠާގެ ދަތުރުނާމާގައި ލިޔުއްވާފައިވާ ކޮންމެ ހަނދުމަހެއްގައި މާލެއަށް ކަނޑުން އަރާ ކަމަށް ބުނާ ޖިންނިފުރޭތަ އާއި ދިވެހިރާއްޖެ އިސްލާމްވި ހާދިސާގައި ޢިލްމުވެރިޔާ ދެއްކެވި ފުރޭތައާ މިއީ ދެ ފުރޭތައެއްކަމެވެ.

އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ބުދުކޯލަށް ބިކުރުވެރި ޒުވާން އަންހެން ކުއްޖަކު ނަލަހައްދައިގެން ގެންދާ ހާދިސާއަކީ ތާޖުއްދީން ލިޔުއްވާފައުވާގޮތަށް "ބުދުދީނުގައި ހައްދުފަހަނައަޅާފައި" ތިބެގެން ބުދުކޯލުގެ ހާމުދުރުން ކޮށްފައިވާ ކަމެއްކަމަށް ބެލެވެއެވެ. ދިވެހިރާއްޖޭގައި ބުދު ދީން އޮތް ދުވަސްވަރު ބުދު ދީން އޮތް މުޖުތަމަޢުތަކުގައި ބުދު ދީނުގެ ހާމުދުރުންނަކީ ރަސްކަމުގެ މައްޗަށް ވަރަށް ބޮޑު ބާރަކާއި ނުފޫޒެއް އޮތް ބައެކެވެ.

ހަމައެފަދައިން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބުދުދީނުގެ ތަފާތު މަޒުހަބުތައް އޮތްއިރު ބުދު ދީނުގެ ތެރޭގައި ވަރަށް ސިއްރުވެރި މަޒުހަބުތައް ހުރެއެވެ. އޭގެތެރެއިން އެއް މަޒުހަބަކީ ތަންތުރިކް ބުދިޒަމެވެ. މިއީ ފައްޅިތަކުގައި ހިންގާ ޖިންސީ ކަންތައްތަކަކީ ރޫޙާނީ ނުވަތަ މުޤައްދަސް ކަމެއްގެ ގޮތުގައި ދެކޭ މަޒުހަބެކެވެ. ކޮންމެ މަހެއްގެ 15 ވިލޭރޭ ބިކުރުވެރި އަންހެން ކުއްޖެއް ނަލަ ހައްދައި ޒީނަތްތެރިކޮށްގެން ބުދުކޯލަށް ގެންގޮސްފައި އަނެއް ދުވަހު ހެނދުނު ދާއިރު އެ ކުއްޖާ އޮންނަނީ ބިރުވެރިކަން ކެނޑި، މަރުވެފައެވެ. މި ޒަމާނުގެ ގޮތަށް ދަންނަވާނަމަ އެ އަންހެން ކުއްޖާ އޮންނަނީ ރޭޕްކޮށް މަރާލާފައެވެ. މި ކަން އެނގި ތިބެ، ބުދުފައްޅި ނުވަތަ ބުދުކޯލުތަކުގެ ގޮވާލުމަށް މާލޭގެ ރައްޔިތުން އެބައި މީހުންގެ އަންހެން ދަރިން އެ ފައްޅިއަށް ފޮނުވަމުން ގެންދިޔައީ ދީނީގޮތުން އެކަމަކީ މުޤައްދަސް ކަމެއްކަމުގައި ގަބޫލުކޮށްގެން ކަމަށް ބެލެވެއެވެ.

ކޮންމެ މަހަކު މާލެއަށް އަރާ ޖިންނި ފުރޭތައިގެ ބޮޑު ބިރުވެރިކަމުގެ ތެރެއިން، ދާއްބައެއް ދައްކަވައިގެން ދިވެހީން އިސްލާމް ކުރެއްވުމަކީ ދިވެހިރާއްޖެ އެ ބޭފުޅެއްގެ އަތްޕުޅު މައްޗަށް އިސްލާމްދީން ޤަބޫލުކުރި ޢިލްމުވެރިޔާގެ ޙިކުމަތްތެރިކަމާއި ޢިލްމުވެރިކަމާ ގުޅިފައިވާ ކަމެކެވެ. މި ކަންކަން ހިނގާ ދިޔައީ މާލޭގައި ހުރި މައި ބުދުފައްޅީގައި ކަމަށްވާތީ މި ހުރިހާ ކަމެއްގެ އަޑީގައި ތިބޭނީ އެ ފައްޅިތަކުގައި ތިބޭ ހާމުދުރުންކަމާމެދު ޝައްކުކުރާނެ ތަނެއް ނެތެވެ. އަދި ތާރީޚުގައި އެ މީހުންގެ ވާހަކަ ބަޔާން ވެފައި ނެތުމަކީ ވެސް ހައިރާންވާން ޖެހޭ ކަމެއްނޫނެވެ. ކާފަރުކަން މަތީގައި ތިބިއިރު ފާހިޝް ޢަމަލުތައް ހިނގުމަށްފަހު އިސްލާމް ދީން ގަބޫލުކުރުމުން ކުރީގެ ވާހަކަތަކަކީ ދައްކާ ހަދާ ވާހަކަތަކެއް ނޫނެވެ. އަދި މިފަދަ ބައެއް ބޭފުޅުން ވެފައިވަނީ ފަހުން އިސްލާމްދީނަށް ނަޞްރުދެއްވައި އެ ދީނަށްޓަކައި ޤުރުބާންވެ ވަޑައިގެންނެވި ފަހުލަވާނުންނަށެވެ.

"ދެން ރާއްޖޭގެ އެކި ރަށްރަށަށް އެ ރަށްތަކުގެ މީސްތަކުން އިސްލާމްދީނަށް ވެއްދުމަށް ރަސްގެފާނު އެ މަނިއްޕުޅުގެ އަރިހުގައި ބޭކަލުންގެ ތެރެއިން ބަޔަކު ފޮނުއްވިއެވެ. ދެން އެމީހުން އިސްލާމްދީނަށް ވަދެއްޖެއެވެ. އެއްބަޔަކު ރުހުމުގައެވެ. އަނެއް ބަޔަކު އިސްލާމްދީނަށް ވަނުމަށް ދެކޮޅު ހެދުމަށްފަހުގައެވެ. ދެން އޭގެފަހުން މި ރާއްޖޭގެ އެއްވެސް ރަށެއްގައި މުސްލިމަކު ނޫނީ ނޫޅެއެވެ. މި މުޙައްމަދު ރަސްގެފާނާއި އެ މަނިއްޕުޅުގެ އަރިހުގައިވާ ބޭފުޅުން އައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރީޒީ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގަތީ ހިޖުރައިން ފަސް ސަތޭކަ ސާޅީސް އަށްވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ތެރޭގައެވެ."

ހަވާލާ:

އަލްޤާޟީ ޙަސަން ތާޖުއްދީން. (2020). ތާރީޚު އިސްލާމި ދީބާ މަހަލް. ދިވެހިބަހުގެ އެކެޑަމީ

Related News