ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ޓްރެފިކް ފުލުހުން ނުކުމެ ޚާއްސަ ހަރަކާތެއް ހިންގައިފިއެވެ. މި ހަރަކާތުގައި ހުޅުމާލޭ ޓްރެފިކް ފުލުހުންވަނީ މަގުމައްޗަށް ނުކުމެ މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ޚާއްސަ މެސެޖުތަކެއް ދީފައެވެ.
މި ހަރަކާތް ބާއްވާފައިވަނީ މިއަދުއެވެ. މިއީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އޮފީސްތަކަށް ދިއުމަށް އާންމު ދަތުރުފަތުރުކުރާ އެންމެ ކާރުބާރު ބޮޑު އެއްވަގުތުގައެވެ. އެއީ ހެނދުނު 7:30 އިން 8:00 އަށް އެވެ. މިހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލެ ފޭސް 1 ނިރޮޅުމަގު 2 ވަނަ ރުއްގަނޑު ހިމެނޭ ސަރަހައްދުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހަރަކާތް ހިންގާފައިވަނީ ޓްރެފިކާ ގުޅުންހުރި، ރައްކާތެރިކުރުމުގެ މެސެޖުތައް ހިމެނޭ ބޯޑުތައް ހިފައިގެން ތިބެ ހަމަހިމޭން ހަރަކާތެއްގެ ގޮތުގައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން، ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށާއި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުންނަށް މުހިންމު މެސެޖުތަކެއް ލިބިގެންދާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓްތައް މަދުކުރުމަށާއި މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހުޅުމާލެ ޓްރެފިކް ޕޮލިހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.





