ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި މަޝްހޫރު ތިން ބޭފުޅަކަށް ދިވެހިބޭސް ވެރިންގެ ޖަމްޢިއްޔާ އިން ހަނދާނީ ޝަރަފު އަރުވައިފިއެވެ.
އޭބޭފުޅުންނަށް މިޝަރަފް އެރުވީ އެ ޖަމްޢިއްޔާގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައެވެ. އެޖަލްސާ ބާއްވާފައިވަނީ 12 ސެޕްޓެންބަރު 2026 ވަނަ ދުވަހުގެ ރޭ ތާޖުއްދީން ސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
މި ބޭފުޅުންނާ ހަނދާނީ ޝަރަފް ހަވާލުކޮށްދެއްވީ ޖަލްސާ ޝަރަފްވެރިމެހުމާން ރައީސް އޮފީހުގެ ކުރީގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
ދިވެހި ބޭސްވެރިކަމަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން މި ޝަރަފް އަރުވާފައިވާ 3 ބޭފުޅުންނަކީ ޙަސަން ޤާސިމް (ތޮޅެންދޫ ޙަސަން ޤާސިމް) އާއި، އަޙްމަދު ސަޢީދު (ފޫޅުމާގެ/ގދ.ގައްދޫ) އާއި ޢަދުނާނު ޔޫސުފް (ޖަވާހިރުމާގެ/ބ،ކެންދޫ) އެވެ.
މި ބޭފުޅުންގެ ތެރެއިން ޙަސަން ޤާސިމަށް އަރުވާފައިވަނީ ދިވެހި ބޭސްވެރިކަމުގެ ރަން އޮޑިހަނުގެ ޝަރަފެވެ. ދިވެހި ބޭސްވެރިކަމުގެ އިސް ފަންނުވެރިޔާގެ އައްޑަނަ، އަރުވާފައިވަނީ އަޙްމަދު ސަޢީދަށެވެ. ދިވެހި ޤަދީމީ ބޭސްވެރިކަމުގެ ޢިލްމު ދިރުވައި އާލާކުރުމުގެ ޝަރަފް، އަރުވާފައިވަނީ ޢަދުނާނު ޔޫސުފަށެވެ.
މިއީ ދިވެހި ބޭސްވެރިންގެ އަގުވަޒަންކޮށް، ދިވެހި ބޭސްވެރިކަން ކުރައްވާ ފަރާތްތަކަށް ހިތްވަރުދީ، ޒުވާނުން މިދާއިރާއަށް ޝަޢުޤުވެރިކުރުވުމުގެ މަޤުޞަދުގައި ތަޢާރަފް ކުރި ޚިދުމަތުގެ ޝަރަފްތަކެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އަހަރީ ޖަލްސާގައި ވަނީ މި ބޭފުޅުންނަށް ޝަރަފް އެރުވުމުގެ އިތުރުން 2025 ވަނަ އަހަރު ޖަމްޢިއްޔާ އަހަރީ ރިޕޯޓު ހުށަހެޅުއްވައިފައެވެ. އަދި ޖަމްޢިއްޔާގެ ރައީސް މުޙައްމަދު އަހުމަދުގެ ބަޔާން ވެސް ވަނީ އިއްވައިފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން ޢަބްދުﷲ ނާޒިމް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ވަރަށް ދޮށީ ދާއިރާއެއްކަމަށެވެ. މި ދާއިރާ ކުރިއަރުވައި އާލާކުރުމަށް 1934 ވަނައަހަރު 7 ސެޕްޓެންބަރުގައި ސަރުކާރުން ގެޒެޓްކުރެއްވި "ޢާންމުޞިއްޙަތާއިބެހޭ" ޤާނޫނުގައި ވަރަށް ތަފްޞީލްކޮށް ހިމަނުއްވާފައިވާކަމަށްވެސް ވިދާޅުވިއެވެ. ރާއްޖެއަށް ފުރަތަމަ ފަހަރަށް އެލޯޕަތީ (ވެސްޓަރން މެޑިސިން) ގެ ޚިދުމަތް ލިބެންފެށީ 25 ޖޫން 1931 ވަނައަހަރުކަމުގައި ވެސް ވިދާޅުވިއެވެ.
ދިވެހި ބޭސްވެރިކަމަކީ ސަރުކާރުގެ ރަސްމީ ނިޒާމުގެތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށް މިހާރު ދިވެހި ބޭސްވެރިކަން މިއޮތް ހާލަތުން ކުރިއަށް ގެންދިއުމަކީ ދަތިކަމަކަށްވާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ޝަރަފްވެރި މެހުމާން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރެއިން އެކަންކަމަށް ކުރެވެން ހުރި މަސައްކަތްތަކުގައި އެހީތެރިކަން ވެދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިހާރުވެސް އެފަދަ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހި ބޭސްވެރިންގެ އަތުގައި ހުރި ގިނަ ދުވަސްވީ ބޭސްވެރިކަމުގެ ފޮތްތައް ހޯދައި، އެތަކެތި ގިނަ ދުވަހަށް ހުންނާނެހެން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަމަށާއި، އެ މަސައްކަތް ޖަމްޢިއްޔާގެ އިސްނެގުމުމަތިން ޑޮކިއުމެންޓުކޮށް، ބޭސްވެރިން ނުލިޔެ ގެންގުޅުއްވާ އެކިއެކި ބޭސްތައް ޖަމާކޮށް އެކުލަވައިލުމަކީ ވަރަށް ބޭނުންތެރި އެހާމެ މުހިންމު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ޤައުމީ މުހިންމު ބަހާއެއްކަމަށާއި، ޤައުމީ ތަރިކައެއްކަމުގައި ފާހަގަކުރައްވައި، ދިވެހިންގެ ވެލިއުސްއާއި، ދިވެހިންގެ އުޅުމާއި ވައްޓަފާޅި، އަދި އާދަކާދަ ހިފެހެއްޓުމަށްޓަކައި ދިވެހި ބޭސްވެރިކަން ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަމްޢިއްޔާގެ އިދާރީ ހިންގުން ހަރުދަނާކޮށް، އެ އޮނިގަޑު ޒަމާނާއިއެއްގޮތަށް ބައްޓަންވެފައި އޮތުމަކީ ނުހަނު ބޭނުންތެރި އެހާމެ މުހިންމުކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށާއި، އެކަމުގެ ސަބަބުން ދިވެހި ބޭސްވެރިންނަށް ފަސޭހަ ވެގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި ޖަމްޢިއްޔާގެ މުއައްސިސް ޙަސަން ޤާސިމްގެ އިތުރުން، ޖަމްޢިއްޔާގެ ރައީސް އަޙްމަދު މުޙައްމަދާއި، ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެންބަރުންނާއި، ގިނަ ބޭސްވެރިންނާއި އަދި ޖަމްޢިއްޔާގެ ގިނަ ޢަދަދެއްގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ވަނީ ބައިވެފައިވެއެވެ.
Gallery











