ދިވެހި|English Sep 17, 2026 · 03:08
Top banner
Advertisement
ލެފްޓިނެންޓް ޖެނެރަލް ފުރެޑްރިކް ސްޓޭންލީ މޯޑާއި، ބަކަރި ހުއިހައްޕާ މީހާ!
Report

ލެފްޓިނެންޓް ޖެނެރަލް ފުރެޑްރިކް ސްޓޭންލީ މޯޑާއި، ބަކަރި ހުއިހައްޕާ މީހާ!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫSep 17, 2026

ލެފްޓިނެންޓް ޖެނެރަލް ސަރ ފްރެޑްރިކް ސްޓެންލީ މޯޑަކީ ޙަޤީޤީ ތާރީޚީ ޝަޚުސިއްޔަތެކެވެ. 1917 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އުސްމާނީ ޚިލާފަތުގެ ދަށުން ބަޣުދާދު ވަކިކުރީ އޭނާއެވެ. އެ އަހަރުގެ ފަހުކޮޅު ކޮލެރާ ޖެހިގެން ބަޣުދާދުގައި އޭނާ މަރުވީއެވެ. ބަކަރި ހުއިހައްޕާ މީހާއާއި، ޖެނެރަލް ސްޓޭންލީ މޯޑުގެ މި ވާހަކައަކިީ ތާރީޚީ ޙާދިސާއަކަށް ވުރެ ފުން މާނައެއް ދޭހަކޮށްދޭ ވާހަކައެއްގެ ގޮތުގައި ބޭނުންކުރެވޭ ވާހަކައެވެ. މިއީ ރަސްމީ ޢަސްކަރީ ރެކޯޑްތަކުގައި ފެންނަން ނެތް، އެކަމަކު ދޫދޫމަތިން ކިޔެމުން އަންނަ ވާހަކައެކެވެ.

މިވާހަކަ މެދުއިރުމައްޗާއި، އެހެން ތަންތަނުގައި ބޭނުން ކުރަނީ ދަހިވެތިކަމާއި، އިޤުތިޞާދީ ދަތިތަކުގެ ތެރޭގައި އިޖުތިމާޢީ އަގުތައް ނެތިގެންދާ ގޮތާއި، ބޭރުގެ އިސްތިޢުމާރީ ބާރުތަކުން ޤައުމުތަކުގެ އެތެރޭގެ ބަލިކަށިކަން ނުހަމަގޮތުގައި ބޭނުންކުރާ ގޮތާ ދެކޮޅަށް އިންޒާރުދޭ ސިޔާސީ އަދި އިޖުތިމާޢީ މަޖާޒެއްގެ ގޮތުގައެވެ.

އެންމެ މަޝްހޫރު ރިވާޔަތްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި 1917 ވަނައަހަރު ޢިރާޤުގެ ފަރުބަދަމަތީގެ ސަރަޙައްދެއްގައި ބަކަރި ހުއިހައްޕަން އުޅުނު މީހަކާއި، އިނގިރޭސި ޢަސްކަރިއްޔާގެ ލެފްޓިނެންޓް ޖެނެރަލެއް ކަމަށްވާ ފްރެޑްރިކް ސްޓޭންލީ މޯޑުއާ ދިމާވެއެވެ. ކުއްތާއަކީ ބަކަރި ހުއިހައްޕާ މީހަކަށް ވަރަށް މުހިއްމު އެކުވެރިއެކެވެ. އެއީ ކުރިމަތިވެދާނެ ހުރިހާ ނުރައްކަލެއްގެ އިންޒާރުދީ، ވިޔަޅުތަކާއި، ވަގުންގެ ކިބައިން ބަކަރިތައް ރައްކާތެރިކޮށްދޭ އެއްޗެކެވެ. ލެފްޓިނެންޓް ޖެނެރަލް މޯޑު އޭނާގެ ތަރުޖަމާނަށް ބުންޏެވެ. ބަކަރި ހުއިހައްޕާ މީހާ ގެންގުޅޭ ކުއްތާ ކަތިލައިފިއްޔާ އަހުރެން އޭނާއަށް އެއް ޕައުންޑު ދޭނެޔޭ އޭނާ ގާތު ބުނެދޭށެވެ. ތަރުޖަމާނު އެހެން ބުނުމާއެކު ބަކަރި ހުއިހައްޕާ މީހާ އެންމެ ޕައުންޑެއްގެ ދަހިވެތިކަމުގައި ވަގުތުން ކުއްތާ ކަތިލިއެވެ.

އަނެއްކާވެސް، ތަރުޖަމާނު މެދުވެރިކޮށް ޖެނެރަލް މޯޑު ބުންޏެވެ. ކުއްތާގެ ހަންގަނޑު ނޮޅައިފިއްޔާ އިތުރު އެއް ޕައުންޑު ލިބޭނެ ވާހަކަ އޭނާ ގާތު ބުނާށެވެ. ތަރުޖަމާނު އެވާހަކަ ބުނުމާއެކު، ބަކަރި ހުއިހައްޕާ މީހާ ކުއްތާގެ ހަންގަނޑު ނޮޅައި ސާފުކުރިއެވެ.

އަނެއްކާވެސް ތަރުޖަމާނު މެދުވެރިކޮށް ޖެނެރަލް މޯޑު ބުންޏެވެ. ކުއްތާގެ މަސްތައް ރީތިކޮށް ކުދިކޮށް ކޮށައިފިއްޔާ އިތުރު އެއް ޕައުންޑު ލިބޭނެ ވާހަކަ އޭނާ ގާތު ބުނާށެވެ. ތަރުޖަމާނު އެހެން ބުނުމާއެކު ބަކަރި ހުއިހައްޕާ މީހާ ކުއްތާގެ މަސްތައް ކުދިކޮށް ކޮށައި ވަކިކުރިއެވެ. އަދި ހަތަރުވަނަ ޕައުންޑަށް ބަކަރި ހުއިހައްޕާ މީހާ ކުއްތާގެ މަސްތައް ކައްކައިގެން ކާން އެއްބަސްވުމުން ޖެނެރަލް ސްޓޭންލީ މޯޑު ބުންޏެވެ. "އަހުރެން ހަމައެކަނި ބޭނުންވީ މި ޤައުމުގެ މީހުންގެ އަޚުލާޤީ އަގުތައް ވަޒަންކުރާށެވެ. ކަލޭ އެންމެ ތިން ޕައުންޑަށްޓަކާ ކަލޭ ޙިމާޔަތްކޮށް ރައްކާތެރިކޮށްދޭ، ކަލެއަށް އެހާމެ ވަފާތެރި ކުއްތާ ކަތިލައި، އޭގެ ހަންގަނޑު ނޮޅައި، މަސްތައް ވަކިކުރީމުއެވެ. އަދި ކުޑަ ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ކަލޭ ތިޔަ ހުރީ އޭގެ މަސްތައްވެސް ކާން ތައްޔާރަށެވެ. ކުޑަކުޑަ ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ކަލޭގެ ވަފާތެރި ކުއްތާއާ މެދު ތިޔަފަދައިން ކަންތައް ކުރި މީހަކު، މަދު ފައިސާކޮޅަކަށްޓަކާ ޤައުމާއި، ރައްޔިތުންވެސް ވިއްކައިލަފާނެއެވެ. މިއީ މި ޤައުމާއި ބެހޭގޮތުން އަހުރެން ހަމައެކަނި ދެނެގަންނަން ބޭނުންވި ކަންތައްތަކެވެ."

ދެން، އެއަށްފަހު ލެފްޓިނެންޓް ޖެނެެރަލް ސްޓޭންލީ މޯޑު، އޭނާގެ ސިފައިންނާ މުޚާޠަބުކޮށް ބުންޏެވެ. "މި ޤައުމުގައި މިފަދަ ދަށުދަރަޖައިގެ ވިސްނުން އިސްވެފައިވާހާ ހިނދަކު، ކޮންމެ މީހަކުވެސް ގަނެވޭނެއެވެ. ވީމާ އެއްވެސް ކަމަކާ މެދު ނުވަތަ އެއްވެސް މީހަކާ މެދު ބިރެއް ގަންނާނެކަމެއް ނެތެވެ!"

މިއަދުވެސް އިސްލާމީ އުއްމަތާއި، އިސްލާމީ ޤައުމުތަކުގެ ޙާލަކީ އެއީއެވެ. ޟަމީރު މަރުވެފައިވާ ވެރިންނާއި، ސިޔާސީންނާއި، ނޫސްވެރިންނާއި، އަދި ޣައްދާރުން، ތިމާމެންނަށް ލިބޭ މާލީ މަންފާއެއްގެ ބަދަލުގައި ޤައުމާއި، އިމާނާއި، އަދި ވަޠަނުގެ ޣީރަތްތެރިކަން ވިއްކައިލަން ތިބެނީ ތައްޔާރަށެވެ. އޭރުވެސް އަދި މިއަދުވެސް ދުޝްމަނުންނަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ އަހުރެމެންގެ ދަހިވެތިކަމެވެ. މަދު ފައިސާ ކޮޅަކަށް އަހުރެމެންގެ ޒަމީރު ވިއްކައިލުމެވެ. މަޤާމާއި، ބާރަށްޓަކާ ޙައްޤުގެ މަގުން އެއްކިބާވުމެވެ.

އެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް އިސްލާމީ ޤައުމުތަކުގެ ވެރިން ވަނީ ވިލާތުގެ ޤައުމަކުން ގެއަކާއި، އަދި ސްވިސް ބޭންކް އެކައުންޓަކަށް ޖަމާކޮށްދޭ ފައިސާ ކޮޅެއްގެ ބަދަލުގައި، ޤައުމާއި ރައްޔިތުންނާއި، ރަޙުމަތްތެރިންނާއި، ތިމާމެންގެ ޝަރަފާއި، އަސާސްތައް ވިއްކާލާފައެވެ. އެ ބަކަރި ހުއިހައްޕާ މީހާއާ އަހުރެމެންނާ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ އަހުރެމެންގެ ޤައުމުގެ މޫނުމަތި ބަދަލުކުރެވޭނީ އަހުރެމެންގެ ވިސްނުން ބަދަލުވެގެންނެވެ. ކޮރަޕްޝަނާއި، ފަސާދައާއި، ދޮގާއި، މަކަރާއި، ޙީލަތަށް ފާޅުގައި ނޫނެކޭ ބުނެގެންނެވެ.

Related News