ދިވެހި|English Sep 17, 2026 · 17:23
Top banner
Advertisement
ސަޢުދީގެ ޑިފެންސް ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެ
News

ސަޢުދީގެ ޑިފެންސް ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެ

މމުހައްމަދު އަލީSep 17, 2026

ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. 

 މި ކޯލިޝަނަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތައް ކަމަށްވާ ބާބިލް މަންދެބް ކަނޑުއޮޅި، ރަތްކަނޑު އަދި ގަލްފް އޮފް އެޑަން ހިމެނޭ ސަރަޙައްދު ރައްކާތެރިކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށް ފްރީޑަމް އޮފް ނެވިގޭޝަން ކަށަވަރުކޮށްދިނުމަށް އުފެއްދި ކޯލިޝަނެކެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް ޓްރޭޑް ރޫޓުތަކުގެ ސެކިއުރިޓީ ޤާއިމުކޮށް، ހުރިހައި ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުން ވެސް ކޯލިޝަނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

 މި ކޯލިޝަނުގައި ރާއްޖެއިން ބައިވުމުގެ ގޮތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތު ބޭއްވީ ބަންޑާރަކޮށީގައި އިއްޔެއެވެ.

 މިއީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި، އދ.ގެ މުޢާހަދާތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އުފާއްދާފައިވާ ކޯލިޝަނެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.  

މި ކޯލިޝަނުގައި ދިވެހިރާއްޖޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާ އެކު ގާތްގުޅުންތައް ބާއްވާ ގިނަ ޤައުމުތަކަކުން ބައިވެރިވެފައިވެއެވެ.

މި ކޯލިޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ދިވެހިރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިވެހިރާއްޖޭގެ މަސްލަޙަތުތައް ޙިމާޔަތްކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކޯލިޝަނުގައި ބައިވެރިވުމުގެ ގޮތުން ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީއާއި، ޚާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންވިއެވެ.

Related News