ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ނުއަހައި ރަސްމާލެ ތަރައްގީ ކުރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލު ނުކުރަން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ސަރުކާ ރަށް ގޮވާލައްވައިފިއެވެ.
މިކަމަށް އޭނާ ގޮވައިލެއް އަދަދުނޫހުން ގެނެސްދޭ "ފެންނަ ނުފެންނަ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މިކަމުގައި ދިވެހި އާންމު ރައްޔިތުން ތިބިގޮތް ރައްޔިތުން ގާތުން އަހަންޖެހޭނޭ ކަމަށެވެ. "ރައީސް ޑރ. މުޢިއްޒު އެބަޖެހިވަޑައިގަންނަވާ ދިވެހި ރައްޔިތުން ތިބިގޮތް އެމީހުން ގާތުން އަހަން. ރައްޔިތުން ބޭނުންވަނީ ކިހިނެއްތޯ އަންހަ އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިމައްސަލާގައި ބަހުސްކުރުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު ވެސް ހުޅުވާލަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިކަމާ ކަންބޮޑުވާ ރައްޔިތުން އެބަތިބި ކަމަށާއި އެކަންބޮޑުވުންތަކުގެ ވާހަކަތައް ގެނެވޭނޭ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. "މި ހުރިހާކަމެއް ކޮށްފައިނޫނިއްޔާ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެންނުވާނެ. އަދި މިކަން ކުރިއަށް ގެންގޮސްގެން ނުވާނޭ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ބަހެއްނެތި މިކަން ކޮށްފިއްޔާ އެމްޑީޕީގެ ސަރުކާރެއްގައި އެ އެއްބަސްވުން ބާތިލްކުރައްވާނޭ ކަމަށެވެ. މިއީ "ވަރަށް ސާފުކޮށް" ވިދާޅުވާ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އީގަލް ހިލްސްއަށްވެސް މިކަން އަންގާނަން. ބާކީ މިއޮތް ދެ އަހަރު އެއްވެސް މަގުބޫލު ކަމެއްނެތް ސަރުކާރަކުން އެކުރައްވާ ކަމުގައި އެ ބޭފުޅުން ބައިވެރިވެއްޖެނަމަ ރައްޔިތުން ތިބިގޮތް އެނގެޔޭ. ތިޔަ ކުރަނީ ބަދަލު ދިނުމުގައި ވެސް ބަދަލެއް ވެސް ނުލިބޭނެޔޭ އަސްލު،"
ރަސްމާލެ ތަރައްގީކޮށް 99 އަހަރަށް ދިނުމަށްފަހު އެތަނުގައި ވަޒަންވެރިވާން އަންނަ ބިދޭސީން މަޑުމަޑުން އެމީހުންގެ ހައްގުތަކަށް ވަކާލާތު ކުރަން ފަށާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެމީހުން އެތަނުގައި އުޅެމުންދާއިރު "ވަރަށް ފަސޭހަވާނެ އަޅުގަނޑުމެން ކަހަލަ ކުޑަގައުމެއެއްގެ މައްޗަށް މަޖުބޫރުކުރަން އެމީހުންގެ ހައްގުތަކެއް މިތަނުގައި ވެޔޭ، އެމީހުންގެ ދީން މިތަނުގައި އެމީހުންނަށް ޕްރެޓިކްސް ކުރެވެންޖެހެޔޭ،" ބުނެ ޑިމާންޑުކުރަން އެނާ ވިދާޅުވިއެވެ. ރަސްމާލެ މަޝްރޫއާ ދެކޮޅުވާ މައިގަނޑު ސަބަބު އޭނާ ކުރުކޮށް ވިދާޅުވެދެއްވިއެވެ.





