ދިވެހި|English Sep 17, 2026 · 17:24
Top banner
Advertisement
ޒަމާނީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް: ސީޕީ
News

ޒަމާނީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް: ސީޕީ

ހިރި ނިއުސްހިރި ނިއުސްSep 17, 2026

ޒަމާނީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ "ގައިޑްލައިން އޮން ކްރިއޭޝަން އެންޑް މެނޭޖްމަންޓް އޮފް ވިމަން އިން ޕޮލިސިން ޑޭ" ގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. ސީޕީ ވިދާޅުވީ އަންހެން ފުލުހުން މުޖުތަމައަށް ކޮށްދެއްވާ އިޚްލާސްތެރި ޚިދުމަތަށާއި، ދައްކަވާ ހިތްވަރާއި ސާބިތުކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.  "މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމާއި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުން ފެށިގެން، ތަހުގީގުތައް ލީޑުކުރުމާއި ފްރަންޓްލައިންގެ މަސައްކަތްތަކާ ހަމައަށް،" އަންހެން ފުލުހުންގެ ޚިދުމަތް ލިބޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

އަންހެން ފުލުހުން ޚިދުމަތް ދެއްވަމުން ގެންދަވަނީ ކެރުމާއި، ޕްރޮފެޝަނަލްކަމާއި، އޯގާތެރިކަމާއެކު ކަމަށާއި އެހެން ކަމުން އެންމެހައި އަންހެން ފުލުހުންގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

 "މި އަހަރުގެ ޝިއާރު ބިނާވެފައިވަނީ، ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާއި، ހިދުމަތާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރުމާއެކު، ލީޑަރޝިޕާއި ފަންނީގޮތުން ކުރިއަރައި ދިއުމަށާއި ޕޮލިސިންގގެ ހުރިހާ ދާއިރާއެއްގައިވެސް ހިދުމަތް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މައްޗަށެވެ."

ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން އޮފިސަރުންނަކީ ހަމައެކަނި ވަކި ދާއިރާތަކެއްގެ މަސައްކަތަށް އަހުލުވެރި ވެފައިވާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި، ފްރަންޓްލައިން ޕޮލިސިންގ، ހާއްސަ ތަހުގީގުތައް، ކޮމިއުނިޓީ ޕޮލިސިންގ، އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން، އިންޓެލިޖެންސް، ފޮރެންސިކް އަދި ޓެކްނިކަލް މަސައްކަތްތަކުގެ އިތުރުން، ތަމްރީނާއި، އިދާރީ ހިންގުމާއި، ކޮމާންޑު އަދި ލީޑަރޝިޕްގެ މަގާމުތަކުގައި އަންހެން މުވައްޒަފުން ދަނީ މުހިންމު ޒިންމާތަކެއް އަދާކުރައްވަމުން ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަ ކޮށްފައެވެ.

 ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރެވުނީ 2004 ވަނަ އަހަރުއެވެ. އޭރު އެ ޚިދުމަތުގައި ތިބީ އެންމެ 64 އަންހެން އޮފިސަރުންނެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ތަމްރީނުތަކުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމާއި، ވިހެއުމާ ގުޅިގެން ލިބޭ އިނާޔަތްތައް ހަރުދަނާކުރުމާއި، އެކަށީގެންވާ ހާލަތްތަކުގައި އަމިއްލަ ރަށުގައި މަސައްކަތްކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ފަދަ ސިޔާސަތުތަކުގެ ތެރެއިން އަންހެނުންގެ ހިއްސާ ވަނީ ވަރަށް ބޮޑަށް އިތުރުކުރެވިފައެވެ.

ވިމަން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން، އަތޮޅުތެރޭގައި މަސައްކަތްކުރާ އަންހެން ފުލުހުންވެސް ޝާމިލުވާ ގޮތަށް މުޖުތަމައަށް ހެޔޮ ފޯރުވައިދިނުމުގެ ގޮތުން "އެކްޓް އޮފް ކައިންޑްނަސް" ހަރަކާތް ހިންގުމާއި، ވަޒީފާގެ މާހައުލުގައި ހުރި ގޮންޖެހުންތަކާއި ފަންނީ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް "ވިމެން އިން ޕޮލިސް ފޯރަމް" ބޭއްވުމުގެ އިތުރުން، ޓީމް ބިލްޑިންގ ހަރަކާތްތަކާއި އެކުވެރިކަން ބަދަހިކުރުމުގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުނާސަބަތާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ބާއްވާ ފޯރަމް އޮންނާނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައި އޮންނާނެއެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 17 ވަނަ ދުވަހަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހަކީ 2021 އޮކްޓޫބަރު 3 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައިގަތް "ގައިޑްލައިން އޮން ކްރިއޭޝަން އެންޑް މެނޭޖްމަންޓް އޮފް ވިމަން އިން ޕޮލިސިން ޑޭ" ގެ ދަށުން ރަސްމީކޮށް ފާހަގަކުރަން ފެށި ދުވަހެކެވެ.

 

 

 

Related News