ދިވެހި|English Sep 18, 2026 · 13:17
Top banner
Advertisement
އިސްލާމީ މުޤައްދަސް ބިންތައް ފިތުނަ އުފައްދަން ބޭނުންކޮށްގެން ނުވާނެ: އީރާންއީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ
World

އިސްލާމީ މުޤައްދަސް ބިންތައް ފިތުނަ އުފައްދަން ބޭނުންކޮށްގެން ނުވާނެ: އީރާން

ޟޟަމްރަތު އަހްމަދުSep 17, 2026

އިސްލާމީ މުޤައްދަސް ބިންތައް ސިޔާސީކޮށް، ފިތުނަ އުފެއްދުމަށާއި ސަރަޙައްދީ ނުތަނަވަސްކަން އިތުރުކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ހަދައިގެން ނުވާނެކަމަށް ވިދާޅުވެ އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ އިންޒާރު ކުރައްވައިފި ކަމަށް އައިއާރުއެންއޭއިން ބުނެފިއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ "އިސްލާމީ މުޤައްދަސް ބިންތަކަށް، ޚާއްޞަކޮށް މައްކާއާއި، މަދީނާއާއި، އަލްއަޤްޞާ މިސްކިތަށް ދެވޭ ކޮންމެ ޙަމަލާއެއް، އަދި އެތަންތަނުގެ ޙައްޖާޖީންނާއި އާންމުންނަށް ދެވޭ ކޮންމެ އިންޒާރެއް ކުށްވެރިކުރަން،" ކަމަށެވެ.

"އެއާއެކު، މައްކާއަށް ދަތުރުކުރި ޑްރޯނެއް ހުއްޓުވިކަމަށް ކުރެވޭ ދަޢުވާއަކީ ވަކި ފަރާތަކަށް ތުހުމަތު ކުރުމަށް ފުދޭ ސަބަބެއް ނޫން،" އޭނާ ވިދާޅުވެފައިވެއެވެ. ޚާއްސަކޮށް މި ދަޢުވާއަށް ޔަމަނުން ވަނީ އިންކާރުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"އީރާނުން ތަކުރާރުކޮށް އެދެނީ އިސްލާމީ މުޤައްދަސް ބިންތަކުގެ މައްސަލަ ސިޔާސީކުރުމާއި ސެކިއުރިޓީ މައްސަލައަކަށް ހެދުން ހުއްޓުވުމަށާއި، ފިތުނަ އުފެއްދުމަށާއި ސަރަޙައްދީ ނުތަނަވަސްކަން އިތުރުކުރުމަށް އެތަންތަން ބޭނުން ނުކުރުމަށް،" އޭނާ ވިދާޅުވެފައިވެއެވެ.

ބަޤާއީ ވިދާޅުވެފައިވަނީ ހައްދުފަހަނައަޅާފައިވާ ސަހްޔޫނީ ދައުލަތާއި އެދައުލަތަށް ތާއަބަދު ވާގިވެރިވާ އެމެރިކާއިން މެދުއިރުމަތީގައި ހިންގާ ޖަރީމާތަކަށް އާންމުންގެ ސަމާލުކަން ކުޑަކުރުމަށެވެ. އަދި އިސްލާމީ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް، ހިންގާފައިވާ 'ފޯލްސް ފްލެގް' (އޮޅުވާލައިގެން ހިންގާ) ޢަމަލުތައް ހަނދާން ނައްތާލައިގެން ނުވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ޕޯސްޓު ނިންމަވާލައްވަމުން ބަޤާއީ ވަނީ ސަރަޙައްދީ ޤައުމުތަކަށް "ސަމާލުވެ، ރައްކާތެރިވެ ތިބުމަށް" އިލްތިމާސް ކުރައްވައިފައެވެ.

 

Related News