އެކުވެރި ދައުލަތްތަކުގެ (އދ) އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން، ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވީ އީރާނުން އެއްބަސްވުމަކަށް ނައިސްފި ކަމަށްވާނަމަ އެގައުމު "ސުންނާފަތިކޮށްލެވިދާނެ" ކަމަށެވެ. މި އިންޒާރާއެކު އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) ގެ ސެކްރެޓަރީ މުހްސިން ރެޒާއީ ވިދާޅުވީ އީރާނުގެ ޑިޕޮލަމަސީ ދެން ބަދަލެއް ނުވާނޭ ކަމަށެވެ. "މަޝްވަރާކުރުން ދެން ނިމުނީ. އަމަލީ ފިޔަވަޅު އަޅަންޏާ އަޅާ،" އޭނާ އެމެރިކާއަށް ރައްދު ދެއްވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާއާއެކު އީރާނުން ކުރިން ގެންގުޅުނު ޑިޕްލޮމެޓިކް އުސޫލުތަކަށް އެނބުރި ދެން ނުދާނޭ ކަމަށެވެ. އަދި ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އަމަލުކޮށް، "އަމަލީ ފިޔަވަޅު އެޅުމަށް،" ވޮޝިންގްޓަނަށް އޭނާ ގޮވާލެއްވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ "އީރާނުގެ އައު ޑިޕްލޮމެސީ މާޒީއަށް އެނބުރިއެއް ނުދާނޭ" ކަމަށެވެ. އޭނާ ވިދާޅުވީ އީރާން މިހާރު ވަނީ އިސްތިރާތީޖީ ގޮތުން އާ އުސްމިނަކަށް ވާސިލްވެފައި ކަމަށެވެ.
"އީރާނު ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި، އެފަރާތަށް އަންގާފައިވާ ޝަރުތުތަކަށް ތަބާވުމަށް އަހަރެމެން އެމެރިކާއަށް މަޖުބޫރުކުރާނަން. އެހެން ނޫންނަމަ، ހޯރްމުޒް ކަނޑުއޮޅިއެއް ނުހުޅުވޭނެ،" އޭނާ ވިދާޅުވިއެވެ.





